ފޮޓޯ: ރިވާޔާ ނިއުސް

ހުޅުމާލޭގައި ވޯޓާ ޕާކެއް އަޅަން ދިން ކުންފުންޏާ ދެކޮޅަށް އެޗްޑީސީން ހުށަހެޅި މައްސަލަތައް ނަގައިފި

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ހުޅުމާލޭގައި ވޯޓާ ޕާކެއް އަޅަން ހަވާލުކުރި ވޯޓާ ފްރަންޓު ހޮޓެލް އެންޑް ލެޝާ ކުންފުންޏާ ދެކޮޅަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް، އެ ކުންފުނިން އެދިގެން ބާތިލުކޮށްފި އެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމި އެމްޑީޕީގެ ސަރުކާރުން ވޯޓާ ފްރަންޓު ކުންފުންޏާ ދެކޮޅަށް އެޗްޑީސީން ދެ މައްސަލައެއް ހުށަހަޅާފައި ވެ އެވެ. އެއީ ވޯޓާ ޕާކު މަޝްރޫއު ނިންމަން ކަނޑައެޅިފައިވާ މުއްދަތަށް އެޗްޑީސީއަށް ހުށަހަަޅަން ޖެހޭ ޕާފޯމަންސް ސެކިއުރިޓީއަށްވާ ފައިސާއާ ގުޅޭ މައްސަލައަކާއި އެ މަޝްރޫއަށް ވޯޓާ ފްރަންޓާ ހަވާލުކޮށްފައިވާ ދެ ބިމުގެ ކުއްޔާ ގުޅޭ މައްސަލައެކެވެ.

މި ދެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް އެޗްޑީސީން ވަނީ އޮގަސްޓު 22، 2022 ގައި އެއްބަސްވުން ބާތިލުކޮށްފަ އެވެ.

އެ ކުންފުނިން މި މައްސަލަތައް އަނބުރާ ގެނައީ ޕާފޯމަންސް ގެރެންޓީއަށްވާ ފައިސާ އާއި ގެއްލުމުގެ ބަދަލު ހޯދަން ވަކި ދައުވާއެއް ހުށަހަޅަން ބޭނުންވާތީ ކަމަށް ކޯޓުގައި ބުނެފައިވެ އެވެ. އަދި ދައުވާ އަނބުރާ ގެންނަން އެދެނީ އަލުން ދައުވާކުރުމުގެ ހައްގު އޮންނާނޭހެން ދައުވާ ފޯމު ބާތިލުކޮށްދިނުމަށް ވެސް ކޯޓުގައި އެދިފައި ވެ އެވެ.

ކޯޓުން ވަނީ ދައުވާތައް އަނބުރާ ގެންދިޔުމާ މެދު ވޯޓާ ފްރަންޓުން ދެކޭ ގޮތް އޮޅުން ފިލުވުމަށް ފަހު، އެ ކުންފުނިން އިއުތިރާޒު ނުކުރާތީ އެޗްޑީސީން އެދުނު ގޮތަށް ދައުވާ ފޯމުތައް ބާތިލުކޮށްފަ އެވެ.

ހުޅުމާލޭގައި ވޯޓާ ޕާކެއް ހަދަން ވެވުނު އެއްބަސްވުމާ ގުޅިގެން މީގެ ކުރިން ވެސް ކޯޓުގައި މައްސަލަތަކެއް ހިނގާފައި ވެ އެވެ. އެއީ އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން ކޯޓުގައި ހިނގައިދިޔަ މައްސަލަތަކެކެވެ.

އެއްބަސްވުން ބާތިލުކުރި މައްސަލައިގައި ސިވިލް ކޯޓުން މައްސަލަ ނިންމީ އެޗްޑީސީ އާ އެއްކޮޅަށެވެ. ނަމަވެސް ވޯޓާ ފްރަންޓު ކުންފުނިން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ދަށު ކޯޓުގެ ނިންމުން ބާތިލުކުރި އެވެ. ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ނިންމުން ދަމަހައްޓާފަ އެވެ.

ވޯޓާ ޕާކަކާއި ހޮޓަލެއް ތަރައްގީކުރަން، ވޯޓާ ފްރަންޓާ ހުޅުމާލޭގެ ބޮޑު ދެ ބިން ހަވާލުކުރީ 2017 ގަ އެވެ. އެއީ ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން އެ ކުންފުނިން އެ ތަނުގައި ބައެއް އިމާރާތްތައް އަޅާފައި ވެ އެވެ. ނަމަވެސް ކޮވިޑުގެ ދުވަސްކޮޅެއް ކުރިން މަސައްކަތް ހުއްޓުނު ފަހުން އެ ތަނުގައި އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

އެޗްޑީސީން ދާދި ފަހުން އިއުލާންކުރި "ޓްރާންސްފޯމް ޓުމޯރޯ" ޕްލޭންގެ ދަށުން މި ސަރަހައްދުގައި ދެން ވެސް ތަރައްގީކުރަނީ ވޯޓާ ޕާކެކެވެ.

advertisement
ހިޔާލު ދެއްވާ!