ޒަކިއްޔާގެ މަރު: ފުލުހުންގެ ތަހުގީގު ރިޕޯޓް!

މިދިޔަ ސެޕްޓެމްބަރު މަހުގެ 10ގައި ބޮޑެތި ޒަޚަމް ތަކަކާއެކު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު 50 އަހަރުގެ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި މީހެއްގެ އަތެއްވާކަމުގެ ހެއްކެއް އަދި މިހާތަނަށް ލިބިފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ޒަކިއްޔާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އެރަށުގައި ބޭއްވި މުޒާހަރާތަކާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގައެވެ.

ފުލުހުން ވަނީ ޒަކިއްޔާ ނިޔާވިތާ މާގިނަ ދުވަހެއް ނުވަނީސް އޭނާ ނިޔާވެފައިވަނީ އަމިއްލައަށްކަމަށް ކަނޑަ އަޅައި އެކަން އިއުލާންވެސް ކޮށްފައެވެ. އެކަން އިއުލާން ކުރުމާއެކު ޒަކިއްޔާ ނިޔާވެފައި އޮއްވާ ފެނުނު މީހުންވަނީ އެކަން ދޮގުކޮށް އެއީ އަމިއްލައަށް ދިން ޒަޚަމްތަކެއްކަމަށް ގަބޫލު ނުކުރާކަމަށް ބުނެފައެވެ. އަދި އެރަށުގެ ރައްޔިތުން ދާދި ފަހުންވަނީ ޒަކިއްޔާ މަރުވީ އަމިއްލައަށް ނޫންކަމަށާއި، ޝައްކު ކުރެވޭ ކަންތައްތަކެއް ފާހަގަވާ ކަމަށް ބުނެ ޒަކިއްޔާގެ މަރުގެ ފުރިހަމަ ތަހުގީގެއް ހިންގަން ގޮވާލައި މުޒާހަރާއެއް ބާއްވާފައެވެ. ރައްޔިތުން ބުނަމުުންދަނީ ޒަކިއްޔާއަށް އިންސާފު ލިބެންދެން ކޮންމެ ހުކުރުދުވަހަކު އެރަށުގައި މުޒާހަރާ ބާއްވާނެކަމަށެވެ.

މީގެ ކުރިން ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ޒަކިއްޔާ ދިރިއުޅޭ ގޭގައި ޒަހަމްތަކަކާ އެކު އޭނާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:10 ހާއިރު އެވެ. ޒަކިއްޔާގެ މަރުގެ ތަހުގީގުގެ ބޭނުމަށް އޭނާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު ހޮޅުދޫއަށް ގެންގޮސް ވަޅުލާފައިވަނީ ސެޕްޓެމްބަރު 12 ވަނަ ދުވަހު އެވެ.

ޒަކިއްޔާގެ މަރާ ގުޅިގެން ފުލުހުންގެ ތަހުގީގު:

ފުލުހުން ވިދާޅުވީ ޒަކިއްޔާގެ މަރުގެ ޚަބަރު ފުލުހުންނަށް ލިބިފައިވަނީ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު އާންމު ފަރާތަކުން ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ދިން މައުލޫމާތަކުން ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު އެ ހާދިސާ ހިނގައިގެން އުޅޭ ނިއުލައިފް ގެއަށް ދިޔައިރު އެގޭގެ ދެކުނުފަރާތުގައި ހުރި ގުދަނެއް ގޮތަށް ބޭނުންކުރާ ތަނެއްގެ ތެރޭގައި ޒަޚަމްތަކަކާއެކު އޮތް ޒަކިއްޔާ ވެއްޓިފައިވާ އޮތްކަމަށެވެ. އޭރު އާއިލާގެ ބައެއް ފަރާތްތަކާއި އާންމުންގެ ބައެއް ފަރާތްތައް ވެސް އެތަނުގައި ތިބި ކަމަށް ފުލުހުން ބުންޏެވެ. އަދި އެފަރާތްތަކުގެ އެހީތެރިކަމާއެކު ޒަކިއްޔާގެ ހަށިގަނޑު ވަގުތުން ޞިއްޙީ މަރުކަޒަށް ގެންދެވުނު ކަމަށެވެ. އަދި ޞިއްޙީ މަރުކަޒަށް ގެންދެވުނުއިރުވެސް އޭނާ ނިޔާވެފައިވާ ކަމަށާއި، އެދުވަހުގެ 10:25 ހާއިރު ޒަކިއްޔާ ނިޔާވެފައިވާކަން ޑޮކްޓަރުންވެސް ސާބިތުކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޒަކިއްޔާއާއި ޢާއިލާ ދިރިުޅުނުުު ގޭތެ މައި ދޮރާށި.. ފޮޓޯ: ފުލުހުން

