ބީއެމްއެލްގެ މެނޭޖިންގް ޑިރެކްޓަރު، މުހައްމަދު ޝަރީފް ވާހަކަފުޅުދައްކަވަނީ: ފޮޓޯ: ބީއެމްއެލް

އެމެކްސްއަކީ ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމުގެ ބިންގާ: ޝަރީފް

އެމެރިކަން އެކްސްޕްރެސް (އެމްކްސް) އަކީ ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމުގެ ބިންގާކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު، މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އެމެކްސްއާއި ބީއެމްއެލްގެ އެކްސްކުލޫސިވް ޕާރޓްނަރޝިޕަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެމްކްސް އަކީ ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމުގެ ބިންގާކަމަށާއި،  އެމެކްސްއަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކުރިއެރުމާއި ކާމިޔާބީގެ މުހިންމު ބައިވެރިއެއްކަމަށެވެ.

ޝަރީފް ވިދާޅުވީ އެމެކްސްއާއެކު އޮތީ ހަމައެކަނި ކާޑު ޕާޓްނަރެއްގެ ގުޅުމެއް ނޫން ކަމަށާއި 2004 އިން ފެށިގެން، އެމެރިކަން އެކްސްޕްރެސް އާއި ބީއެމްއެލާއި ދެމެދު އޮތް ގުޅުމުގެ ސަބަބުން ބޭންކެއްގެ ގޮތުގައި ކުރިއެރުންތަކެއް ލިބުނުކަމަށާއި، ބޭންކުގެ ކާމިޔާބީގައިވެސް އެމެކްސްއިން ވަރަށް މުހިންމު ދައުރެއް އަދާކޮށްދިން ކަމަށެވެ.

"އެމެކްސް އަކީ ރާއްޖޭގެ މާލީ ދާއިރާގައި މަސައްކަތްކުރަމުންދާ އެތައް ބައެއް ބިނާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ދިން ފަރާތެއް. އަދި އެމެކްސް އާއެކު ގާއިމުކުރެވުނީ މުޅި ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ނިޒާމެއް ގާއިމްކުރުމުގެ ބިންގަލެއްވެސްމެ." ޝަރީފް ވިދާޅުވިއެވެ.

" އަޅުގަނޑުގެ ހަނދާނަށް އަންނަނީ އަޅުގަނޑުމެން ފުރަތަމަ ދިވެހިރާއްޖެއަށް ކްރެޑިޓް ކާޑު ތަޢާރަފުކުރި ދުވަސް. އަޅުގަނޑު މިކަން ހަނދާންކުރަނީ ވަރަށް ބޮޑު ފަޚުރުވެރިކަމާއެކުގަ. އެއީ އެ ވަގުތު، އަޅުގަނޑަށް ލިބުނު ޝަރަފަކީ މި މަޝްރޫޢު އިސްވެ ހިންގުމާއި ބޭންކުގެ އަލަށް އުފެދުނު ކާޑު ޓީމު އިސްވެ ހިންގުމުގެ ޝަރަފް. އަޅުގަނޑުމެންނަށް އެދުވަސްވަރު ގިނަ ގޮންޖެހުންތަކާ ކުރިމަތިވި. ރާއްޖެއަށް މުޅިން އައު ހިދުމަތަކަށްވުމާއެކު އެކަމާ ގުޅޭ މަޢުލޫމާތާއި ތަޖުރިބާ އަޅުގަނޑުމެންގެ ކިބާގައި މަދުވި ނަމަވެސް، އަޅުގަނޑުމެން އެ މަސައްކަތް ފުރިހަމަކުރީ ޖޯޝާއި ފޯރީގަ. އާދެ މާ ބޮޑު ތަޖުރިބާއެއް ނެތް ނަމަވެސް އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކަށްވީ އެއްވެސް ލަސްކަމެއް ނުގެނެސް އަދި ހަމައެހެންމެ ހުއްޓުމެއް ނެތި ކަސްޓަމަރުންނަށްމި ޚިދުމަތް ފޯރުކޮށްދިނުމަށް." ޝަރީފް ވިދާޅުވިއެވެ.

މިހަފްލާގައި ޝަރީފް ވަނީ އެމެރިކަން އެކްސްޕްރެސްއާއެކު، ބީއެމްއެލް އަށް މުހިންމު ކާމިޔާބީތަކާއި ލަނޑުދަތިތައް ހާސިލްވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ބީއެމްއެލް އިން ރާއްޖޭގައި ފުރަތަމަ ކްރެޑިޓް ކާޑުތައް ތަޢާރަފުކޮށް ކުދި ފިހާރަތަކުން ފެށިގެން ރާއްޖެ ދުނިޔޭގެ މަންޒިލަކަށް ހަދާފައިވާ ރިސޯޓުތަކާ ހަމައަށް އެކަން ފުޅާކޮށްދިން ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުވެރިން ރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ފަހި ދިރިއުޅުން ދެނެގަތުމަށް ހިތްވަރުދިނުމަށްޓަކައި ބީއެމްއެލް އިން އެމްކްސްއާއެކު "އެކްސްޕީރިއަންސް މޯލްޑިވްސް" ޑެސްޓިނޭޝަން މާކެޓިންގ ކެމްޕޭން ފެށި ކަމަށާއި ތިން އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ކެމްޕޭނުން ދައްކުވައިދިނީ ބީއެމްއެލްގެ ޕާޓްނަރޝިޕް ބޭންކިންގ އަށްވުރެ އިތުރަށް ފުޅާވެގެންދިޔަ ގޮތާއި، ޤައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އެހީތެރިވެދީ، ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހެދުމަށް އެމެކްސްގެ ފުޅާ ނެޓްވޯކްގައި ރާއްޖެ މަޝްހޫރުވެގެންދިޔަ ގޮތް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިރޭ އަޅުގަނޑުމެން 20 އަހަރު ފާހަގަކުރާއިރު، އަޅުގަނޑު ބޭނުންވަނީ ބޭންކް އޮފް މޯލްޑިވްސްއާއި އެމެރިކަން އެކްސްޕްރެސްގެ ޓީމުތަކުގެ ބުރަ މަސައްކަތްތައް ފާހަގަކޮށްލަން. އެއީ އެއް ޓީމަކުން އަނެއް ޓީމަކަށް އެއްބާރުލުން ދެމުން، އެންމެ ރަނގަޅަށް ކަންކަން ކުރުމަށް މަސައްކަތްކުރި ޓީމުތަކެއް. މި ހުރިހާ ޓީމުތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. މިއީ ކުރިއަށް ބެލުމުގެ ވަގުތު ވެސްމެ. ފައިސާ ދެއްކުމާއި ބޭންކިންގެ ދުނިޔެ ބަދަލުވަމުން އަންނަ ހިނދު އެމެކްސްއާއެކު، އަޅުގަނޑުމެން މިވަނީ އައު އީޖާދުތަކުގެ ކުރީ ސަފުގައި ތިބުމަށް އަޒުމްކަނޑައަޅާފަ. އަދި ޑިޖިޓަލް ބަދަލުތައް ގެނައުމަށް މަސައްކަތްކުރުމާއެކު، ދިވެހިރާއްޖޭގެ އާ ޖީލުތަކުން ބޭނުންވާ މާލީ ހައްލުތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނަން." ޝަރީފް ވިދާޅުވިއެވެ.

300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 8،000 އަށް ވުރެ ގިނަ މާރޗެންޓުންނާއެކު ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ހިދުމަތް ދިނުމާއި ހިދުމަތް ބަލައިގަންނަ ހަމައެކަނި ބޭންކެވެ.

advertisement
ހިޔާލު ދެއްވާ!