ރާއްޖޭގެ ދެވަނަ އަށް އެންމެ މެންބަރުން ގިނަ ޕާޓީއެއްގެ ގޮތުގައި ޒަމާންތަކެއް ވަންދެން އޮތް ޕީޕީއެމް މެންބަރުންގެ ހައްގުގައި ބަހެއް ބުނަން ނުކެރި، ޕާޓީމެންބަރުން މަގުމަތި ކޮއްފަ، ބަސްއަހާ ދެ ބޯއިންހެން އައިސް ސަރުކާރޭ ކޯލިޝަނޭ، ގަރާރޭ، މަސްލަހަތޭ ވިދާޅުވެ ވާހަކަފުޅުދައްކަވަން ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް އާއި ޣައްސާން މައުމޫން ލަދުގަންނަން ޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސްމެންބަރު އަބްދުއްރަހްމާން(އައްދު) ވިދާޅުވެއްޖެެވެ.
އެ ޕާޓީ އުވާލަން ނިންމީ އިއްޔެ ޕީއެންސީގެ އޮފީހުގައި ބޭއްވި ސެެނެޓް ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުންނެވެ. ފާސްވާން ބޭނުންވަނީ38 ސެނެޓަރުންގެ ވޯޓެވެ.
މިކަމަށް އިޝާރާތް ކުރައްވައި އަމިއްލަ ގޮތުން މަޖިލީހަށް އިންތިޚާބުވި އައްދު އެނާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޕީޕީއެމްގެ ލީޑަރޝިޕަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އައްދު ވިދާޅުވީ ޕާޓީ އުވާލިޔަސް ޕީޕީއެމް އާއި ޕީއެންސީގެ ފިކުރެއް ދުވަހަކު ވެސް ދިމާނުވާނެ ކަމަށެވެ. މަޖްލީސް އިންތިޚާބުގައި ޕީއެންސީއަށް މެންބަރުން ވެއްދުމަށް ވެސް ހިންގީ ބޮޑު ސްކޭމެއް ކަމަށް އައްދު ވިދާޅުވިއެވެ.
"ޕާޓީ މެންބަރުންގެ ހައްގުގައި ބަހެއް ބުނަން ނުކެރި ، ޕާޓީމެންބަރުން މަގުމަތި ކޮއްފަ، ބަސްއަހާ ދެ ބޯއިންހެން އައިސް ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް އަދި ޣައްސާން މައުމޫން ލަދުގަންނަން ޖެހޭ ގަރާރޭ، ސަރުކާރޭ ކޯލިޝަނޭ މަސްލަހަތޭ ވިދާޅުވެ ވާހަކަފުޅުދައްކަވަން. ކޮބާ ކޯލިޝަން؟ އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވަން އަޅުގަނޑުމެން ތިބީ ޕީޕީއެމްގަ،ތިޔަ އުވާލީ ޕާޓީ، ޕާޓީއުވާލިޔަސް ފިކުރެއް ދިމާނުވޭ. އަޅުގަނޑުމެން ވަރަށް ބީރައްޓެހި މިހާރުގެ ޕީއެންސީ ފިކުރަށް، އެއީ ތިންހާހުން ފެށި އެހެން ފިކުރެއް، ޕީއެންސީގަވެސް ގިނައީ މަޖިލިސް އިންތިހާބު ޕްރައިމަރީ ސްކޭމުގަ އަޅުގަނޑުމެން ޖައްސުވާ ފުރުވި ފޯމް، ފިކުރުވެގެން ފުރި ފޯމެއްނެތް" އައްދު ވިދާޅުވިއެވެ.
ޕާޓީ ހިންގަން ތިބި މީހުން ކޮބައިތޯ ސުވާލު ކުރައްވަމުން އައްދު ވިދާޅުވީ ޕީއެންސީ ފިކުރަށް ތާއީދުކޮށްގެން އެޕާޓީގެ ފިކުރަކީ ކޯއްޗެއްކަން އެނގިގެން އެޕާޓީދެކެ ލޯބިވެގެން ތިބި ބަޔަކު ނެތް ކަމަށާއި ޕީއެންސީ ވެގެން ތިބީ މުޅިންވެސް ގައުމަށާއި ޕާޓީއަށް އިޙްލާސްތެރި ކަމެއް ނެތް އަމިއްލަ ފައިދާއަށް އުޅޭ ވަގުން ކަމަށެވެ.
"ކޮބާ ފޯރިއާއިއެކު ޕާޓީ ހިންގަން ތިބި މީހުން މިހާރު؟ ޕީއެންސީ ފިކުރަށް ތާއިދުކޮށް، އެޕާޓީ އަދި އެ ފިކުރު އެއީ ކޯޗެއްކަން އެނގޭ އެޕާޓީދެކެ ލޯބިން ތިބި ބަޔަކުނެތް، ހުސް ތިބީ މަގާމާއި، ވަޒީފާ، ކަމާއި ބަހާ ސަރުކާރުން ހޯދަން ތިބި މީހުންނާއި ވަގުން. ގައުމަށާއި ޕާޓީއަށް އިޙްލާސްތެރިންނެއް ނެތް" އައްދު ވިދާޅުވިއެވެ.
