މި ޒަމާނުގެ ސައެންސީ އައު ދިރާސާތައް ކަށަވަރުކޮށްދޭ ގޮތުގައި ރާގެ ވަސް ރާ ބުއިމަށް ވުރެ ވަކިން ގެއްލުން ކުޑައެއް ނޫނެވެ އަދިކިއެއްހެއްޔެވެ؟ ބައެއްފަހަރަށް ރާގެ ވަހުގެ ނުބައި އަސަރު ރާގެ އަސަރަށް ވުރެ މާ ބޮޑެވެ. މިހެންވެ ސައެންސީން މިއަދު ނަސޭހަތްދެއްވަނީ ރާގެ މޭޒުތަކާ ދުރަށް ދިޔުމަށެވެ. ރާ ބޯ ތަންތާނގައި އިށީނުމުން އެތާނގައި ފެތުރެމުންދާ ރާގެ ވަސް ނޭފަތުންނާއި އަނގައިން ލައިފާ އެތެރެއަށް ދާތީއެވެ. މި ކަމުގެ ސަބަބުން އިންސާނާއަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. އޭގެތެރޭގައި މި އަންނަ ކަންތައްތައް ފާހަގަކުރައްވައެވެ.
– ރާ ތަށިތަކުން އަރާ ރާގެ ވަހުގެ ސަބަބުން އިންސާނާގެ ނާރުވީ ނިޒާމު ގަޑުބަޑުވެ ސިކުނޑީގެ ނިޒާމުގެ ޢަމަލުތަކުގެ ކުރުންތެރިކަން ކުޑަވެ ނާޤާބިލުވެއެވެ.
– ރާ ތަށިތަކުންނާއި ރާޚާނާތަކުގެ އެތެރޭގައި ވަޔާ އެކު ފެތުރޭ ރާ ވަހުގެ ސަބަބުން ހިތުގެ ވިންދަށް ބަދަލުއައުމާއި ލޭ މައްޗަށް ދިޔުން ވެއެވެ. މިކަމުގެ ސަބަބުން ބޮލުގައި ރިއްސުމާއި ހާސްވުން އިތުރުވެއެވެ. ބައެއްފަހަރަށް ހޭނެތިގެން ވެއްޓޭ ތަން ވެސް އާދެއެވެ.
ޤަދީމީ ޒަމާނުގައި ބައެއް މީހުން ހީކުރަމުން ގޮސްފައިވާ ގޮތުގައި ރާ ބޯ މީހުންނާއެކު އިށީނދެ އިނަސް އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ. އެހެނަސް ފަހުގެ ދިރާސާތަކާއި ހޯދުންތައް ބުނާގޮތުގައި ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން ކައިރީގައި އިނުމުން ގެއްލުން ލިބޭ ގޮތަށް ރާ ބޯ މީހުން ކައިރީގައި އިށީނުމަކީ ވެސް އޭގެ ނުބައި އަސަރު އެމީހާއަށް ކުރާނެ ކަމެކެވެ.
ހުޅަނގުގެ ގައުމުތަކުގައި އުޅޭ ބައެއް މުސްލިމުން ހީކުރާގޮތުގައި ރަޙްމަތްތެރިއަކު ރާ ބޯއިރު އޭނާގާތުގައި އިނުމަކީ އާދައިގެ ކަމެކެވެ. އޭނާއާއެކު ރާ ނުބޯ ނަމަ މަސްއަލައެއް ނެތެވެ. އެހެނަސް ހުޅަނގުގެ ދިރާސާތައް މިއަދު ކަށަވަރުކޮށްދޭ ގޮތުގައި ރާ ބޯ މީހެއްގެ ގާތުގައި ބައި ގަނޑިއެއްހާ އިރު އިނުމަކީ އޭނާގެ ނާރުވީ ނިޒާމު ގަޑުބަޑުވެ، ސިކުނޑީގެ ނިޒާމުގެ ޢަމަލުތަކުގެ ކުރުންތެރިކަން ކުޑަވެ، ނާޤާބިލުވުން އިތުރުވެގެންދާނެ ކަމެކެވެ. އޭނާގެ ގާތުގައި އިށީނދެއިންނަ ވަގުތު ގިނަވި ވަރަކަށް އެކަމުގެ ގެއްލުން ބޮޑުވާނެއެވެ.
އިނގިރޭސިވިލާތުގެ އެޖް ހިލް ޔުނިވަރސިޓީގެ ދާރިސުންގެ ޓީމަކުން 2016 ވަނައަހަރު ޝާއިޢުކުރި ދިރާސާއެއް ބުނާގޮތުގައި ރާގެ ވަސްބެލުމަކީ ރާ ބުއިމަށް ޝައުޤުވެރިކުރުވާ ކަމެކެވެ. އޭނާ މި ދިރާސާގައި ނަސޭހަތްދެއްވައިފައި ވަނީ ހިތާއި ސިކުނޑީގެ ސަލާމަތަށް ޓަކައި ރާ ބޯ ތަންތަނާ ދުރުހެލިވުމަށެވެ.
