ބަލިމީހެއްގެ އެހީގެ ތަފްސީލް ހާމަކުރެވުނީތީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާއިން) މައާފަށް އެދިއްޖެއެވެ.
އެންސްޕާއިން މައާފަށް އެދިފައިވަނީ އެ އެޖެންސީން އެހީ ނުދިންކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމު ރައްޔިތަކު އާންމުކުރި ޓްވީޓަކާއި ގުޅިގެން އެންސްޕާއިން ނެރުނު ބަޔާނުގައި ބަލި މީހާގެ ޒާތީ މައުލޫމާތު އާންމުކުރެވިފައިވުމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.
މިގޮތުން އެންސްޕާއިން ބުނީ އެ އެޖެންސީއަކީ ރާއްޖޭގެ ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމަށާއި ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގަމުންދާ އެޖެންސީއެއްކަމަށެވެ.
އެންސްޕާއިން ބުނީ އެ ބަޔާނަކީ އެ އެޖެންސީން ބަލި މީހަކަށް އެހީނުދިންކަމަށް ބުނެ ސޯޝަލް މީޑިއާގައި ހަގީގަތާއި ޚިލާފު މައުލޫމާތު ފަތުރާ އެ އެޖެންސީ ބަދުނާމުވާ ގޮތަށް ފެތުރެމުންދިޔަ ވާހަކަތަކާއި ގުޅިގެން އެކަން ހިނގާފައިވާގޮތް ތަފްސީލު ކުރުމުގެ ގޮތުން ނެރެފައިވާ ބަޔާނެއްކަމަށެވެ.
މި ބަޔާނުގައި ބަލި މީހާގެ އެއްވެސް އައިޑެންޓިޓީއެއް ހިމަނާފައި ނުވި ނަމަވެސް، އެ ބަޔާނުގައި ބަލި މީހާއަށް އެ އެޖެންސީން ދީފައިވާ އެހީގެ މައުލޫމާތު ހިމެނިފައިވާތީ އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވާތީ އެފަދަ މައުލޫމާތެއް ހިމެނިފައިވާތީ އެންސްޕާއިން ވަނީ މައާފަށް އެދިފައެވެ.