އޭސީސީ އަށް ކުރިމަތިިލާން ހުޅުވާލައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ދެ މެމްބަރުން އިސްތިއުފާ ދިނުމާ ގުޅިގެން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ފުރުސަތު ހުޅުވާލެވިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެ ކޮމިޝަނުން ދެ މެންބަރަކު މަދުވީ ނައިބު ރައީސް ޢަބްދުއްސަލާމާއި އެ ކޮމިޝަނުގެ މެންބަރު ޠޯޙާ މުޙައްމަދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވާފައިވަނީ އޭސީސީގެ ގާނޫނާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެ ދެ މީހުން މަގާމުން ވަކިކުރަން އެ ކޮމިޓީން ނިންމާފައި ވަނިކޮށެވެ. އެ ދެ މެންބަރުން އިސްތިއުފާދެއްވާފައިވަނީ ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުން ދަނިކޮށް މިދިޔަ މަހުގެ 25 ގަ އެވެ.

އެ އިއުލާނުގައިވާ ގޮތުން މެމްބަރު ކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރުވެ، ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިނުވާ މީހުންނަށެވެ. އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފޯމު ބަލައިގަންނާނީ ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 ގެ ނިޔަލަށް ރައީސް އޮފީހުންނެވެ.

advertisement
ހިޔާލު ދެއްވާ!