މި ވާހަކަކޮޅަށް ފަހު ލޮބުވެތި ރަސޫލާގެ ބަސްފުޅަކަށް ބަލައިލަމާ ހިނގާށެވެ! އެކަލޭގެފާނު އެންމެހާ މުއުމިނުންނާ މުޚާޠަބުކުރައްވާ ޙަދީސްކުރެއްވިއެވެ. (مَنْ كان يُؤْمِنُ باللهِ واليومِ الآخِرِ فلا يَقْعُدْ على مائِدَةٍ يُشْرَبُ عليْها الخمرُ[1] – ﷲއަށާއި އާޚިރަތްދުވަހަށް އީމާންވާ މީހާ ފަހެ ރާ ބޯ މޭޒެއްގެ ދޮށުގައި ނުއިށީންނަހުށިކަމެވެ.) ރަސޫލާ صلى الله عليه وسلم މި ކަން މަނާކުރެއްވީ ކީއްވެގެން ހެއްޔެވެ؟ އެކަމުގެ ނުބައިކަން އެނގިވަޑައިގަންނަވާތީކަން ކަށަވަރެވެ. އެކަލޭގެފާނަށް މި ކަން އެންގެވީ ކޮން ފަރާތަކުން ހެއްޔެވެ؟ ﷲ ކަން ކަށަވަރެވެ. މާތް ﷲ ރާއާ ބެހޭގޮތުން އެންގެވި ބަސްފުޅަށް ނިކަން ބަލައިބަލަމާ ހިނގާށެވެ! އެކަލާނގެ ވަޙީކުރެއްވިއެވެ.(يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّمَا ٱلْخَمْرُ وَٱلْمَيْسِرُ وَٱلْأَنصَابُ وَٱلْأَزْلَٰمُ رِجْسٌ مِّنْ عَمَلِ ٱلشَّيْطَٰنِ فَٱجْتَنِبُوهُ[2] – އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ!) ﷲ ތަޢާލާ ރާ ޙަރާން މި ކުރެއްވީ ވަރަށް ބާރުގަދަ ގޮތަކަށެވެ. ވަޙީކުރެއްވީ އެކަމާ ދުރުވެގަންނާށެވެ. އެހެން ކަމުން ރާތަށްޓާ ކައިރިވެގެން ވެސް ނުވާނެއެވެ.
ކީރިތި ރަސޫލާ މީގެ ފަނަރަ ސައްތަ އަހަރުު ކުރިން މިވަނީ ރާއާ ގާތްނުވުމަށް އަންގަވައިފައެވެ. އަޅުގަނޑުމެންގެ ދީން ކިހާ މަތިވެރިތޯއެވެ؟ ދީނަށް އިޙްތިރާމާއި ލޯބި ޙައްޤުނުވޭތޯއެވެ؟
އެންމެ ފަހުގެ ތަފާސްހިސާބުތައް ބުނާގޮތުގައި ތަފާތު ބާވަތްތަކުގެ ރާ ބުއިމުގެ ސަބަބުން އިނގިރޭސިވިލާތުގައި 2009 ވަނަ އަހަރު 22 ހާސް މީހުން ވަރަށް ޅަ ޢުމުރުގައި ދުނިޔެ ދޫކޮށްފައިވެއެވެ. އަދި ބަނގުއާވީގެ ސަބަބުން 17 ހާސް މީހުންނަށް ވަނީ ވަޒީފާ ގެއްލިފައެވެ. ރަސްމީ ތަފާސްހިސާބުތައް ބުނާގޮތުގައި ރާގެ ސަބަބުން އިނގިރޭސިވިލާތަށް އަހަރަކު 20 ބިލިއަން ޕައުންޑްގެ ގެއްލުން ލިބެއެވެ.
ފިންލެންޑްގެ ކޮބިއޯ ޔުނިވަރސިޓީގެ ވަރަށް ފަހުގެ ދިރާސާއެއް ބުނާގޮތުގައި ރާ ބުއިމާ ހަނދާން ބަލިވުމާ ދެމެދުގައި ވަރަށް ވަރުގަދަ ގުޅުމެއް ވެއެވެ. މެދު ޢުމުރުގައި ބަނގުއާވީގެ ބުއިންތައް ގިނަކުރުމަކީ ކަންތައްތައް ހަނދާންކުރުމަށް ހުރަސްއަޅައިނޭ ކަމެކެވެ. މި ދިރާސާ ބުނާގޮތުގައި ރާ ނުބޯމީހުންގެ ހަނދާނުގެ ބާރު 4 ގުނަ އިތުރެވެ.
ސްކޮޓްލެންޑް ބޭންކުގެ ތަފާސްހިސާބުތަކެއް ބުނާގޮތުގައި ޔުނިވަރސިޓީ ދަރިވަރުން އަހަރަކު ބިލިޔަނެއްހާ ޕައުންޑް ބަނގުރާގެ ބާވަތްތަކަށް ހޭދަކުރެއެވެ.
މި ދިރާސާތައް ބުނާގޮތުގައި ބަނގުއާވީގެ އަސަރު އަންހެނުންނަށް ކުރާލެއް ބޮޑެވެ.
