އާޓިފިޝަލް ބީޗުގައި "އިންޑިއާގެ ސިކުން" ހިންގާ ސިލްސިލާ މާރާމާރީ، މިކަމާ ކަންބޮޑުވާ މުއައްސަސާއެއް ނެތް!

ހަފްތާގެ ހަދުވަހު މަސައްކަތް ކުރުމަށްފަހު ލިބޭ ހުކުރު ބަންދަކީ އާއިލާތަކާއެކު ވަގުތު ހޭދަކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ގިނަ އާއިލާތަކުން މާލޭގެ ޕާކްތަކާށާއި ބީޗްތަކަށް ނިކުންނަ ދުވަހެކެވެ.

އެގޮތުން މާލޭގެ އާޓިފިޝަލް ބީޗަކީ ކޮންމެ ހުކުރުދުވަހަކު ކުޑަކުދިން ގޮވައިގެން ގިނަ އަދަދެއްގެ މައިންބަފައިން ނިކުންނަ ސަރަހައްދެކެވެ. އަދި  ހަމަ އެތަނަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ވެސް އެމީހުންނަށް ލިބޭ ހަމަ އެކަނި ބަންދު ދުވަހު އެކަކު އަނެކަކާ ބައްދަލުވެލައި ގުޅުން ބަދަހިކޮށް ހިތްހަމަ ޖައްސާލަންދާ ތަނެކެވެ.

ނަމަވެސް މިތަނަށް ވަގުތުހޭދަކުރަން ނިކުންނަ ބިދޭސީންގެ އަމަލުތަކުގެ ވާހަކަ ދިވެހި ރައްޔިތުން ދައްކާތާއެތައް ޒަމާނެއް ވެއްޖެއެވެ. އެގޮތުން އެތަނުގައި އެމީހުން އެކަކު އަނެކަކަށް ހިފާ އޮޅުލައި ކުޑަކުދިންނަށް ފެނިގެން ނުވާފަދަ ބަދު އަޚްލާގީ އަމަލުތައް ހިންގާކަން ރައްޔިތުން ފާހަގަ ކުރަމުންދެއެވެ.

އެގޮތުން މިހާރަކަށް އައިސް ކުޑަކުދިންގެ ކުރިމަތީގައި ކޮންމެ ހަފްތާއެއްގައި އެތަނުގައި މާރާމާރީ ހިންގައި ލޭ އޮހޮރޮވާކަން ފާހަގަ ކުރެވެއެވެ. މި މައްސަލަ ސިޓީކައުންސިލާއި ފުލުހުންގެ ސަމާލުކަމަށް "ރިވާޔާ ނިއުސް" އިން ވާނީ މިދިޔަ ހަފްތާގައި ގެނެސްފައެވެ.

ނަމަވެސް އިއްޔެ ވެސް މިވަނީ ކުޑަކުދިންގެ ކުރިމަތީގައި ހަމަ އެތަނުގައި މާރާމާރީ ހިންގައި ލޭއޮރުމެއް ހިންގާފައެވެ. އެމާރާމާރީ ހިންގި ވަގުތު އެތަނުގައި ހުރި ދިވެހި ކުއްޖަކަށް ވަނީ އަނިޔާލިބިފައެވެ.

ފުލުހުންނަށް އެތަނަށް އާދެވުނު އިރު އެމާރާމާރީ ހިންގުމަށްފަހު އެމީހުން ވަނީ އެތަނުން ފިލައިފައެވެ. މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެމާރާމާރީއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާކަމަށާއި އެމައްސަލަ އެއިދާރާއިން ބަލަމުުން ގެންދާ ކަމަށެވެ.

"މި ސަރަހައްދަކީ 24 ގަޑިއިރު ފުލުހުން ސެކިޔުރިޓީދޭ ތަނެއް، ޗައިނާ ހައިކޮމިޝަން މިއިންނަނީ މިތާ. ޕޮލިސް ޕޯސްޓެއް މިތާ އެބަހުރި. އެކަމަކު ހާދިސާއެއް ހިގާއިރު މިތަނުގައި ފުލުހެއް ނުހުރޭ ފެންނާކަށްވެސް. ކަންވެ ނިމޭފަހުން އެމީހުންނަށް މިއާދެވެނީ. މިއީ އެންމެ ދުވަހު ދެދުވަހުކު ވާކަމެއް ނޫނޭ. ހަމަ ކޮންމެ ހުކުރު ދުވަހަކު މިސަކަރާތެއް މިމީހުން އެބަޖަހާ. ސަލާމަތީ ބާރުތައް މިތިބެނީ ކިހިނެއް ވެފަ ބާއޭ ހިތަށް އަރާ" އެތަނުގައި އިއްޔެ ހުރި ބެލެނިވެރިއަކު ބުންޏެވެ.

އެކި ގައުމުތަކުގެ މީހުން އެއްވަގުތެއްގައި އެއްވާތަނެއްގައި ސަލާމަތީ ބާރުކަތުން އެތަނުގައި މީހުން އެއްވާ ވަގުތު ކޮޅުގައި ހަރަކާތްތެރި ވާން ޖެހޭނެއެވެ. ކަމެއް ހިނގާނީ ބުނެފައެއް ނޫނެވެ. އެހެން ކަމުން މިކަމާމެދު މުއައްސަސާތަކުން އިންތިޒާމުތައް ހަމަ ޖައްސައި މިކަންކަން ނުހިނގާނެ އުސޫލަކުން ކަންކަން ކުރަން ޖެހެއެވެ.

advertisement
ހިޔާލު ދެއްވާ!