މިހާދިސާގެ މައުލޫމާތު ސެންޓްރަލް ކޮމާންޑް އިންވެސްޓިގޭޝަނަށް ލިބުމާއެކު މާލެއިން ޚާއްސަ ތަހުގީގު ޓީމެއް އެރަށަށް ގޮސްފައިވާ ކަމަށާއި، އެވަގުތުން ފެށިގެން ތަހުގީގުޓީމުގެ އިރުޝާދާ އެއްގޮތަށް ސީން ރައްކާތެރިކޮށް ބެލެހެއްޓުމުގެ އިތުރުން އެހިނދުން ފެށިގެން ކުރެވެން ހުރި މަސައްކަތްތައް ކުރިޔަށް ގެންދެވުނު ކަމަށްވެސް ފުލުހުން ބުނެއެވެ. ފުލުހުން މަޢުލޫމާތުދޭ ގޮތުގައި ތަހުގީގު ޓީމަށް އެރަށަށް ދެވިފައިވަނީ އެދުވަހުގެ 16:30 ހާއިރުއެވެ.

ފުލުހުން ބުނީ ޒަޚަމްތަކަކާއެކު ޒަކިއްޔާ ވެއްޓިފައި އޮއްވާ ފެނިފައިވަނީ އެރަށުގެ ކައުންސިލް އިދާރާގެ ފަރާތުން ރަށުގެ ގޭގެއިން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދިޔަ ފަރާތަކަށް ކަމަށެވެ. މި ދެންނެވި ފަރާތުން  ދިން މަޢުލޫމާތު ސީސީޓީވީ ފުޓޭޖުގެ އެހީގައި ކަށަވަރުކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހާ ވަނީ ޒަކިއްޔާ ފެނުމުން ކުނި ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އެހެން ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާކަމަށާއި، އޭގެ ތެރެއިން އެކަކު އެގޭގެ މައި ދޮރާށިން ގޭތެރެއަށް ވަދެ ގޭގައި ތިބި މީހުންނަށް ގޮވަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ޒަކިއްޔާ ދިރިއުޅޭ ގޭގެ ފްލޯ ޕްލޭން.. ފޮޓޯ: ފުލުހުން

ނަމަވެސް ގޭތެރެއިން މީހެއްގެ ޚަބަރެއް ނުވުމުން ދެންވެސް އެފަރާތުން އެގެއިން ނުކުމެ އެހިސާބުގައި ތިބި އިތުރު މީހުންނަށް އެމައުލޫމާތުދީ އެފަރާތްތަކުގެ އެހީތެރިކަމާއެކު ޒަކިއްޔާގެ ފިރިމީހާ ނ. ހޮޅުދޫ ތަނޑިރަތްމާގޭ މުހައްމަދު ރަޝީދު އުމަރަށާއި ފުލުހުންނަށް ގުޅައި ހާދިސާގެ މައުލޫމާތު އިތުރަށް ދީފައިވާ ކަަމަށެވެ. އަދި އެއަށްފަހު ހަމަ އެވަގުތު މި ބުނި މީހުން އެގެއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޒަކިއްޔާ އޮތް ގުދަނަކީ ގޭތެރެއިން އަދި މަގުމަތިން ވެސް ވަދެ ނުކުމެވޭގޮތަށް ދޮރުލާފައި ހުރި ތަނެއްކަން ފާހަގަ ކުރެވޭކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން ފުރަތަމަ ފެނުނު ފަރާތްތަކުން ގުދަނަށް ވަދެ ނުކުމެ ހަދާފައިވަނީ މަގުމަތިން ވަދެވެން ހުރި ދޮރުންކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ. "މިދެންނެވި ގޮތަށް ދޮރުހުރިކަން އަޅުގަނޑު މި ފާހަގަ ކޮށްލީ މަގުމަތިން ވަދެ ނިކުމެވޭގޮތަށް ވެސް ދޮރު އެބަހުރި އަދި ގޭތެރެއިން ގުދަންތެރެއަށްވެސް ވަދެ ނިކުމެވޭ ގޮތަށް ވެސް ދޮރުލާފަ ހުރީމަ"  ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވިއެވެ.

