އެމްޑަބްލިޔުއެސްސީން 400 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން ހުޅުވާލައިފިއެވެ.
އެމްޑަބްލިއުއެސްސީގެ ކޮންސަލްޓެންޓް، ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ބުނީ ދެ މަރުހަލާއަކަށް ބަހާލައިގެން ވިއްކުމަށް ހަމަޖެހިފައިވާ 400 މިލިއަން ރުފިޔާގެ ބޮންޑުގެ މިހާރު އިއުލާން ކޮށްފައިވަނީ 200 މިލިއަން ރުފިޔާގެ ބޮންޑަށް އިންވެސްޓްކުރަން ކަމަށެވެ. އަދި ފަސް އަހަރަށް އިޝޫ ކުރާ މި ބޮންޑުގެ އިންވެސްޓަރުންނަށް 7.5 ޕަސެންޓްގެ އިންޓްރެސްޓުގައި ފައިދާ ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ދެވަނަ ބުރުގައި 200 މިލިއަން ރުފިޔާގެ ބޮންޑަށް އިންވެސްޓްކުރަން ހުޅުވާލާނެ ކަމަށް ވެސް ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ބުންޏެވެ.
ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ބުނީ އެމްޑަބްލިއުއެސްސީން ބޮންޑެއް ވިއްކަން ހުޅުވާލާފައި މިވަނީ ގިނަ އިންވެސްޓްމެންޓްތަކަކަށް ފައިސާ ހޯދުމަށް ކަމަށެވެ.
އެގޮތުން ފެނާއި ނަރުދަމާގެ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އިންވެސްޓްމެންޓްތަކަށާއި އެ ކުންފުނިން މިހާރު އަތޮޅުތަކުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް އަވަސް ކުރުމުގެ އިތުރުން ކުންފުނިން އުފައްދާ ބައެއް ސާމާނުގެ ވިޔަފާރި ފުޅާކުރުމަށް ބޮންޑު ވިއްކައިގެން ލިބޭ ފައިސާ ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.