އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް

އަޅުގަނޑުމެންނަކީ މީހުން ވެރިކަމުން ބާލާ ބައެއް ނޫން: ފައްޔާޒު

އެމްޑީޕީ އަކީ މީހުން ވެރިކަމުން ބާލާ ބައެއް ނޫންކަމަށް އެ ޕާޓީގެ ޗެއާޕާސާން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިފަދައިން ވިދާޅުވީ އަންނަ އަންގާރަ ދުވަހު އެމްޑީޕީން މާލޭގައި ބާއްވާ "ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން"ގެ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ރޭ ބޭއްވި އެ ޕާޓީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފައްޔާޒު ވަނީ ވެރިކަމެއް ވައްޓާލުމަކީ އެމްޑީޕީން ކުރާނެ ކަމެއް ނޫން ކަމަށާއި އެމްޑީޕީ އަކީ މީހުން ވެރިކަމުން ބާލާ ބައެއް ނޫންކަމަށް ވިދާޅުވެފައެވެ.

ފައްޔާޒު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތައް ހުރީ އާންމު ރައްޔިތުންނަށް ވަރަށް އުނދަގޫވާ ގޮތަށް ބައްޓަންކޮށްފައި ކަމަށާއި އެ އުސޫލުން ކަންކަން ކުރުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއާ "ހިތުހުރި ގޮތަކަށް" ކުޅެމުން އަންނަ ކަމަށާއި އެއީ އެ ގާނޫނުއަސާސީ ގެންނަން އެމްޑީޕީން ކުރި ބުރަ މަސައްކަތާ މުޅިން ދެކޮޅު ކަންތައްތައް ކަމަށެވެ. އެ ސަބަބަށްޓަކައި އެމްޑީޕީން ޤާނޫނު އަސާސީގެ ދިފާޢުގައި ނިކުންނަން ޖެހޭ ކަމަށެވެ.

ފައްޔާޒު ވަނީ ސަރުކާރަށް ވިސްނައިދެވޭތޯ އެކިއެކި ފޯރަމްތަކުގައި، އެކި ގޮތްގޮތަށް މަސައްކަތް ކުރެވިއްޖެ ކަމަށާއި އެކަމަކު އެކަން ނުވި ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހެނީ ޖަލްސާ ބާއްވައިގެން ކަމަށް ވިޔަސް ނުވަތަ މަގުމައްޗަށް ނުކުމެ މުޒާހަރާ ކޮށްގެން ކަމަށް ވިޔަސް، އެމްޑީޕީން އެކަން ކުރާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކުގެ ތެރެއިން އެންމެ ބޮޑަށް އަމާޒުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ އިޞްލާޙަށެވެ. އަލަށް ގެނައި އިޞްލާޙުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި އިރު ހުރި ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ އަދި އަމިއްލަ ގޮތުން ހޮވުމަށް ފަހު ޕާޓީއަކަށް ވަދެއްޖެ ނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭނެއެވެ.

"ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ގެ ނަމުގައި އެމްޑީޕީން ޖަލްސާ ބާއްވަން ނިންމާފައި ވަނީ ޑިސެމްބަރު 10 ވާ އަންނަ އަންގާރަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގަ އެވެ.

advertisement
ހިޔާލު ދެއްވާ!