އެމްއެމްއޭގެ ބޯޑުން ދެ ބޭފުޅަކު ވަކިކޮށްފި

އެމްއެމްއޭގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލް ކުރައްވާ ދެ ބޭފުޅުން އެ ބޯޑުން މިއަދު ވަކިކޮށްފި އެވެ.

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ބޯޑުން ވަކިކުރީ މަޝްހޫރު ގާނޫނީ ވަކީލު މުޙައްމަދު ޝަހުދީ އަންވަރާއި ނޮވެލްޓީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަސްޢަދު ޢަލީ އެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ޕްރައިވެޓް ސެކްޓަރުގެ ފަރާތުން އެމްއެމްއޭގެ ބޯޑަށް ޢައްޔަންކޮށްފައިވާ އެ ދެ ބޭފުޅުން ވަކިކުރީ އެ ބޯޑުގެ ބައްދަލުވުމުގައި މެމްބަރުންގެ ވޯޓުންނެވެ.

އެމްއެމްއޭގެ ބޯޑުގައި ހަތް ބޭފުޅުން ތިބެން ޖެހޭއިރު ޕްރައިވެޓް ސެކްޓަރު ތަމްސީލް ކުރާނެ ބޭފުޅުން އަދި އައްޔަން ނުކުރެ އެވެ.

ޝަހުދީ އާއި އަސްއަދު ވަކިކުރުމުން މިހާރު ބޯޑުގައި ތިއްބެވީ ގަވަރުނަރު އަޙްމަދު މުނައްވަރާއި ޑެފިއުޓީ ގަވަރުނަރު އަޙްމަދު ޢިމާދާއި އެމްއެމްއޭގެ އެޑްވައިޒަރު އިދުހާމް ޙުސައިނާއި ފިނޭންސް މިނިސްޓްރީ ތަމްސީލް ކުރައްވާ އަޙްމަދު ޒަޔާން މުޙައްމަދާއި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ޢަބްދުލް ޙަލީމް ޢަބްދުއްލަޠީފެވެ.

އެމްއެމްއޭގެ ބޯޑަށް މެމްބަރުން ޢައްޔަންކުރައްވަނީ 5 އަހަރުގެ ދައުރަކަށެވެ.  އެމްއެމްއޭގެ ބޯޑުން މިއަދު ވަކިކުރި އަސްޢަދު ބޯޑަށް ޢައްޔަންކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ. އަދި ޝަހުދީ ޢައްޔަންކޮށްފައިވަނީ 2023 ގަ އެވެ.

advertisement
ހިޔާލު ދެއްވާ!