މާފަށް އެދުން... ބީރަށްޓެހިވަމުންދާ އަޚްލާޤެއް

އިންސާނާއަކީ ފިޠުރީ ގޮތުން އޭނާގެ ނަފްސަށް ހެވާއި ލާބަ އެދޭ މަޚްލޫޤެކެވެ. ނުބައިކަމަށް ނަފްރަތްތެރިވާ ކާއިނެކެވެ. ހެވާ އެކު އޭނާގެ ނަފްސަށް ހިތްހަމަޖެހުން ލިބެއެވެ. ނުބަޔާ އެކު އެނާގެ ނަފްސަށް ހާސްކަންލިބި ކަންބޮޑުވެއެވެ. އިންސާނާއަކީ ކުށަށް ހާސާވެގެންވާ މަޚްލޫޤެކެވެ. ތަޤްވާވެރިން ވެސް ކުށުން ސަލާމަތްވެގެން ނުވެއެވެ. އެހެނަސް އެމީހުންނަކީ ކުށެއް ކުރެވޭ އިރަށް ﷲގެ ޙަޟްރަތަށް އެނބުރި ގޮސް ތައުބާވެ ޢަހްދުކަށަވަރު އައުކުރާ ބައެކެވެ. ކައު ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((كلُّ ابنِ آدمَ خطّاءٌ، وخيرُ الخطّائينَ التَّوّابونَ[1] -ކޮންމެ އާދަމުގެދަރިއަކީ ގިނަގިނައިން ކުށްކުރެވޭ މީހެކެވެ. ކުށްކުރެވޭ މީހުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ ގިނަގިނައިން ތައުބާވާ މީހާއެވެ.))

ތަޤްވާވެރިންނަކީ ކޮން ބައެއް ކަން  ބަޔާންކުރައްވައި އަރަހުށި މާތް ﷲ ވަޙީކުރެއްވިއެވެ. ((وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ [2]-އަދި އެއުރެން ހެއުކަންތައް މެދުވެރިކޮށް ނުބައިކަންތައް ދިފާޢު ކުރެތެވެ.)) އެހެންކަމުން ބުއްދިވެރި ގޮތަކީ ތިމާގެ ކުށަށް އިޢުތިރާފުވުމެވެ. ޙައްޤަށް ރުޖޫޢަވުމެވެ. އެ ކުށަށް އެނބުރިނުދިޔުމަށް ޢަޒްމު ކަނޑައެޅުމެވެ.

ނަބީބޭކަލުންނާއި ޞާލިޙުންގެ މަގު

ﷲ ސުބްޙާނަހޫ ވަ ތަޢާލާ އިންސާނާގެ މައިންބަފައިންގެ ސުވަރުގޭގެ ވާހަކަތައް ބަޔާންކޮށްދެއްވީ މަޢާފަށް އެދުމުގެ ފިޤްހު އުނގަންނާ ދެއްވާށެވެ. އިންސާނާގެ ބަފާކަލުންނާއި މައިކަމަނާއަށް ކުށެއް ކުރެއްވުމުން އެ ދެކަނބަލުން  ބޮޑާވެވަޑައެއްނުގަންނަވައެވެ. އެ ދެކަނބަލުން ﷲގެ ޙަޟްރަތުން ތައުބާވެވަޑައިގަންނަވާނެ ގޮތް ދަސްކުރެއްވިއެވެ. ﷲ ތަޢާލާ އާދަމުގެފާނަށް ބަސްފުޅުތަކެއް ދަސްކޮށްދެއްވިއެވެ. އެ  ބަސްފުޅުތައް ލުއިވިޔަސް އޭގެ ނަތީޖާ ވަރަށް ފޮންޏެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((فَتَلَقَّىٰٓ ءَادَمُ مِن رَّبِّهِۦ كَلِمَٰتٍ فَتَابَ عَلَيْهِ ۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ[3] – ފަހެ، އާދަމްގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ކަލިމަފުޅުތަކެއް ބާވައިގަންނަވައި (އެ ކަލިމަފުޅުތައް ވިދާޅުވެ، ތައުބާވެވަޑައިގަތުމުން) ފަހެ، އެކަލާނގެ އެކަލޭގެފާނުގެ މައްޗަށް ތައުބާ ލައްވައިފިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ. ))

