ޤާނޫނު އަސާސީ އަށް ގެނައި ނުބައި ބަދަލާގުޅިގެން އެމްޑީޕީ އިން ބާއްވާ އެއްވުމުގައި ޕީޕީއެމް އާއި ޕީއެންސީ ވެސް ބައިވެރިވާންވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން އިސްވެ ގާނޫނު އަސާސީގެ ހިމާޔަތުގެ ނަމުގައި ބާއްވާ އެއްވުން ބާއްވަން ނިންމާފައިވަނީ މި މަހުގެ 10 ވަނަ ދުވަހު އެވެ. މި އެއްވުން ބާއްވަން ނިންމާފައިވަނީ މެމްބަރުން ޕާޓީ ބަދަލުކޮށްފި ހިނދެއްގައި އަދި ޕާޓީއަށް ފެނިއްޖެ ހާލަތެއްގައި ޕާޓީން އެމެންބަރަކު ވަކިކޮށްފި ނަމަ މަޖްލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ބުނެ ގާނޫނު އަސާސީއަށް އިސްލާހާގުޅިގެންނެވެ.
މިކަމަށް އިޝާރާތް ކުރައްވައި އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީއިން މި ބައިވެރިވާން ޖެހެނީ މެންބަރުން ޕާޓީތަކުގެ އަޅުންނަށް ހެދުމުގެ ސަބަބުންނެވެ.
"ޤާނޫނު އަސާސީ އަށް މިގެނައި ނުބައި ބަދަލާގުޅިގެން އެމް،ޑީ،ޕީ އިން ބާއްވާ އެއްވުމުގައި ޕީޕީއެމް އާއި ޕީ،އެން،ސީ ވެސް ބައިވެރިވާންވާނެ. އެއީ ހަމަ މިބަދަލު އެޕާޓީތަކުގެ ވެރިކަންތަކުގައިވެސް ޤާނޫނަށް ގެނެސް މެންބަރުން، ޕާޓީގެ ލީޑަރުގެ އަޅުންނަށް ހެދީތީ." އުމަރު ވިދާޅުވިއެވެ.
މެމްބަރުން ޕާޓީ ބަދަލު ނުކުރެވޭ އިސްލާހަކީ ނިމި ދިޔަ އެމްޑީޕީގެ ވެރިކަމުގައި އެޕާޓީން ހުށަހެޅި އިސްލާހެކެވެ. ނަމަވެސް އެއިސްލާހަށް މިސަރުކާރުން އިތުރުކުރި އިސްލާހުގައި ޕާޓީއަށް ފެނިގެން އެމެންބަރަކު ވަކި ކޮށްފި ނަމަވެސް ގޮނޑި ގެއްލޭގޮތަށް ވަނީ އިސްލާހެއް ހުށަހަޅައި ސުޕަމެޖޯރޮޓީ އޮތް ސަރުކާރުން ބޭނުންވި ގޮތަށް އެކަން ނިންމައިފައެވެ.
މިކަމާ ގުޅިގެން ގާނޫނީ ދާއިރާގެ ބޭފުޅުންވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި މި އިސްލާހުގެ ސަބަބުން މެންބަރުން އަމަލުކުރަން ޖެހޭނީ ރައްޔިތުންގެ މަސްލަހަތަށް ވުރެ އޭރެއްގެ އޮންނަ ސަރުކާރެއްގެ މަސްލަހަތު ހިފެހެއްޓުމަށެވެ.