އެންސްޕާ ހިންގުމަށް ކުއްޔަށް ހިފާފައިވާ އިމާރާތުގެ ފަންގިފިލާތައް މޯލްޑިވްސް މީޑިޔާ ހައުސްއިން ކުއްޔަށް ހިފާފައިވާތީ، މީޑިޔާގެ އެކިއެކި ވަޞީލަތްތައް ބޭނުންކޮށްގެން ފަތުރަމުންދާ ވާހަކަތަކުގެ ސަބަބުން އެކުންފުންޏަށް މާއްދީގޮތުންނާއި މަޢުނަވީގޮތުން ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބިއްޖެކަމަށް އެންސްޕާއިން ބުނެފިއެވެ.
އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެންސްޕާ ހިންގުމަށް ލިބިފައިވާ ޢިމާރާތުގެ ފަންގިފިލާތައް މޯލްޑިވްސް މީޑިޔާ ހައުސްއިން ކުއްޔަށް ހިފުމުގެ މުޢާމަލާތް ކުރެވުނު ކަމަށެވެ. އަދި އެ މުޢާމަލާތާ ގުޅިގެން އެ ކުންފުނީގެ އަގު ވައްޓާލާ ބަދުނާމުކުރުމަށް ޙަޤީޤަތާއި ޚިލާފު އެތައް ވާހަކައެއް ދައްކާ، މީޑިޔާގެ އެކި ވަޞީލަތްތައް ބޭނުންކޮށްގެން އެއްވެސް އަޞްލެއް ނެތް ދޮގު ވާހަކަތައް ފަތުރަމުންދިޔުމުގެ ސަބަބުން މާއްދީގޮތުންނާއި މަޢުނަވީގޮތުން ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެ ސަބަބަށްޓަކައި، މޯލްޑިވްސް މީޑިޔާ ހައުސްއާއެކު ކުރެވިފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެންސްޕާގެ ނޫސްބަޔާނުގައިވާގޮތުން އޮފީސް ޢިމާރާތެއް ހޯދުމުގެ މަސައްކަތް ކުރެވުނީ އެ ކުންފުނީގެ އޮފީސް ހިންގަމުން އައި "މޫކައި ސުއިޓްސް"ގެ ޢިމާރާތް މަރާމާތު ކުރުމަށްޓަކައި ހުސްކުރަން އަންގާފައިވާތީއެވެ. އަދި އެ މަސައްކަތް ކުރެވިފައިވަނީ މާލީ ވުޒާރާގެ އޯޕަން ޓެންޑަރ އިން ހުޅުވާލައިގެން، ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކުގެ މަތިން އެވޯޑުކުރެވިގެންނެވެ.
ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމާފައިވަނީ މާލީ ވުޒާރާއާއި މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން ކުރަންޖެހޭ މުޢާމަލާތްތައް ކުރުމާއި، އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު ފުރިހަމަކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަކުރުމުގެ މަސައްކަތްތައް މާލީ ވުޒާރާގެ އިރުޝާދުގެ ދަށުން ކުރިޔަށް ގެންދާނެ ކަމަށެވެ.
ރިވާޔާ ނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވްސް މީޑިއާ ހައުސްއިން ވަނީ މ. ސީރާޒީގޭ އިމާރާތުން 4 ފަންގިފިލާ ކުއްޔަށް ހިފާފައެވެ. އަދި އެންސްޕާއަށް ކުއްޔަށް ދޫކޮށްފައިވަނީ އޭގެތެރެއިން 2 ފަންގިފިލާއެވެ. ބާކީ 2 ފަންގިފިލާ ބޭނުންކުރަނީ އެ ކުންފުނީގެ ޓީވީ ސްޓޭޝަންގެ މަސައްކަތްތަކަށެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް އަމާޒުވާ ފާޑުކިޔުންތަކާހުރެ ގެއްލުންވާކަމަށްބުނެ، މީޑިޔާ ހައުސްއާއެކު އޮތް އެއްބަސްވުން އުވާލާފައިވާއިރު، މާލީ ވުޒާރާގެ އޯޕަން ޓެންޑަރއަށް އަށް ވަދެ މި ޕްރޮޖެކްޓް ކާމިޔާބުކޮށްފައިވާތީ، މި މައްސަލަ ނިމޭއިރު ބަދަލުގެ ގޮތުގައި މޯލްޑިވްސް މީޑިޔާ ހައުސްއަށް ފައިސާތަކެއް ދޭންޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އެންސްޕާއިން މޯލްޑިވްސް މީޑިޔާ ހައުސްއާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ނިންމާފައި މިވަނީ މިދިޔަ ހަފްތާއިން ފެށިގެން އެމައްސަލަ ސޯޝަލްމީޑިޔާގައި ވަރަށްބޮޑަށް ފެތުރެމުން އަންނަނިކޮށެވެ.