އިމާމު ރާޒީ ވިދާޅުވާ ގޮތުގައި މާތްﷲ އާދަމުގެފާނަށް މި ދަސްކޮށްދެއްވި ކަލިމަތަކާ މެދު ޢިލްމުވެރިންގެ ރައުޔު ތަފާތެވެ. އެންމެ ބުރަވެވޭ ބަހަކީ މި ކަލިމަތަކަކީ (( قَالَا رَبَّنَا ظَلَمْنَآ أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ ٱلْخَٰسِرِينَ [4]– އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސުތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. ))

މާތް ﷲ އާދަމުގެފާނަށާއި އެކަލޭގެފާނުގެ އަނބިކަނބަލުން ޙައްވާގެފާނަށް ފަރިއްކުޅުއްވުން މަނާކުރައްވައިފައިވާ ގަހުން ފަރިއްކުޅުއްވުމުގެ ސަބަބުން އެ ދެކަނބަލުން ބަރަހަނާވެވަޑައިގަތެވެ.

މި ކުށަށް މާފަށް އެދިވަޑައިގަތުމަށް މާތް ﷲ އާދަމުގެފާނުގެ ދެކަނބަލުންނަށް އެންގެވީ ކީއްވެގެން ހެއްޔެވެ؟ އެއީ އަދަބެވެ. އެއީ އުނގަންނާދިނުމެވެ. އެއީ ތަރްބިޔަތެވެ. އެއީ ތަމްރީނެވެ. ލަދުވެތިވުމުގެ އަދަބެވެ. ކުށެއް ކުރެވުމުން ތަވާޟުޢުވުމެވެ. މާފަށް އެދޭނެގޮތުގެ ފިޤްހެވެ. ކުށަށް އިޢުތިރާފުވުމުގެ ތަރްބިޔަތެވެ.  ތައުބާވާނެ ގޮތުގެ  ތަމްރީނެވެ. އާދަމުގެފާނުގެ ކުށަށް އިޢުތިރާފުވެވަޑައިގަތީ ވަރަށް ސާފު ޞަރީޙަ ބަހުންނެވެ. އެކަލޭގެފާނު އެކަލޭގެފާނު ނަފްސު ސިފަކުރެއްވީ އަނިޔާވެރިއެއް ކަމަށެވެ. ފާފައިގެ އަލިފާނުގެ ކަނިތައް ބުރަން ފެށުމުން ﷲގެ ރަޙްމަތްފުޅަށް ބޭނުންފުޅުވެ ވަޑައިގަތެވެ. އެކަމަށް ދެރަފުޅުވެ ﷲގެ ޙަޟްރަތުގައި މާފަށް އެދިވަޑައިގަތެވެ. އާދަމުގެފާނާ އިބްލީހުގެ ތަފާތު ކިހާ ބޮޑުހެއްޔެވެ؟ އާދަމުގެފާނަށް ކުރެއްވުނު ކުށަށް ދެރަފުޅެވެ ތަވާޟުޢުވެރިވެވަޑައިގަތެވެ. އެއާ ޚިލާފަށް އިބްލީސް އޭނާގެ ކުށް ޤަބޫލެއް ނުކުރިއެވެ. އޭނާގެ ބޮޑާކަން ވީ އިތުރެވެ.