ޒަކިއްޔާ ނިޔާވެފައި އޮއްވާ ފެނުނު ގުދަަނަށް ބޭރުން ވަދެވެން ހުރޭ.. ފޮޓޯ: ފުލުހުން

ސާމިހު ވިދާޅުވީ ކުށުގެ ވެށި ބެލި ބެލުމުން މި ދެންނެވުނު ކުނި ނަގަން ވަންނަ ދޮރަކީ ދުވާލުގެ ގަޑީގައި އާންމުކޮށް ތަޅު ނުލައި ދޮރު ލެއްޕުމަށް ބޭރުން އެއްޗެއް ދޮރުގައި ވިއްދާލުމަށް ފަހު ލައްޕާފައި ހުންނަ ދޮރެއް ކަން ތަހުގީގަށް ފާހަގަ ކުރެވުނު ކަމަށެވެ. އަދި ޒަކިއްޔާ ވެއްޓިފައި އޮތީ ގޭތެރެއިން ގުދަންތެރެއަށް ވަންނަ ދޮރާ ދިމާ ކައިރިން ތަޅުންގަނޑު މައްޗަށް ކަމަށް ސާމިހް ވިދާޅުވިއެވެ. ޒަކިއްޔާ ވެއްޓިފައި އޮތް ދިމާލުގައި ގިނަ އަދަދަކަށް ލޭހުރި އިރު ޒަކިއްޔާ އޮތް ދިމާލުގައި ކަނާތްފަރާތް ކައިރީގައި ވަޅިއެއް އޮތްކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން މިހާތަނަށް ތަހުގީގަށް ފާހަގަ ވެފައިވާ ބައެއް ކަންތައްތަކަށް ބަލާއިރު ޒަކިއްޔާ، އާންމު އުސޫލުން ކޮންމެ ދުވަހެއްގައި ވެސް ހެނދުނު ހޭލައި ގޭތެރޭގެ މަސައްކަތުގައި އުޅުމުގެ އިތުރުން 6 އަހަރުގެ މާމަ ދަރިފުޅު ސްކޫލަށް ގެންގޮސް ގެނައުމުގައި ހަރަކާތްތެރިވެ އުޅޭކަން ތަހުގީގަށް ފާހަގަ ވެފައިވާ ކަމަށެވެ.

އެގޮތުން ޒަކިއްޔާ ނިޔާވި ދުވަހު އަލިވިލެމުންދިޔަ ވަގުތު ޒަކިއްޔާ ގޭތެރޭގެ މަސައްކަތުގައި އުޅެމުން ދިޔަކަން އެވަގުތު އެގޭތެރޭގައި އުޅުނު ބައެއް މީހުންގެ ބަހުން ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށް ސާމިހު ވިދާޅުވިއެވެ. "އަދި ގޭގެ ކުނި ބަލާދިޔަ ކުނި ބާލިދީ، މި ކުންޏަކީ ދުވަހުން ދުވަހަށް އުކާލާ ކުނިވާޒާތުގެ ކުނީގެ ވާހަކަ އަޅުގަނޑު މިހިއްސާ ކޮށްލަނީ. މި ދެންނެވުނު ކުނި ބާލިދީ ގޭތެރެއިން ބޭރަށް ނެރުނު މަންޒަރު އެގޭގައި އެވަގުތު އުޅުނު 16 އަހަރުުގެ ކުއްޖަކަށް ފެނިފައިވާކަން ވެސް ތަހުގީގަށް އެނގޭ. އަދި ކުނި އުކި މީހުންގެ ބަހުންވެސް އެގަޑީގައި ކުނި އުކާލާފައިވާކަން ތަހުގީގަށް ވަނީ ދެނެގަނެވިފަ" ސާމިހް ވިދާޅުވިއެވެ.

