ދައުލަތުގެ އެކި ކުންފުނިތަކުން އެމީހަކަށް އަތުޖެހުނު ގޮތަކައް ބޮޑެތި ވައްކަންތައް ކުރަމުން އެބަ ގެންދާ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ، ކޮވިޑްގެ ހާލަތުގައިވެސް ރައްޔިތުން ނިކަމެތި ނުވާ ވަރަށް ރައްޔިތުންގެ އަތްމަތި ދަތިވެ، ދަރަނިވެރިވެފައިވާ ބޮޑު މަންޒަރު މިހާރު ފެނިގެންދާ ކަމަށެވެ.
ސަރުކާރުގެ ތެރޭގައި ހިންގަމުންދާ ވައްކަން ތަކާއި، ޚަރަދު ކުޑަ ކުރުމަށް ބެލުމެއް ނެތި ބޮޑެތި މުސާރާ ތަކުގައި ސިޔާސީ މަގާމު ތަކަށް މީހުން ނަގަމުންދާ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.
"މިހާރު ޤައުމު މިދާގޮތައް ދާނަމަ ދިވެހި ދައުލަތް ބަގުރޫޓުވެ، ރައްޔިތުން ބަނޑައްޖެހޭނެ." އައްބާސް ވިދާޅުވިއެވެ.
"އިށީންނާނެ ގޮނޑިއެއް މޭޒެއް ނެތި ކޮންމެ މިނިސްޓްރީ އެއްގައި އެތައް ބައިވަރު ސްޓޭޓް މިނިސްޓަރ، ޑެޕިއުޓީ މިނިސްޓަރ، ޕޮލިޓިކަލް ޑިރެކްޓަރ، ޑެޕިއުޓީ ޕޮލިޓިކަލް ޑިރެކްޓަރ އެބަތިބި!" އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ، މީން ކޮންމެ ބޭފުޅަކަށް ރައްޔިތުންގެ ޓެކްސް ފައިސާ އިން 25000 އިން ފެށިގެން 45000 ރެފިޔާގެ މުސާރަ ދެމުންދާ ކަމަށެވެ.
މަސްވެރިކަމުގެ ސިނާޢަތު ނެތިގެންދާއިރު ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފުނޑިއްޖެ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.
އެމްޑީއޭ އަށް ނިސްބަތްވި ނަމަވެސް އައްބާސް ފާހަގަ ވެފައިވަނީ މި ސަރުކާރަށް މަޖިލީހުގެ މަސައްކަތުގެ ތެރެއިން އެއްބާރުލުން ދެއްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.