ނަބީބޭކަލުންނާއި ޞާލިޙުން އެބޭކަލުންގެ ކުރީގެ ހެޔޮ ސަލަފުން އަރިހުން މި ފިލާވަޅު އުނގެނިވަޑައިގެންފައި ވެއެވެ. ސަލާމުލެއްވި މޫސާގެފާނު މިޞްރު މީހަކަށް ޙަމަލާދެއްވައި އޭނާ މަރައިލެއްވުމަށް ފަހު އެކަލޭގެފާނުގެ ބާރުފުޅުގަދަކަމާއި ހިތްވަރުފުޅުގަދަކަމުގެ ތަރާނާއިން ބެރެއް ނުޖައްސަވައެވެ. ތިމަންކަލޭގެފާނު ކިހާ މޮޅުހެއްޔެކޭ ވިދާޅެއްނުވެއެެވެ. އެކަލޭގެފާނު ދެކެވަޑައިގެންނެވި ގޮތުގައި މިއީ އެކަލޭގެފާނުގެ  ނަފްސަށް ކުރެއްވުނު އަނިޔާއެކެވެ. މާތް ﷲ މިކަން ބަޔާންކުރައްވައި ވަޙީކުރެއްވިއެވެ. ((قَالَ هَٰذَا مِنْ عَمَلِ ٱلشَّيْطَٰنِ ۖ إِنَّهُۥ عَدُوٌّ مُّضِلٌّ مُّبِينٌ. قَالَ رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي فَغَفَرَ لَهُ إِنَّهُ هُوَ الْغَفُورُ الرَّحِيمُ[5] – އެކަލޭގެފާނު ވިދާޅުވިއެވެ. މިކަންތައް މިވީ ޝައިޠާނާގެ ޢަމަލުގެ ތެރެއިންނެވެ. ހަމަކަށަވަރުން، އެ ޝައިޠާނާއީ، ބަޔާންވެގެންހުރި މަގުފުރައްދާ ޢަދާވާތްތެރިޔެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ނަފްސަށް އަޅު އަނިޔާކޮށްފީމެވެ. ފަހެ، މިއަޅާޔަށް އިބަރަސްކަލާނގެ ފާފަފުއްސަވާނދޭވެ! ދެން އެކަލާނގެ، އެކަލޭގެފާނަށް ފާފަފުއްސެވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.))

ބަލްޤީސް ރަނިކަމަނާ ވެސް އެކަމަނާގެ ކުށަށް އިޢުތިރާފުވެވަޑައިގަތެވެ. އެކަމަނާ ބޮޑުފުޅުވި ވެށި ޝިރްކުގެ މާޙައުލަކަށް ވެފައިވާ އިރުގައި ވެސްމެއެވެ. ކީރިތި ޤުރްއާނުގައި މާތްﷲ މި ކަން ބަޔާންކުރައްވައި ވަޙީކުރެއްވިއެވެ. ((قَالَتْ رَبِّ إِنِّى ظَلَمْتُ نَفْسِى وَأَسْلَمْتُ مَعَ سُلَيْمَٰنَ لِلَّهِ رَبِّ ٱلْعَٰلَمِينَ [6]– އެކަމަނާ ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ އަމިއްލަ ނަފްސަށް އަޅު އަނިޔާވެރިވެއްޖައީމެވެ. އަދި ސުލައިމާނުގެފާނުގެ އަރިހުގައިވެ، ޢާލަމްތަކުގެވެރި اللَّه އަށް ބޯލަނބައި، ކިޔަމަންވެއްޖައީމެވެ.)) އެކަމަނާގެ ޖާހިލީ ޒަމާނުގެ ޢަމަލުތަކާމެދު ލަދުފުޅުގަތުމާ ވިދިގެން އެކަމަނާ ވިދާޅުވިއެވެ.(( ظَلَمْتُ نَفْسِىއަޅުގެ އަމިއްލަ ނަފްސަށް އަޅު އަނިޔާވެރިވެއްޖައީމެވެ.))

 

View this post on Instagram

 

A post shared by Cute Closet (@cuteclosetmv)

މިއަދުގެ  ތަހްޒީބީ މުޖްތަމަޢުގައި ކުށެއްނެތް އެތައް ބަޔަކު މަރަމުންދާ ހަނގުރާމައިގެ މުޖްރިމުން އެ މީހުން ކުށް ޤަބޫލެއް ނުކުރެއެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލުހޭދު ކުރަމުންދާ އިސްރާއީލުގެ ވެރިން ބޮޑާކަމާއި ލަދުކުޑަކަމާއެކު އެ ބުނަނީ  އަހުރެމެންނަށް ތަބާވާންޖެހޭ ބައިނަލްއަޤްވާމީ ޤާނޫނެއް ނޯންނާނެއެވެ. އެމީހުންގެ ކުށަށް ބަހަނާތައް ދެއްކުމަށް ޓަކައި ހަދަމުންދަނީ ދޮގެވެ.