ސާމިހު ވިދާޅުވީ އެވަގުތު އެގޭގައި އުޅުނު ޒަކިއްޔާގެ ޅީ ދަރިފުޅު(29އ) އާއި 16 އަހަރުގެ ކުއްޖާ ޒަކިއްޔާ އާ ވާހަކަ ދެކެވިފައިވާކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ޒަކިއްޔާ ދިރިހުއްޓާ އެންމެ ފަހުން ފެނިފައިވަނީ މި ދެފަރާތަށް އެދުވަހުގެ 8:40 އެހާއިރު ކަމަށް ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށެވެ. އެގަޑީގަ މާމަ ދަރިފުޅު ބަލާ ގޮސްދިނުމަށް އެދިފައިވާކަމަށް ވެސް ތަހުގީގަށް ވަނީ ފާހަގަ ކުރެވިފައެވެ. "އަދި އޭގެ ފަހުން މިދުވަހުގެ 9:19 އާއި 9:43 އަކާ ދެމެދުގެ ވަގުތެއްގައި ގޭތެރޭގައި ޅީ ދަރިފުޅާއި މާމަ ދަރިފުޅު ހެނދުނުގެ ސައި ބުއިމުގެ ކަންކަމުގައި އުޅުނުކަން ފާހަގަ ކުރެވޭ. ނަމަވެސް މިދެންނެވުނު ވަގުތުގައި ޒަކިއްޔާގެ ޚަބަރެއް އެފަރާތްތަކަށް ވެފައި ނުވާކަން ވެސް ފާހަގަ ކުރެވޭ. މިދެންނެވުނު ފަރާތަށް އިސްވެ ދެންނެވުނު ގަޑިތަކުގައި ގެއިން ބޭރަށް ގޮސް އެނބުރި ގެއަށް އައިސްފައިވާކަން ސީސީޓީވީ ފުޓޭޖްތަކުގެ އަލީގައި ތަހުގީގަށް ވަނީ ދެނެގަނެވިފަ" ސާމިހު ވިދާޅުވިއެވެ.

ޒަކިއްޔާ ނިޔާވެފައި އޮއްވާ ފެނުނު ގުދަަން.. ފޮޓޯ: ފުލުހުން

"މިދެންނެވުނީ މިދެންނެވި ފަރާތްތައް، މާމަ ދަރިފުޅު ސުކޫލަށް ގެންގޮސް ގެނައުމާއި އަދި ޅީދަރިފުޅު އޮފީހަށް ދިޔުމާއި ގޮސް އައިސްފަވާ ވުން އަޅުގަނޑުމެންނަށް ސީސީޓީވީ ފުޓޭޖުގެ އެހީގައި އަޅުގަނޑުމެންނަށް ވަނީ ދެނެގަނެވިފަ" ސާމިހު ވިދާޅުވިއެވެ.

އަދި އޭގެ އިތުރުން މިދުވަހުގެ 9:53 ހާއިރު ކުނި ނެގުމުގެ މަސައްކަތުގައި އުޅުނުު ފަރާތްތަކަށްް ޒަކިއްޔާ މަރުވެފައި އޮއްވާ ފެނިފައިވާކަން ފާހަގަ ކުރެވުނު ވަގުތު އެކަން ހިނގާ ދިޔަ ގޮތް ސީސީޓީވީ ފުޓޭޖްތަކުގެ އަލީގައި ތަހުގީގަށް ދެނެގަނެވިފަިއވާ ކަމަށެވެ.

"އަޅުގަނޑު މިތާނގައި މި ނުކުތާގައި ފާހަގަ ކޮށްލަން މި ބޭނުންވަނީ 9:53 މިއީ އެންމެ ފުރަތަމަ ޒަކިއްޔާ މިހާލަތުގައި އޮއްވާ ފެނުނު މީހުންނަށް އެމަންޒަރު ފެނުނު ވަގުތު. އެކަން ސީސީޓީވީ ފުޓޭޖުގެ އެހީގައި ވެސް އަޅުގަނޑުމެންނަށް އެކަން އެގޮތަށް ހިނގާފައިވާކަން ވަނީ ދެނެގަނެވިފަ." ސާމިހް ވިދާޅުވިއެވެ.

