ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެންނަން ބުރަކޮށް މަސައްކަތް ކުރި ރައްޔިތެއް އޭނާގެ އިހްސާސް ސޯޝަލް މީޑިއާ އަށް ބަންޑުން ކޮށްލައިފިއެވެ.
އެކްސް ގައި ކުރި ޕޯސްޓެއްގައި މައުމޫން އަލީ(މާނު) ބުނެފައިވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ނިމުމަކަށް ގެންނަން މަސައްކަތް ފެށީ ރައްޔިތުންގެ އިހްސާސްތަކާ ދެކޮޅަށް ގައުމުގެ ކަންކަން ދިޔުމާއި އެންމެ އަސާސީ ކަންކަމުގައި ރައްޔިތުން ސަލާން ޖަހަން ޖެހޭ ޖެހުން ނިމުމަކަށް ގެނައުމުގެ ނިޔަތުގައެވެ. އެގޮތުން ހުޅުމާލޭގައި ބޭއްވި ގިނަ އެއްވުންތައް ބޭއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކަށް އޭނާވާނެ ކަމަށް ބުނެފައިވެއެވެ.
“އަޅުގަނޑު މިއީ ސިވިލްސާރވިސްގައި ހިދުމަތް ކުރާތާ 19 އަހަރުވީ 3 ދަރިންގެ ބައްޕައެއް، ސިޔާސީ މަގާމެއްގަ ނޫޅެން، އެފަދަ މަގާމަކަށް ދިއުމުގެ ވިސްނުމެއްވެސް، ބަލަނީ އަބުރުވެރިކަމާއެކު ހަލާލު ފައިސާއިން ދިރިއުޅެވޭތޯ، ހިޔާ ފިނިޝިން މަސައްކަތަށް ނެގި ލޯނަށް ކަނޑާފައި މަހަކަށް އަތަށް ލިބެނީ 10،500 ރުފިޔާ” މާނު ބުނެފައިވެއެވެ.
މާނު ބުނެފައިވަނީ އޭނާ އާ އެކު ފްލެޓުގައި ދިރިއުޅޭ މައިދައިތައަކީ ކެންސަރަށް ފަރުވާ ހޯދާ ފަރާތެއް ކަމަށާއި ބޭސްފަރުވާ އަށް ދަނީ އާސަންދާ އަދި އެންސްޕާގެ އެހީތެރިކަމާއެކު ކަމަށެވެ. އެގޮތުން ފުރަތަމަ ޓްރީޓްމަންޓަށް ދިޔައީ އިބޫ ސަރުކާރުގައެވެ.
“އޭރު އެންސްޕާއިން އެހީތެރިޔާގެ ދެކޮޅު ޓިކެޓުގެ އިތުރުން 1000 ޑޮލަަރު ދިން. މިސަރުކާރުގައި މިހާރު މިއޮތީ ދެވަން ފަހަރަށް ދާން ޖެހިފައެވެ. މިފަހަރު މައިދައިތަ ގޮވައިގެން ބޭސް ފަރުވާއަށް ދާން އެހީއަށް އެދުމުން އެންސްޕާއިން ދޭން ނިންމީ އެންމެ 3084 ރުފިޔާ. މާނައަކީ މިފަހަރު އަމިއްލަޔަށް ކުރިއަށް ވުރެ ގިނައިން 15،000 ރުފިޔާ ހޯދަން ޖެހޭނެ” މާނު ބުންޏެވެ.
އެކަން ކުރެވޭކަށް ނެތް ކަމަށް މާނު ބުނެފައިވެއެވެ.
ބަލިވެގެން އެހީއަށް އެދޭ ނިކަމެތި ރައްޔިތު މީހާ އަށް އެހީވެވޭނެ ގޮތެއް ނެތް ކަމަށް އާސަންދަ އާއި އެންސްޕާއިން ބުނާއިރު، އެންސްޕާ ހިންގުމުގެ ނަމުގައި އެތައް ފައިސާއެއް ޚަރަދު ކުރަމުންދާ ކަމުގެ އަޑު އިވޭ ކަމަށް މާނު ބުނެފައިވެއެވެ.
“ފައިސާނެތިގެން އެންސްޕާއިން ކެންސަރަށް ފަރުވާ ހޯދަން ދާ މީހަކަށް އެހީ ނުވެވިގެން އުޅޭއިރު ދެން މިއިވެނީ އެންސްޕާގެ އޮފީސް ހިންގަން 30 އެތައް މިލިއަނުން ހަރަދުކޮށް އެޕާޓުމަންޓުތަކެއް ނެގި ވާހަކައެވެ. އަދި އެހިން ބައެއް ނިކަން ބަލި ޓީވީ ސްޓޭޝަނަކަށް ހަރަދު ކުރާ ވާހަކަ” ކަމަށް މާނު ބުނެފައިވެއެވެ.