ކުށަށް އިޢުތިރާފުވުމަކީ ވަރަށް މާތް ސިފައެކެވެ. ވިސްނުން ދޮންވެ ފައްކާވެފައިވާ ކަމުގެ ޢަލާމަތެކެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިއީ ނަފްސާނީ ޞިއްޙަތަށް ވެސް ވަރަށް ފައިދާހުރި ކަމެކެވެ. އެއީ އޭނާގެ ނަފްސަށް ކުރެވޭ އިޙްތިރާމަކަށް ވާތީއެވެ. ބައެއް މީހުން ހީކުރާގޮތުގައި ކުރެވޭ ކުށަށް އިޢުތިރާފުވުމަކީ އެމީހުންގެ ޒާތަށް ކުރެވޭ އިހާނެތިކަމެކެވެ. ބޭއިންސާފެކެވެ. މިހެންވެ އެމީހުން މި އުނިކަން ދުރަށްލެވޭތޯ ބާޠިލު ގޮތުގައި ޖަދަލުކުރެއެވެ. މިއީ ނަފްސުގެ ދިފާޢީ ޙީލަތް ކަމަށް ބުނެތެވެ.

ދިރާސާތައް ބުނާގޮތުގައި އިންސާނާގެ ކިބައިން ދިފާޢީ ޙީލަތުގެ 315 ބާވަތުގެ ޙީލަތް ފެނިފައިވެއެވެ. ހުރިހާ ޙީލަތްތަކަކީ ނުބައި ޙީލަތްތަކެއްނޫނެވެ. އޭގެ ތެރޭގައި ފައްސި ޙީލަތްތަކާއި ނައްސި ޙީލަތްތައް ވެއެވެ. އެންމެ ބޮޑަށް ފެތުރިފައިވާ ނައްސި ޙިލަތަކީ ބޮޑާކަމާއެކު ދޮގު ބަހަނާ ދެއްކުމުގެ ޙީލަތެވެ. ދޮގު ބަހަނާއަކީ ލާއަޚްލާޤީ ޙީލަތެކެވެ. މާތް ﷲ ލަޢުނަތްލެއްވި އިބިލީހަށް އާދަމުގެފާނަށް ސަޖިދަނުކުރީ ކީއްވެގެންތޯ ﷲ ސުބުޙާނަޙޫ ވަ ތަޢާލާ ސުވާލުކުރެއްވުމުން އެކަލޭގެ ދެންނެވިއެވެ. (( فَسَجَدَ ٱلْمَلَٰٓئِكَةُ كُلُّهُمْ أَجْمَعُونَ ﴿٧٣﴾‏ إِلَّآ إِبْلِيسَ ٱسْتَكْبَرَ وَكَانَ مِنَ ٱلْكَٰفِرِينَ ﴿٧٤﴾‏ قَالَ يَٰٓإِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَىَّ ۖ أَسْتَكْبَرْتَ أَمْ كُنتَ مِنَ ٱلْعَالِينَ ﴿٧٥﴾‏ قَالَ أَنَا۠ خَيْرٌ مِّنْهُ ۖ خَلَقْتَنِى مِن نَّارٍ وَخَلَقْتَهُۥ مِن طِينٍ[7] – މާނައީ: ފަހެ، މަލާއިކަތުން، އެ އެންމެން އެކުގައި ސަޖިދަ ކުރައްވައިފޫއެވެ. (73) އިބިލީސް މެނުވީއެވެ. އެކަލޭގެ ބޮޑާވެ، ކާފިރުވި މީހުންގެ ތެރެއިންވިއެވެ. (74) އެކަލާނގެ ވަޙީކުރެއްވިއެވެ. އޭ އިބިލޭހެވެ! ތިމަންރަސްކަލާނގެ ޔަދު ޤުދުރަތްފުޅުން (އެއްވެސް ވާސިޠާއަކާ ނުލައި) ހެއްދެވި މީހަކަށް ސަޖިދަކުރުން ކަލޭގެޔަށް މަނާކުރީ ކޮންކަމެއްހެއްޔެވެ؟ ކަލޭގެ (ސަޖިދަ ކުރުމަށް) ބޮޑާވެގަތީހެއްޔެވެ؟ ނުވަތަ ކިބުރުވެރިވެގަތް މީހުންގެ ތެރެއިން ކަލޭވީހެއްޔެވެ؟ (75) އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ ތިމަން، މާމޮޅެވެ. އިބަރަސްކަލާނގެ ތިމަންހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށިންނެވެ. )) އޭނާ ﷲއަށް އުރެދުނީ އާދަމުގެފާނަށް ވުރެ އޭނާ މޮޅުކަމަށް ފެނިގެންނެވެ. މަށްޓަށް ވުރެ އަލިފާން މޮޅުވާނެ ކަމަށް ތަޞައްވުރު ކުރެވިގެންނެވެ.

