ބިދޭސީއަކަށް ވަޅިން ހަމަލާދީ ފޭރުނު މީހަކު ހައްޔަރުކޮށްފި، އިތުރު މީހަކު ހޯދަނީ

ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ބިދޭސީއަކަށް ވަޅިން ހަމަލާދީ، މާރާމާރީ ހިންގައި އެ ބިދޭސީ މީހާގެ ފޯނު ފޭރުނު މައްސަލައިގައި ހއ. މާރަންދޫ، އުތުރުގެ، އިބްރާހީމް މުހައްމަދު (40އ) ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ހިތިގަސްމަގުގައި، ބިދޭސީއަކަށް ވަޅިން ހަމަލާދީ، މާރާމާރީ ހިންގައި އޭނާގެ ފޯނު ފޭރުނު މައްސަލަ އެ އިދާރާއަށް ހުށަހަޅާފައި ވަނީ އިއްޔެ ކަމަށެވެ. 

ފުލުހުން ބުނީ މި މައްސަލަ އާ ގުޅިގެން ވަޅިން ހަމާލާދީ، ފޭރުނު މީހާ ހޯދުމަށް ސީސީޓީވީ ފުޓޭޖް ބެލުމުން އެއީ ހއ. މާރަންދޫ، އުތުރުގެ، އިބްރާހީމް މުހައްމަދު (40އ) ކަން ދެނެގަނެވިފައިވާކަމަށާއި، އިއްޔެގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލަ އާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހާޒިރު ކުރުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމުގަ އެވެ. އަދި މި މައްސަލަ އާ ގުޅިގެން އިތުރު މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

މި ޙާދިސާގައި އަނިޔާވި ބިދޭސީ މީހާއަށް އެޗް16 ކްލިނިކުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ. ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

advertisement
ހިޔާލު ދެއްވާ!