ނަބީލް

އަންހެން ހެދުން އަޅައިގެން އުޅޭ ނަބީލްއަށް އަދަބު ނުދީގެން އުޅެނީ ޕީޖީން ކަމަށް ފުލުހުން ބުނެފި

އަންހެން ހެދުން އަޅައިގެން އުޅޭ މުހައްމަދު ނަބީލު (ޔާޔާ ނަބީލް39އ)، އަށް އަދަބު ނުދީގެން އުޅެނީ ޕީޖީން ކަމަށް ދޭހަވާ ގޮތަށް ފުލުހުން ޖަވާބު ދީފިއެވެ.

ތަކުރާރުކޮށް މިހާރުވެސް ވީިޑިއޯތަށް އާންމުކުރަމުންދާ ނަބީލް އާ މެދު ކަމާ ގުޅޭ މުއައްސަސާތަކުން ފިޔަވަޅު ނާޅާތީ ނޫސްވެރިން ފުލުހުންނާ އެސުވާލު ކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެކަމާ ގުޅިގެން އެއްވެސް ޖަވާބެއް ފުލުހުން މިހާތަނަށް ދީފައި ނުވާތީ ބައެއް ނޫސްވެރިންވަނީ އެކަމާ ގުޅިގެން ފުލުހުންނަށް ފާޑު ކިޔައިފައެވެ.

އެހެންވެ މީޑިއާ ގްރޫޕަށް ފުލުހުން ފޮނޮވި މެސެޖެއްގައި ބުނީ "އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފަށް 39 އަހަރުގެ ފިރިހެނަކު އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯތައް ޝާއިއު ކުރަމުންދިޔަ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި 17 ޖުލައި 2024 ވަނަ ދުވަހު ފުލުހުން ވަނީ ޕީޖީއަށް ފޮނޮވާފައި" ކަމަށެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް އިސްލާމްދީނާ ޚިލާފް ކޮންޓެންޓް ފަތުރާ ކަމަށް ތުހުމަތުކޮށް ނަބީލް އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެފަހަރު އޭނާ ވަނީ ދޫކޮށްލާފައެވެ.

އޭގެ ފަހުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު ބަރަހަނާ ވީޑިއޯ އާންމުކުރާ މައްސަލައިގައި އަނެއްކާވެސް ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ފުށުން މުޖުތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ބުނެ އޭނާގެ ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމިއެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ބަންދުން ދޫކޮށްލުމަށް އަމުރު ކޮށްފައިވަނީ ގާޒީ އަލީ ނަދީމް އެވެ.

ބަންދުން ދޫކޮށްލި ސަބަބެއް ކަމަށް ގާޒީ އަލީ ނަދީމް ބުނެފައިވަނީ ނަބީލްގެ ފަރާތުން މުޖުތަމައުގެ އެހެން ފަރާތަކަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ނެތުމުން ކަމަށެވެ. އަދި އޭނާގެ ފަރާތުން މީހަކަށް ގެއްލުމެއް ލިބިފައިނުވާތީ ބަންދުން ދޫކޮށްލިޔަސް މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް ގާޒީ އަލީ ނަދީމް ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް ހަމަ އެއަހަރު އަނެއްކާވެސް އެފަދަ މައްސަލައެއްގައި އޭނާގެ މައްޗަށް އެއްއަހަރުގެ ހުކުމެއް ކޯޓުން ވަނީ ކޮށްފައެވެ. ހުކުމް ތަންފީޒުކޮށް ނިމިގެން އޭނާ ބުނެފައިވަނީ ކުރިން ކުރެވުނު ކަންތައްތަކަށް ތައުބާވެ ދެން އެފަދަ ކަމެއް ނުކުރާނެ ކަމަަށެވެ.

ނަމަވެސް އޭގެ ފަހުން މި އަހަރުގެ މެއި މަހުގެ ތެރޭގައި އަނެއްކާވެސް ހަމަ މިފަދަ ކޮންޓެންޓްތައް ތައްޔާރުކޮށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަށް އާންމުކުރާ މައްސަލައެއްގައި ހައްޔަރުކޮށް 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރިއެވެ. ނަބީލް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ އާންމު ކުރަމުންދާ މައްސަލައިގައެވެ.

އެންމެ ފަހުން ހައްޔަރު ކޮށް ކޯޓުން އޭނާ ދޫކޮށްލާފައިވަނީ ދެން އެހެން ނޫޅޭނެ ކަމަށް ޝަރުތުކޮށް ކަން ފާހަގަ ކުރެވެއެވެ. މުޖުތަމައުއަށް އޭނާގެ ކިބައިން ގެއްލުމެއް ނުލިބޭނެ ކަމަށް ކޯޓުން ދެކޭތީ އޭނާ ކޮންމެ ފަހަރަކު ބަންދުން ދޫވެ، މި ސައްތައިން ސައްތަ މުސްލިމް ޤައުމުގައި އިސްލާމްދީނުގެ މިންގަނޑުތަކާ ޚިލާފަށް އުޅެމުންދާތީ އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެދުން އެޅުމާ ގުޅޭ ގޮތުން ރަސޫލާ صلى الله عليه وسلم ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ފިރިހެނުންގެ ތެރެއިން އަންހެނުންނާ ވައްތަރުވެގަންނަ މީހުންނާއި، އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގަންނަ މީހުންނަށް މާތްﷲ ލަޢުނަތް ލެއްވިއެވެ."

އިސްލާމް ދީނުގައި މިހާ ބޮޑަށް ނަހީކުރައްވާފައިވާ ކަމެއް ކުރަމުންދާ މީހެއްގެ ސަބަބުން މުޖުތަމައުއަށް ގެއްލުން ނުވާނެ ކަމަށް ދެކޭ ދެކުމަކީ ގާޒީންނަކީ މުސްލިމް ގައުމެއްގެ ކޯޓުތަކުގައި ތިބެން ޖެހޭ ބައެއް ކަމާމެދުވެސް ރައްޔިތުން ސުވާލު އުފައްދައެވެ. ރާއްޖޭގެ ޖުޑީޝަރީގެ ތެރޭގައި ކަރަޕްޝަން އަށަގެންފައިވާ ކަމުގެ ހެއްކަކީ ބޮޑެތި ކުށްތަކުގައި ހައްޔަރު ކުރާ އެތައް ބަޔަކު މުޖުތަމައު އަށް އަނެއްކާ ވެސް ދޫވެގެން ދިޔުމެވެ.

ކޯޓުތަކާއި ގުޅިގެން ކުރެވޭ ތުހުމަތުތައް ބެލުމަކީ ގައުމެއްގެ އެތެރޭގެ މަސްލަހަތު ރަނގަޅުކޮށް، އަމާން ވެއްޓެއް ގާއިމުކުރަން ބޭނުންވާ ސަރުކާރުތަކުން ކޮންމެހެންވެސް ބަލައި ތަހުގީގުކުރަންޖެހޭ ގައުމީ ބޮޑު މައްސަލައެކެވެ.

advertisement
ހިޔާލު ދެއްވާ!