އިމްތިޙާނުގައި ފޭލުވާ ދަރިވަރު ބުނާނީ އަހުރެން ފޭލުކޮށްލީއެވެ. މުދައްރިސް ނަޒާހަތްތެރިކަމާ އެކު ސުވާލު ކަރުދާސް މާކުނުކުރީތީއެވެ. އެއީ އަހުރެން ފިލާވަޅު ދަސްނުކޮށްގެން ވީ ކަމެއްނޫނެވެ. އިންތިޚާބުގައި ދެރަވާ ކެންޑިޑޭޓު ވެސް ބުނަނީ މި ކަހަލަ ކޫސަނި ވާހަކަތަކެކެވެ. މަގޭ ވާދަވެރިޔާ ވޯޓުތައް ގަނެލީއެވެ. މަށަށް އެ ވަރަށް ފައިސާ ނުލިބުނީއެވެ.

އެމީހުން ހީކުރާ ގޮތުގައި އެހެން މީހުންގެ ބޮލެއް ނެތެވެ. އެމީހުން ދައްކާ  ކޮންމެ ވާހަކައެއް އަނެކުން ޤަބޫލުކުރާނެއެވެ. މިއީ އިބިލީސް ފަދައިން އޭނާގެ އަމިއްލަ ނަފްސު މާ މޮޅުކަމަށް ފެނުމުގެ ނަތީޖާއެވެ. އޭނާއަށް ޖެހިފައި މި ވަނީ "ނަފްސު މަތިވެރިވުމުގެ"  މޮޔަބައްޔެވެ. އޭނާއަކީ ވަރަށް އުސް ވަރަށް ބިޔަ ފަރުބަދައެކެވެ. އެހެން މީހުންނަކީ ބިންމަތީގައި ވާ ވެލިކޮޅެކެވެ. އެންމެން އޭގެ މައްޗަށް އަރާނެއެވެ.

ބައްޕަ ދަރިންގެ ކިބައިން މާފަށް ނޭދޭނަމަ އެ ކުދިންނަށް އެ ދެވެނީ ބޮޑާކަމާއި ފޮނިކަމުގެ ފުރަތަމަ ދަރުހެވެ. ދަރިންނަށް ކުރާ ވަޢުދުތައް ފުއްދައިނުދެވުމުން ބައްޕަ އެކުދންގެ ކިބައިން މާފަށް އެދޭނަމަ ބައްޕަގެ ފަރާތުން އެކުދީންނަށް މާފަށް އެދުމުގެ ފިޤްހު ދަސްވާނެތެވެ. ބައްޕަ މަންމައަށް އިޙްތިރާމުކުރާނަމަ ދަރީންނަށް އިޙްތިރާމުކުރުމާއި ތަވާޟުޢުވުމުގެ ދަރުސްތައް ދަސްވާނެއެވެ. ނުބައި ތަރްބިޔަތެއްގެ މަތީގައި ބޮޑުވަމުންދާ އިރު އޭނާގެ ޙަޔާތްކެނޑެމުންދާނެއެވެ. ބޮޑާވާ އިރު ލަދެއް ނުހުންނާނެތެވެ. އެއާއެކު އޭނާގެ އީމާންކަން އާތްވަށް އަރައިގެންދާނެއެވެ. ކީރިތި ރަސޫލާ ޙަދީސްކުރެއްވިއެވެ. ((الحَياءُ شُعْبَةٌ مِنَ الإيمانِ[8] – ލަދުވެތިކަމަކީ އީމާންކަމުގެ ބައިތަކުގެ ތެރެއިން ބައެކެވެ.))

