ސަރުކާރަށް ފާޑުކިޔައިގެން އަދަބު ދިނުމުގެ ބިރުވެރި މާޒީ އަލުން އިޔާދަކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައީސް ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތަކަށް ފުލުހަށް ހާޒިރުކުރުމާއި ކައުންސިލްތަކަށް އިންޒާރުގެ ސިޓީ ފޮނުވުމަކީ ދިވެހި ރައްޔިތުން ބުރަ މަސައްކަތުން ހޯދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
"ސަރުކާރަށް ފާޑުކިޔުން އަމާޒުކުރުމަކީ ކުށެއްގެ ގޮތުގައި ހަދައި އަދަބު ދިނުމުގެ ބިރުވެރި މާޒީ އަލުން އިއާދަކުރަން ސަރުކާރުން މަސައްކަތް ކުރުމަކީ ކަންބޮޑުވާ ކަމެއް" ރައީސް ސޯލިހު ވިދާޅުވިއެވެ.
https://x.com/ibusolih/status/1862891942150897749
ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ހުސެއިން ޝާފިއު (ޗާލްސް ތުއްތު) އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން މާދަމާ ފުލުހަށް ހާޒިރުކުރަން ޗިޓު ފޮނުވުމާ ގުޅިގެންނެވެ. ސޯލިހުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލުވެސް ވަނީ އެކަން ކުށްވެރިކޮށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
ފުލުހުން ޝާފިއުއަށް ފޮނުވި ޗިޓުގައި ބުނީ އެ މުއައްސަސާއިން ބަލަމުންދަނީ ނޮވެމްބަރު 8، ގައި ހަޑިހުތުރު ބަސް ބޭނުންކޮށްގެން ބިރުވެރިކަން އުފެދޭ ގޮތަށް، ސޯޝަލް މީޑިއާ ޕްލެޓް ފޯމެއް ކަމަށްވާ "އެކްސް" ގައި އޭނާ ކުރި ޕޯސްޓެއްގެ މައްސަލަ ކަމަށެވެ.
މި ކަމާ ގުޅިގެން އެމްޑީޕީއިން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.