ކުރިން ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި އައްދު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ގޯސްވެގެން ނިމުމަކަށް ގެނެސް ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނަށް ރައްޔިތުން ވޯޓު ދިނީ އެއަށްވުރެ ރަނގަޅު ވެރިކަމެއް ކޮށްދެއްވާނެ ކަމުގެ އުންމީދުގައި ކަމަށެވެ. ނަމަވެސް އެންމެ ގަދައަށްމިސަރުކާރުން ރައްޔިތުންނަށް ވިއްކި އިގްތިސާދުވެސް މިދަނީ ދުވަހެއް ދުވަހަކަށް ވުރެ ދަށަށް ކަމަށް އައްދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވީ ކުރީގެ އެތި ކަޑަވެގެން އެއަށް ވުރެ ހެޔޮކުރަން، ވިއްކީ އިގްތިސާދުގެ މާހިރު، އިގްތިސާދު މިދަނީ ޗޮކުން" އައްދު
މީގެ އިތުރުން އައްދު ވިދާޅުވީ އެމްޑީޕީ އަކީ، ރައީސް ނަޝީދަށް ނުވިހެން، ޕީޕީއެމް އަކީ ރައީސް މައޫމޫނު ނޫނީ ރައީސް ޔާމީނެއްވެސް ނޫން ނޫން ކަމަށެވެ. އެގޮތުން ރައީސް ޔާމީން ހުންނެވީ އެމަނިކުފާނުގެ ޕާޓީ ހިންގަވަން ކަމަށްވީއިރު، އާ ޖެނެރޭޝަނެއް ލީޑްކުރައްވަން ނައިބް ރައީސް ޝިޔާމުމެން ޣައްސާނުމެން ފަދަ ބޭފުޅުން ތިއްބަވަންވީ ޕާޓީ ހިންގަވަން ކަމަށް އަައްދު ވިދާޅުވިއެވެ.
"އެމްޑީޕީ އަކީ، ރައީސް ނަޝީދަށް ނުވިހެން، ޕީޕީއެމް އަކީ ރައީސް މައޫމޫނު ނޫނީ ރައީސް ޔާމީނެއްވެސް ނޫން، ރައީސް ޔާމީން އެ ހުންނެވީ ރައީސް ޔާމީންގެ ޕާޓީ ހިންގަވަން، އާ ޖެނެރޭޝަނެއް ލީޑްކުރައްވަން ނައިބް ރައީސް ޝިޔާމުމެން ޣައްސާނުމެން ފަދަ ބޭފުޅުން ތިއްބަވަންވީ ޕާޓީ ހިންގަވަން. ޕީއެންސީ ބޭފުޅުން ތިއްބަވަންވީ އެތިއްބަވާ ކޯލިޝަނެއް ހިންގަވަން. ދިވެހީންގެރާއްޖެއާއި ޕީޕީއެމް ހިސާރުވީ ޕީޕީއެމްގެ މެންބަރުންނަށް މަޖިލީސް ތަމްސީލު ކުރުމުގެ ފުރުސަތު ނުދިން ހިސާބުން. އޭރުވެސް ވަޒީރުކަމާއި ލިބެންއޮތް ކަމެއް ގެއްލިދާނެތީ ބިރުން މަނިކުފާނުމެން ހަނު، ފާލުބަލާ މީހަކު ބެލި ޕްރޮފެސީއަކުން އޭރުއްސުރެން ތިގޭސް ގަނޑެއް އަނބުރާ، ކިރިޔާވެސް ހައްގަށް ބަހެއް ބުނާ މީހަކު ބްލެކްރާޑަރަށް އަރުވަން ފަށައިފި. ޑިމޮކްރަޓިކް ހަމައެއް ނެތް، ބޭނުންވީ ހުސް ބޮޓުން. އެހެން ނޫންނަމަ މިއަދު މަޖިލީހުގައި ގިނައިން ތިބޭނީ ހުސް ސަނާ ކިޔާ މީހުންގެ ބަދަލުގައި، ހައްގަށް ވަކާލާތު ކުރަންކެރޭ، އެއްބާރުލުންދޭ އަދި ޒިންމާދާރުވެސް ކުރުވާނެ މެންބަރުން. ބްލެކްރާޑަރަށް އެންމެން ބިރުންމިހާރު." އައްދު ވިދާޅުވިއެވެ.
ޕީޕީއެމަކީ، ޑީއާރުޕީ ދެ ފެކްޝަނަކަށް ބެހި، ދެބައިވުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީ އެކެވެ. އެ ޕާޓީ އުފެއްދުމަށް ފަހު ބޭއްވި ޕްރައިމަރީގައި ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންނެވީ މައުމޫންގެ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުالله ޔާމީނެވެ.