މި ދިރާސާތައް ބުނާގޮތުގައި ހަފުތާއަކު 14 ތަށި ރާ ބޯމީހުންގެ ސިކުނޑިން %1 އުނިވެގެން ދެއެވެެ. މިފަދަ މީހާގެ ސިކުނޑި އެވްރެޖް ގޮތެއްގައި ދަހަރަކުން %2 ކުޑަވެގެން ދާނެއެވެ.
ސްވިޑްންގެ އޯމިޔާ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ އެންޑަރސް އެރިކްސަން ވިދާޅުވާ ގޮތުގައި ރާ ބޯން ފެށުމުން ސިކުނޑީގައި ތޮށިގަނޑެއް ލެވެން ފަށައެވެ. މި ކަމުގެ ސަބަބުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ޖަޒްބާތެއް އުފެދެއެވެ. އަދި އެހެން މީހުންނަށް ހަތުރުވެރިވުމުގެ ޝައުޤުވެރިކަން ވެސް އުފެދެއެވެ. ރާގެ ނުބައި އަސަރާ ބެހޭގޮތުން މީގެ ފަނަރަ ސައްތަ އަހަރު ކުރިން މާތްﷲ ވަޙީކުރެއްވި ބަސްފުޅު އަޑުއައްސަވާށެވެ! އެކަލާނގެ ވަޙީކުރެއްވިއެވެ.(إِنَّمَا يُرِيدُ ٱلشَّيْطَٰنُ أَن يُوقِعَ بَيْنَكُمُ ٱلْعَدَٰوَةَ وَٱلْبَغْضَآءَ فِى ٱلْخَمْرِ وَٱلْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ ٱللَّهِ وَعَنِ ٱلصَّلَوٰةِ ۖ فَهَلْ أَنتُم مُّنتَهُونَ [3] – ޝައިޠާނާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި اللَّه ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)
މާތް ﷲ މި ނުބައި މާއްދާ ޙަރާންކުރެއްވީ ކީއްވެގެންކަން އެނގިއްޖެއެވެ. ރާ ހުންނަ ތަނެއްގެ ކައިރީގައި އިށީނދެ އިނުން ރަސޫލާ މަނާކުރެއްވީ ކީއްވެގެން ކަން އެނގިއްޖެއެވެ. ސިގިރެޓު އުފައްދާ ކުންފުނިތަކުން ސިގިރެޓު އިޝްތިހާރުކުރާ ވަރަށް ވުރެ މާ ފުޅައު ދާއިރާއެއްގައި ރާ އުފައްދާ ކުންފުނިތަކުން އެ ތަންތާނގެ އުފެއްދުންތައް އިޝްތިހާރުކުރެއެވެ. ރާގެ މޮޅު ވާހަކަ ދައްކައެވެ. މުސްލިމުންގެ ތެރެއިން ވެސް ބައެއް މީހުން މި ދަލުގައި ޖެހިގެން ރާގެ ޝިކާރައަކަށް ވެގެންދާ ތަން ފެނެއެވެ. މި ކުންފުނިތަކުން ރާގެ މޮޅު ވާހަކަ ދެއްކިއަސް އެމީހުންގެ ހުރިހާ ޑަކްޓަރުންނެއްގެ ވެސް ނަސޭހަތަކީ ރާއާ ދުރުހެލިވާށެވެ.
އެއްވެސް ދެމީހަކު ދެބަސްނުވާނޭ ފަދައިން ރާގެ ސަބަބުން ސިކުނޑީގެ ހަތާތައް މަރުވެއެވެ. ހަނދާން ބަލިކަށިވެއެވެ. ހަރުކަށި ޢަމަލުތަކަށާއި ގެވެށި އަނިޔާތަކަށް އަރައިގަތުމަށް ދޮރު ހުޅުވައިދެއެވެ.
އެފަދަ މީހުންނަށް މުސްލިމުން ގޮވައިލާނީ ރާގެ މަސްއަލައަށް ޙައްލު އޮތީ އިސްލާންދީނުގައެވެ. ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ބަސްފުޅުތަކުގައެވެ. މި ބަސްފުޅުތަކުގެ ތެދުކަން ޒަމާނާއެކު ދަނީ ފާޅުވަމުންނެވެ. ބޮޑާކަމާއި ކިބުރުވެރިކަމާ ދުރުހެލިވެ މި ޙަޤީޤަތް ޤަބޫލު ކުރާށެވެ.ކައު ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. (الخمرُ أمُّ الخبائثِ[4] – ރާއަކީ ހުރިހާ ނުބައި ކަމެއްގެ އަސްލެވެ. )
ބައެއް ބަސްތަކުގެ މާނަ:
ދަހަރު: ދިހަ އަހަރު
ޙަވާލާ:
[1] – أخرجه أبو داود (٣٧٧٤) وابن حبان (٢/١٩٩) والبيهقي في ((شعب الإيمان)) (٥٥٩٥)
[2] – [المائدة: 90]
[3] – [المائدة: 91]
[4] – أخرجه الطبراني في ((المعجم الوسط)) (٣٦٦٧ )، والدارقطني في ((السنن)) (٤٦١٠ )، والقضاعي في ((مسند الشهاب)) (٥٧ )