އަދި ޒަކިއްޔާގެ މަރުގެ މައުލޫމާތު ލިބުމާއި ހަމައަށް ވެސް ގޭތެރޭގައި ޒަކިއްޔާގެ ދޮށީފިރިހެން ދަރިފުޅު(30އ) އާއި ޒަކިއްޔާގެ ފިރިމީހާ އުޅުނުކަން އަދި ތަހުގީގަށް މިހާތަނަށް ލިބިފަ ހުރި މައުލޫމާތުން ޒަކިއްޔާގެ ފިރިމީހާ އޭރު ކޮޓަރީގައި ނިދާފައި އޮތްކަމާއި ނަމަވެސް އޭގެ ކުޑައިރުކޮޅެއް ކުރިން ޒަކިއްޔާގެ މިދެންނެވުނު ދަރިފުޅު ހޭލައިގެން ފާޚާނާގައި އުޅެމުން ދަނިކޮށް މިހާދިސާގެ މައުލޫމާތު އެފަރާތަށް ވެސް ލިބި އެފަރާތުންވެސް ޒަކިއްޔާގެ އަވަސް ފަރުވާއަށް ނޫނިއްޔާމު ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން ގޮސްފައިވާކަން ތަހުގީގަށް ވަނީ ފާހަގަ ކުރެވިފައި ކަމަށެވެ.

"މިހާދިސާއާ ގުޅިގެން ޒަކިއްޔާގެ ހަށިގަނޑު ބެލި ބެމުން ޒަކިއްޔާގެ ކަރުގެ ދެފަރާތަށް ކަނާތް އަދި ވާތްފަރާތުގައި ތޫނު އެއްޗަކުން ލިބިފައި ހުރި އަނިޔާގެ ގިނަ ޒަޚަމްތަކެއް ފެންނަން ހުރިކަމަށް ފާހަގަ ކުރެވުނު. އެގޮތުން ކަރުގެ ވާތް ފަޅީގައި ފުން ތިން ޒަޚަމެއް އަދި ކަނާތް ފަރާތުގައި ފުން ދެޒަޚަމެއްގެ އިތުރުން ކަރުގެ މެދާ ހިސާބުގައި ތިލަކޮށް ހުރި އެއް ޒަޚަމް ހުރިކަން ފާހަގަ ކުރެވުނު" ސާމިހް ވިދާޅުވިއެވެ.

ނަމަވެސް ހަށިގަނޑުގެ އެނޫން އެއްވެސް ތަނަކަށް އެފަދަ އަނިޔާއެއް ލިބިފައި ހުރިކަމަކަށް ފާހަގަ ކުރެވިފައެއް ނުވާ ކަމަށާއި، މިހާދިސާއާ ގުޅިގެން ޒަކިއްޔާގެ މަރުގެ ހަގީތަތް ދެނެގަތުމަށް އިތުރަށް ބަލަންޖެހޭ ބެލުންތައް ބެލުމުގެ ގޮތުން އެދުވަހުގެ ރޭގެ ވަގުތެއްގައި ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސް ޕެތޮލޮޖިސްޓް ޑޮކްޓަރެއް ހަށިގަނޑު ބަލާފައިވާ  ކަމަށެވެ. އަދި އެއަށްފަހު 2024 ސެޕްޓެމްބަރުު 12 ވަނަ ދުވަހު ހަށިގަނޑު އަނބުރާ ހުޅުދޫއަށް ގެންގޮސް އާއިލާ އާ ހަވާލުކޮށް އެދުވަހު ގޮސް ހަށިގަނޑު ވަޅުލާފައިވާ ކަމަށެވެ.

އަދި މިހާދިސާއާ ގުޅުވައިގެން ތަފާތު އެކިއެކި ތުހުމަތުތައް ތިލަވަމުން ދިޔަކަން ފާހަގަ ކުރެވޭއިރު، އެފަދައިން ސުވާލު އުފެދުނު ކަންތައްތަކުގެ ހަގީގަތް ދެނެގަތުމަށް ތަހުގީގުން ކުރެވެން ހުރި އެންމެހައި މަސައްކަތެއް ވަނީ ކުރެވިފައިކަން ވެސް ފާހަގަ ކުރެވެއެވެ. އެގޮތުން 2024 ނޮވެމްބަރު 25 ވަނަ ދުވަހު ތަހުގީގު ޓީމް ދެވަނަ ފަހަރަށް ނ. ހޮޅުދޫއަށް ގޮސް ތަހުގީގުން ކުރެވެން ހުރި މަސައްކަތްތައް އެހިނދުން ފެށިގެން އިތުރަށްކޮށް ތަހުގީގުން އެކަން ވެސް ވަނީ ކަށަވަރު ކުރެވިފައި ކަމަށެވެ. އެގޮތުން މިމައްސަލައާ ގުޅުވައި ބައެއް ފަރާތްތަކުގެ ބޮޑެތި ކަންބޮޑުވުން ތަކެއްގެ ގޮތުގައި ފާހަގަ ކޮށްފައިވާ ކަންކަން އިތުރަށް ވެސް ތަހުގީގުން ކަށަވަރު ކުރުމުގެ މަސައްކަތް ކުރެވުނު ކަމަށެވެ.