އަމިއްލަ ނަފްސު ބަލައިހިސާބުކުރުން

މި ބައްޔަށް ފަރުވާ ދެވޭނީ ފިޔަވަހިކޮށެވެ. ފުރަތަމަ ފިޔަވައްސަކީ ކުށް ދެނެގަތުމެވެ. ތިމާގެ ޒާތާ މެދު ވިސްނައި ބަލައިގެން މެނުވީ މި ކަމެއް ނުކުރެވޭނެއެވެ. ތިމާގެ ސުލޫކު ރަނގަޅުކޮށްގެން މެނުވީ މި ކަމެއް ނުކުރެވޭނެއެވެ. މިއީ އަމިއްލަ ނަފްސު ބަލައި ހިސާބުކުރުމެވެ. ދުރުހެލިވާން ޖެހޭ ފުރަތަމަ ކަމަކީ ހެއްލުންތެރިކަމާ އެއްކިބާވުމެވެ. ހެއްލުންތެރިކަމުގެ ސަބަބުން ޙައްޤު ކަނުވެގެންދާތީއެވެ. އިިބިލީހަށް ވީ މި ގޮތެވެ. އޭނާގެ ނަފްސު މޮޅުކަމަށް ފެނި ހެއްލުންތެރިވީއެވެ. ޙައްޤު އޮޅުނީއެވެ. މާތް  ﷲ ޙައްޤު ބަޔާންކޮށްދެއްވުމުން އެކަލޭގެއަށް މި ޙައްޤު ދެނެއެއް ނުގެނެވުނެވެ.

ބޭނުން ވަނީ ލަދުވެތިކަމުގެ ސަޤާފަތް އަލުން ދިރުވާށެވެ. މާތް އަޚްލާޤުގެ އަސާސަކީ ލަދުވެތިކަމެވެ. އެއީ ހަށިގަނޑުގެ ނާރުތައް  ފަދަ އެއްޗެކެވެ. އޭގެ ކުޑަކަމާ އެކުގައި ވެސް އެއީ ދިރުމާއި ހެދުމާއި އާރެވެ.

 

ބައެއް ބަސްތަކުގެ މާނަ:

ކާއިނު: ކައުނުގައިވާ ދިރޭ އެއްޗެއް ނުވަތަ މަޚުލޫޤެއް.

ބާވައިގަތުން: ގަބޫލު ކޮށްގަތުން. މިއީ މަތީ ފަރާތަކުން ލިބޭ ލިބުމެއް ލިބިގަތުމެވެ. މި ބަސް ނިސްބަތް ކުރެވެނީ الله ގެ ވަޙީ ބަސްފުޅަށެވެ.

ނަސްލުހޭދު: އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.

ފައްސި: ގަބޫލުވެވޭ ނުވަތަ ރުހެވޭ.

ނައްސި: ނޭދެވޭ ނުވަތަ ނުރުހެވޭ.

 

ޙަވާލާ:

[1]  – أخرجه الترمذي (٢٤٩٩)، وأحمد (١٣٠٤٩) وابن ماجه (٤٢٥١)

[2]  – القصص: 54

[3]  – البقرة: 37

[4]  – الأعراف: 23

[5]  – القصص: 15، 16

[6]  – النمل: 44

[7]  –  ص : 73- 76

[8]  – أخرجه البخاري (٩)، ومسلم (٣٥)

advertisement
ހިޔާލު ދެއްވާ!