ހޯމް މިނިސްޓަރ ޢަލީ އިޙްސާން.. ފޮޓޯ: އަވަސް މީޑިއާ

ރައްޔިތުންގެ ފުރާނަ ރައްކާތެރި ކުރުމަށްޓަކައި ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެ: އިހުސާން

އެއްވެސް މީހެއް އިސްތިސްނާ ނުކޮށް ހުރިހާ ރައްޔިތުންގެ ހަށިގަނޑާއި ފުރާނަ ރައްކާތެރި ކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި އެމްޑީޕީގެ ސިޔާސީ އެކްވިސްޓަކު ކުރި ޕޯސްޓަކާއި ގުޅިގެން އެ މީހާ ފުލުހަށް ހާޟިރުކުރުމުން އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާޢީލް އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

އިޙްސާން ވިދާޅުވީ  އެމީހާ ކުރި ޕޯސްޓުގައި ލިޔެފައި މިއޮތީ "މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި!" މިހެން ކަމަށާއި، މި ޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއް މަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާގޮތަށް އޮތުމުން މިކަމުގެ ތަފްސީލު ހޯދާ މިކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

‏އެ ޕޯސްޓްގައި ވަޒީރު އިޙްސާން ވަނީ މީހަކު މިފަދަ އިބާރާތެއް ފައްޔާޒަށް ނިސްބަތްކޮށް ނުވަތަ ދޭހަވާގޮތަށް ބުނެފިނަމަ އެއީ ޚިޔާލުފާޅުކުރީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ ސުވާލު ކުރައްވާފައެވެ. އަދި އަޅާނުލާ ތިއްބާ މަގެއްމަތިން ފައްޔާޒު ފެނި ޖިސްމާނީ އަނިޔާއެއް ދީފިނަމަ އެއީ ފާޅުކުރި ޚިޔާލު އިތުރަށް ސާފުކޮށްދިނީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯވެސް ސުވާލު ކުރައްވާފައެވެ.

އިޙްސާން ވަނީ ފައްޔާޒްގެ ޒަޢާމަތެއްގައި މިގައުމުގައި ކަންކަން އޮންނާނެގޮތަކީ މިއީތޯވެސް ސުވާލު ކުރައްވާފައެވެ. އިޙްސާން މިފަދައިން ސުވާލުކުރައްވާފައިވާއިރު ފައްޔާޒް ވަނީ އެމްޑީޕީގެ ރިޔާސީ ރޭހަށް ނިކުމެވަޑައިގަންނަވާނެކަން އިޢްލާންކުރައްވާފައެވެ.

‏"ޔަގީނުންވެސް މިސަރުކާރުގައި އެއްވެސް ބޭފުޅެއް އިސްތިސްނާ ނުކޮށް އެމީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ. ހަމައެއާއެކު ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިމުގެތެރޭގައި ހިޔާލުފާޅުކުރެވޭނެ އެންމެ ފުޅާމިނަށް އެކަން ކުރެވޭނެ މަގު އޮންނާނީ އަބަދުވެސް ހުޅުވިފައި،". ވަޒީރު އިހުސާން ވިދާޅުވެފައި ވެއެވެ.

‏މީގެ އިތުރުން ވަޒީރު ވަނީ ކޮންމެ ކަމަކީ ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމެއްކަންވެސް ފާހަގަކުރައްވާފައެވެ.

advertisement
ހިޔާލު ދެއްވާ!