– ނަރުދަމާ ނިޒާމުގެ ތެރެއިން ބުރުގަލެއް ފެނިފައިވާއިރު، މިދެންނެވި ބުރުގަލަކީ ޒަކިއްޔާގެ ބުރުގަލެއް ކަމަށް ދޭހަވާ ތުހުމަތުތަކެއް އުފައްދާފައިވާއިރު، މިދެންނެވުނު ބުރުގަލަކީ ޒަކިއްޔާ އަޅާ ބުރުގަލެއް ނޫންކަން ތަހުގީގަށް މިހާތަނަށް ވަނީ ދެނެގަނެވިފަ. އަޅުގަނޑު މި ނުުކުތާގައި ފާހަގަ ކޮށްލާނަން އަޅުގަނޑުމެން މިދެންނެވުނު ބުރުގަލަކީ ޒަކިއްޔާގެ ބުރުގަލެއް ނޫންކަމަށް ތަހުގީގުން އަޅުގަނޑުމެން ކޮށްފައިވާ މަސައްކަތްތައް އަޅުގަނޑުމެން ފަހުގެ ވަގުތެއްގައި ކޮންމެވެސް ވަރަކަށް ފޮޓޯތަކުގެ ޒަރީއާއިންނާ އެއްކޮށް ތަފްސީލުކޮށްލަދޭނަން.

ރަށު މީހުން ތުހުމަތުކުރާ ބުރުގާ ފެނުނު ސަރަޙައްދު.. ފޮޓޯ: ފުލުހުން

– އޭގެ އިތުރުން އަޅުގަނޑު މި ނުކުރާގައި ފާހަގަ ކޮށްލާނަން ޒަކިއްޔާގެ ބުރުގާ މިދެންނެވުނު ގެއިން އާންމު ގޮތެއްގައި މި ތުހުމަތު އުފެސިފައި މިވަނީ އެކަން ކުރުމަށް ނޫނީވިއްޔާމު ކަންކުުރިފަރާތަކުން ހެކި ނައްތާލުމުގެ ގޮތުން ބުރުގާވެސް ޖަންގްޝަނަށް ފޮނޮވާލާފައިވާ ކަމަށް. ނޫނީ ނަރުދަމާ ނިޒާމުގެ ތެރެއަށް ދޫކޮށްލާފައިވާ ކަމަށް. އެކަމަކު އެކަން އެގޮތަށް ނުހިނގާކަން ފިޒިކަލީ އަޅުގަނޑުމެން ވަނީ އެތަނަށް ގޮސް އެމަސައްކަތް ކޮށްގެން އެކަން ކަށަވަރުކޮށްފަ.

– އަދި ސީނުން ފެނުނު ވަޅީގެ ލޭގެ އަސަރު ނެތް ކަމަށް ވެސް ވާހަކަ ދެކެވޭއިރު، ވަޅީގައި ގިނަ އަދަދަކަށް ލޭހުރި ކަމަށް ތަހުގީގަށް ފާހަގަ ކުރެވޭ. އަދި ދެންނެވުނު ވަޅިއަކީ ގޭގެ ބަދިގޭގައި ބޭނުން ކުރާ ވަޅިކަން ވެސް ފާހަގަ ކުރަން.

ޒަކިއްޔާ މަރުވެފައި އޮތް ތަނުން ފެނުނު ވަޅި…. ފޮޓޯ: ފުލުހުން

– ޒަކިއްޔާ ލައިގެން ހުރި ހެދުމުގައި ލޭނެތް ކަމަށް ބުނާއިރު އެކަންކަން އޮތީ އެގޮތަށް ނޫން ކަންވެސް ތަހުގީގުން ފާހަގަ ކޮށްލަން.

