ޓޫރިޒަމްގެ ވިޔަފާރިއަށް ވަންނައިރު އެއީ އެންމެ ފައިދާ ހުރި ގޮތްތޯ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބޯޑުން ވިސްނަންޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މޫސާ ޒަމީރު ވަނީ ކ. މާފުށީގައި ކުރިއަށް ގެންދަން ނިންމާފައިވާ ސިޓީ ހޮޓާ މަޝްރޫއާ މެދު ސުވާލުތަކެއް އުފައްދަވައިފައެވެ.
"ފަންޑް ހުރިނަމަ އެކަމުގެ ސްޕެޝަލިސްޓުންނާ ހަވާލުކޮށްގެން ފަންޑު މެނޭޖްކޮށްގެން އޭގެ ފައިދާ ކުންފުންޏަށް ހޯދައިފި ކަމަށްވެއްޖިއްޔާ އޭގެ ނަތީޖާ ރަނގަޅުވާނެ ކަމަށް މި ފެންނަނީ،" މޫސާ ޒަމީރު ވިދާޅުވި އެވެ.
ފަތުރުވެރިކަމަށް އިންވެސްޓްކުރާނަމަ އެކަމަށް އިންވެސްޓްކުރެވޭނެ ސަރުކާރު ކުންފުނިތައްވެސް ހުރިކަން މޫސާ ޒަމީރު ވަނީ ފާހަގަކުރައްވާފަ އެވެ. ޒަމީރު ވިދާޅުވީ ސަރުކާރުގެ އެކި ކުންފުނިތަކުން ގެސްޓްހައުސް އާއި ރިސޯޓު ހެދުމުން އޭގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މާފުށީގައި ސިޓީ ހޮޓަލެއް އެޅުމަށް ނިންމާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގަ އެވެ.
ޝަކީލް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހައްޖު ކޯޕަރޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހަދައި، ހައްޖަށް މީހުން ގެންދިއުމަށް ނަގާ އަގު ކުޑަކުރުން ކަމަށެވެ. އެގޮތުން އާމްދަނީ އިތުރުކުރުމަށް ކުރަން އެންމެ ރަނގަޅު މަސައްކަތަކީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާއަށް ވަނުން ކަމަށް ވާތީ އެދާއިރާއަށް ވަނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
މިމަސައްކަތްތަކުގެ ދަށުން ހަލާލް ޓޫރިޒަމް ތައާރަފްކޮށް މާފުށީގައި ސިޓީ ހޮޓަލެއް ހިންގުމަށް މާފުށީ ކައުންސިލްގެ ކުންފުންޏާއި ހައްޖު ކޯޕަރޭޝަނާ ގުޅިގެން ސަބްސިޑަރީ ކުންފުންޏެއް އުފާއްދާ އެރަށުގައި ސިޓީހޮޓަލެއް އަޅަން ނިންމާފައިވާ ކަމަށް ޝަކީލް ވަނީ ވިދާޅުވެފަ އެވެ. މިމަސައްކަތަށް ބޭނުންވާ ބޮޑު ބިމެއް މާފުށިން ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.