މާނު ބުނީ އެންސްޕާގެ ފައިސާއިން ޓީވީ ސްޓޭޝަނަށް ހަރަދު ކުރާ ކަމެއް ނޫން ކަމެއް އޭނާއަށް ނޭނގޭ ކަމަށެވެ. ނަމަވެސް އެނގޭހާވެސް އެއްޗަކީ ކެންސަރަށް ފަރުވާ ހޯދަން ދާ ބަލިމީހާއަަށް ކުރިން ލިބުނު 1000 ޑޮލަރުވެސް މިހާރު ނުލިބޭ ކަމެވެ.
މާނު ބުނީ އޭނާއަކީ ކުރިން އެމްޑީޕީއާ ދެކޮޅަށް ހިޔާ ސަރަހައްދުގައި ނިކަން ގިނަ މުޒާހަރާތައްް ކުރުމުގައި އިސްކޮށް ހުރި މީހެއް ކަމަށެެވެ. އެގޮތުން ވެރިކަން ބަދަލުވެ ސިޔާސީ މަގާމުތައްވެސް އޭނާ އަށް އޮފާ ކުރި ކަމަށް މާނު ބުންޏެވެ.
“އެފަދަ މަގާމަކަށް ދާން ބޭނުން ނުވީ އަޅުގަނޑުމެން ނިކުމެ ވަރަށް މަސައްކަތުން ނެގައި ރައީސް މުއިއްޒުގެ ސަރުކާރުގައި އަސާސީ ބޭސްފަރުވާ ފަދަ ހިދުމަތް ހޯދަން ސިޔާވެރިން ފަހަތުން ދުވަން ނުޖެހޭނެ ކަމުގެ ޔަގީންކަން އޮތީމަ”އެވެ.
މިދުއާމް ސައުދު، މަލްޝާ ޝަރީފް، އަހްމަދު އިބްރާހިމް އާދަމް ނަވާޒް، އަހްމަދު އަޒާން ފަދަ އެތައް ބައެއްގެ ފަހަތުން ނިކުމެ އެތައް ހަރަކާތަކާއި މުޒާހަރާއެއްގައި ބައިވެރިވީ އެ އުންމީދު އޮތީމަ ކަމަށް މާނު ބުންޏެވެ.
ނަމަވެސް ކަންވެެގެން މިދަނީ އެހެނެއް ނޫން ކަމަށް މާނު ބުންޏެވެ. ކުރިން ލިބުނު އެހީވެސް މިހާރު ނުލިބޭ ކަމަށް މާނު ބުންޏެވެ.
އެގޮތުން މިހާރުވެސް އަނެއްކާ މިޖެހެނީ ކޮންމެވެސް ސިޔާސީ މީހެއްގެ ފަހަތުން ދުވެ އާދޭސް ކުރަން ކަން އޭނާ ފާހަގަ ކުރިއެވެ.
މާނު ބުނީ ކެންސަރަށް ވުރެ އާދައިގެ ކަންކަމުގެ ސިޔާސީ މީހުން ބޭނުންވީމާ އެންސްޕާއިން ހާހުން ލާރި ނެރެވޭ ކަމަށެވެ.
“އަޅުގަނޑުމެން އައްވާއި ވާރޭގައި ގަނަތެޅި ވެރިކަން ބަދަލު ކުރީ މިކަންކަންއިސްލާހު ކުރާށެވެ. ކުރިން އޮތް އާދަކާދަ ދަމަހައްޓާކަށް ނޫނެވެ. އިހުނަށްވުރެ ގޯސް ކުރާކަށް ނޫނެވެ.އަޅުގަނޑު މިއީ އަދި އެންމެ އާއިލާއެކެވެ. މި ދަތިކަމާއި ކުރިމަތި ލާނެ އަދި ލަމުންދާ އެތަކެއް އާއިލާ އެެބަތިއްބެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް މިވާހަކަ ދައްކަން ނުވެސް ކެރޭނެ” ކަމަށް މާނު ބުންޏެވެ.
ނިންމާލަމުން މާނު ބުނެފައިވަނީ އޭނާ ގެންނަން މަސައްކަތް ކުރި ދިވެހީންގެ ރާއްޖެއަކީ ސިޔާސީ މީހެއްގެ ތައްޕާހަށް ނުވެއްޓި، ގާނޫނީ ހުދޫދުގެ ތެރެއިން އަބުރުވެރިކަމާއެކު ދިރިއުޅުމުގެ މަގުފަހިވެފައިވާ ދިވެހިންގެ ރާއްޖެއެކެވެ.
“އަޅުގަނޑު ވަރަށް އިހުތިރާމް ކުރާ މިދުއާމް ސައުދު ފަދަ ބޭފުޅުން ފަހަތުން އަޅުގަނޑުމެން ނިކުތީ އަސާސީ ބޭސްފަރުވާ އާއި އަސާސީ ބޯހިޔާވަހިކަން ފަދަ ކަންކަމަށް ސަލާން ޖެހުން ހުއްޓާލާ އެފަދަ ކަންކަން މާ ރަނގަޅަށް އޮންނާނެ ދިވެހީންގެ ރާއްޖެއެއް ހޯދަން ކަމަށްވާއިރު މިހާރު ކަންކަން ދަނީ އެމަގުން ކަމަށް ނުވާތީ އެކަން ހަނދާން އާ ކޮށްދިނީއެވެ.” މާނު ބުނެފައިވެއެވެ.