"މޯލްޑިވްސް މީޑީއާ ހައުސް" ގެ މައްސަލައިގައި ކަރަޕްޝަންގެ ބޮޑު ތުހުމަތެއް ކުރެވިފައިވާ ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މަގާމުން ދުރަށްވަޑައިގަންނަވަން ޖެހޭ ކަމަށާއި، އަދި އޭނާގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ އުފުލެންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފް އިން ބާއްވަމުންދާ ފްރޮންޓް އޮފީސް ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދައުލަތުގެ ފައިސާގެ އަދަދު އެ އޮތީ ފެންނަން ކަމަށާއި، އެހެންކަމުން ވަރަށް ސާފުކޮށް އެނގޭނޭހެން އެ އޮތީ މަނީލޯންޑަރ ކޮށްފައި ކަމަށެވެ.
"މިހާ ހިސާބުން މުއިއްޒު އެބަ ވިދާޅުވެދެއްވަންޖެހޭ ރައްޔިތުން ކައިރީ، މޯލްޑިވްސް މީޑިއާ ހައުސްއަކީ ތިމަންނަގެ ތަނެއް ނޫނޭ. އެހެން ނުވާކަމަށްވަންޏާ މުޅި ރައްޔިތުން ގަބޫލު ކުރަނީ މުއިއްޒުގެ ޓީވީ ކަމަށް. ހީނާ އެބަޖެހޭ މަގާމުން ދުރަށްދާން. ހީނާ އަށް އެބަޖެހޭ މަނީ ލޯންޑަރިންގެ ދައުވާ އޭނާގެ މައްޗަށް އުފުލެން. މީޑިއާ ހައުސް އެއީ އަދި ކުންފުންޏަކަށް ވިއަސް މިކަހަލަ ކަންކަމުގައި އަންނާނެ ޝަހުސީ ދައުވާ. މީހާގެ މައްޗަށް އަންނާނީ." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ނަޒާހަތްތެރިކަމުން ބަލާ ކަމަށްވާނަމަ އެ ބޭފުޅުން ދުރަށްވަޑައިގަންނަވަންޖެހޭނެ ކަމަށެވެ. މިއީ ބޮޑު ސިންގާ މަނީލޯންޑަރިންގެ މައްސަލައެއް ކަމަށެވެ. ބަޔާންތައް ނެރެ ފާރުގައި ބޭސް އަޅާ ނައްޓާ ގޮތަށް މިކަން ކުރުމަކުން ގޯސްކޮށް ކޮށްފައި އޮތް ކަމެއް ރަނގަޅެއް ނުވާނެ ރައީސް ޔާމީން ވިދާޅުވިއެވެ.
"ގްޑްގަވަނަސްގެ ޕްރެކްޓިސްއަކީ މިކަހަލަ ނަޒާހަތްތެރިކަމެއްގެ ތުހުމަތު އައި ނަމަވެސް ޕަބްލިކް އޮފިސަރސް ދުރަށް ދާނެ. މިވާހަކަ ދައްކަން އުޅުނީމަ މަޖިލީހަކުން މިވާހަކަ ދެއްކިޔަ ނުދިން. މަޖިލީހުގައި މިކަން މަނާ މިވީ ޝަރީއަތަށް ސާބިތު ނުހިފޭ ކަންކަމުގެ ވާހަކަ މަޖިލީހުގައި ދައްކަވާތީ. ރައްޔިތުންގެ މަޖިލީހަކީ ސާބިތު ހިފޭ ވާހަކަ ދައްކާ ތަނެއްތަ؟" ރައީސް ޔާމީން ވިދާޅުވިއެވެ.
އެންސްޕާގެ ފައިސާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓީވީއަށް ޚަރަދުކުރާކަން ފަޅާއަރައި އާންމުންގެ މަލާމާތް އަމާޒުވުމުން އެކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށް އެންސްޕާއިން ވަނީ ރޭ އިއުލާނުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒުގެ ޓީވީއަށް ބޭނުންވާ ސާމާނުވެސް ގެނެސްފައިވަނީ ޕީއެސްއެމްގެ ނަމުގައި އެސްޓީއޯ މެދުވެރިކޮށެވެ.
އެމްޑީޕީއިން ކޮރަޕްޝަން ހިންގާކަމަށް ބުނެ ހެޔޮވެރިކަމެއް ކުރަން އައި މި ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ކޮރަޕްޝަނާއި ވައްކަން ހިމެނޭ ކަމަށް ބުނެ ރައްޔިތުން އަންނަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންކަން ފާހަގަ ކޮށްލެވެއެވެ.