އަދި މިނޫންވެސް ބައެއް ތުހުމަތުތައް އުފައްދާފައިވާއިރު އެއިން ކޮންމެ ކަމެއްވެސް ނުވަތަ ކޮންމެ ތުހުމަތެއް ވެސް އުފައްދައިފައިވީނަމަވެސް އެއިން ކޮންމެ ތުހުމަތަކާ ގުޅުވައި ދެވޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް މިހާތަނަށް ތަހުގީގަށް ފާހަގަ ވެފައި ނުވާކަން ނުނީ އެކަން އެގޮތަށް ހިނގާފައި ނުވާކަން ތަހުގީގަށް ވަނީ ކަށަވަރު ކުރެވިފަ ކަމަށް ސާމިހު ވިދާޅުވިއެވެ.

"މިހާދިސާއާ ގުޅިގެން އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުންވަނީ ކުށުގެ ވެށި ޒަކިއްޔާ އޮތް ގުދަންތެރެއާއި ގޭތެރޭގެ އިތުރުން ޒަކިއްޔާގެ ހަށިގަނޑުން ވެސް އެއްވެސް ސްޓްރަގްލް އެއް ނުވަތަ އިތުރު ފަރާތެއްގެ ފުށުން ލިބިފައިވާ އަނިޔާގެ އެއްވެސް ނިޝާނެއް ފާހަގަ ވެފައި ނުވާ ކަން، އަދި މިމައްސަލައާ ގުޅިގެން ސީޓީ ސްކޭނެއް ހެދިފައިވާއިރު އޭގެ ނަތީޖާ އިންވެސް ޒަކިއްޔާގެ ހަށިގަނޑަށް އަނިޔާއެއް ނުވަތަ ސުވާލު އުފެދޭ ފަދަ ކަމެއް ފާހަގަ ވެފައި ނުވާކަން ފާހަގަ ކުރަން، އިތުރަށް އަޅުގަނޑު ފާހަގަ ކޮށްލާނީ މިމައްސަލައާ ގުޅިގެން ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިދެންނެވިފަދައިން ސީޓީ ސްކޭންތަކުގެ އިތުރުން ޕެތަލޮޖިސްޓެއްގެ އޮބްޒަވޭޝަނަށް ކަމަށްވާއިރު އެކަން އެގޮތުގައި ކުރެވިފައިވާކަން އަޅުގަނޑު ފާހަގަ ކޮށްލަން. އަދި ޑޮކްޓަރުގެ ބަހުން ކޯޒް އޮފް ޑެތް ނުވަތަ މަރުވި ސަބަބެއްގެ ގޮތުގައި ކޮށްފައި ވަނީ ކަރަށް ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުންކަން އެނގޭ. އެެހެންކަމުން މިހާތަނަށް ތަހުގީގުން ހޯދުނު ހޯދުންތަކުން ޒަކިއްޔާއަށް ލިބިފައިވާ އަނިޔާގެ ޒަޚަމް ތަަކަކީ ނުވަތަ ޒަކިއްޔާ މަރުވެފައިވަނީ އިތުރު އެއްވެސް ފަރާތެއްގެ އަމަލެއްގެ ސަބަބުންކަން ދޭހަ ކޮށްދޭނެ އެއްވެސް ސަބަބެއް ފެންނަން ނެތުމާއެކު މި މައްސަލައިގައި އިތުރަށް އިތުރު މީހެއްގެ ބައިވެރި ވުމެއް އޮތް ކަމަށް ތަހުގީގަށް މިހާތނަށް ފާހަގަ ކުރެވިފައި ނުވާކަން އަޅުގަނޑު ފާހަގަ ކޮށްލަން" ސާމިހު ވިދާޅުވިއެވެ.

މިމައްސަލައިގެ ތަހުގީގުގެ ބައެއް މަސައްކަތްތައް ކުރިޔަށްދާކަން ފާހަގަ ކުރައްވައި ސާމިހު ވިދާޅުވީ މުޅި މައްސަލަ އެއްކޮށް ނިންމުމަށް އަދި ވެސް ވަގުތު ބޭނުންވާ ކަމަށެވެ.

ފުލުހުން މިމައްސަލަ ތަހުގީގު ކޮށްފައިވާއިރު ޒަކިއްޔާގެ އާއިލާ އާއި ރަށުގެ ރައްޔިތުން ތުހުމަތު ކުރަނީ ޒަކިއްޔާ މަރުވެފައިވަނީ އޭނާ އަމިއްލަ އަށް ނޫން ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!