ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު ރާއްޖޭގެ ބޭންކަކުން މާރުކުރަންޖެހޭ ގޮތަށް އެކުލަވާލި ޤަވާޢިދު ބަދަލުނުކުރައްވާނެކަމަށް ރައީސް ޑރ މުޢިއްޒު ވިދާޅުވެފައިވަނިކޮށް ބަދަލުތަކަކާއެކު ބޭރު ފައިސާއާ ބެހޭ އާ ބިލު އެކުލަވާލާ, ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ޤަވާޢިދަށް ގެނެސްފައިވާ ބަދަލުގައިވާ ގޮތުން ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނަށް ލިބޭ އާމްދަނީ މާރުކުރުމުގައި ވަނީ އިޚްތިޔާރުދީފައެވެ.
ޤަވާޢިދު އެންމެ ފުރަތަމަ އާންމުކޮށް ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމުން ޓޫރިޒަމް އިންޑަސްޓްރީގެ އިސް ބޭފުޅުން ވަނީ އެ ގަވާއިދަށް އަމަލު ކުރެވެން ނެތް ކަމަށް ބުނެފައެވެ. އަދި މި މައްސަލާގައި ވިޔަފާރިވެރިންނާއި ސަރުކާރާ ދެމެދު ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ އެ ގަވާއިދު ބަދަލު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޖެހޭނީ 500 ޑޮލަރު މާރު ކުރަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ނަމަވެސް ވިޔަފާރިވެރިންނަށް ބައެއް ލުއިތައްދީ އެމްއެމްއޭއިން މި ވަނީ ބޭރު ފައިސާގެ ގަވާއިދު އެކުލަވާލާފައެވެ. އަދި އެ ބަދަލުތައް ގާނޫނަކަށް ހެދުމަށްޓަކައި ބިލެއް އެކުލަވާލައި މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހުއެވެ.
މި ބިލުގައިވާގޮތުގައި ޓޫރިސްޓުންނަށް ޚިދުމަތް ދޭ ތަންތަން ވަނީ ގިންތިތަކަށް ބަހާލާފައެވެ. އެއީ "ކެޓެގަރީ-އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓް" އަދި "ކެޓެގަރީ-ބީ ޓޫރިޒަމް އެސްޓެބްލިޝްމަންޓް" އެވެ. މި ދެ ކެޓަގަރީން ވެސް އިޚުތިޔާރެއް ވަނީ ދީފައެވެ.
ކެޓެގަރީ-އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓްގައި ހިމެނެނީ ރަޖިސްޓަރީކޮށްފައިވާ ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި އެނޫންވެސް ތަންތަނެވެ. މި ކެޓަގަރީން ހިދުމަތްދޭ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 އެމެރިކާ ޑޮލަރު މާރުކުރަންޖެހެއެވެ. ނުވަތަ މަހެއްގެ ތެރޭގައި އެ އެސްޓެބްލިޝްމަންޓަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަންޖެހެއެވެ.
ކެޓެގަރީ-ބީ ޓޫރިޒަމް އެސްޓެބްލިޝްމަންޓްގައި ހިމެނެނީ ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓް ހޮޓާތަކުގެ އިތުރުން ޓޫރިސްޓް ގެސްޓްހައުސްތަކެވެ. މި ކެޓަގަރީން ހިދުމަތް ހޯދާ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 25 އެމެރިކާ ޑޮލަރު މާރުކުރަންޖެހެއެވެ. ނުވަތަ މަހެއްގެ ތެރޭގައި އެ އެސްޓެބްލިޝްމަންޓަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަންޖެހެއެވެ.
ލިބޭ އާމްދަނީގެ ޕަސެންޓެއް ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތް ހެދުމަކީ ޓޫރިޒަމް އިންޑަސްޓްރީގެ ކުރީގެ ވެސް ހުށަހެޅުމެކެވެ. ނަމަވެސް އެމްއެމްއޭއާއި ސަރުކާރުން ފުރަތަމަ ނިންމީ އެ އިހުތިޔާރު ނުދީ ސީދާ ވަކި އަދަދަކަށް ޑޮލަރު މާރު ކުރަން އެންގުމަށެވެ.
މިހާރު ހުށަހަޅާފައި އޮތް ގޮތުން ބޭރު ފައިސާ ބޭންކަށް ޖަމާނުކުރާ ވިޔަފާރިތަކަށް މަހުން މަހަށް ލިބޭ އާމްދަނީގެ 0.25 ޕަސެންޓަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި ޖޫރިމަނާ ނުދައްކާ ހޭދަވާ ކޮންމެ ދުވަހަކަށް އާމްދަނީގެ 0.25 ޕަސެންޓަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
ހަމައެއާއެކު ލާޒިމުކުރާ އަދަދަށް މާރުނުކޮށްފި ހާލަތުގައި މަހުން މަހަށް ލިބޭ އާމްދަނީގެ 0.5 ޕަސެންޓަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި އެ އަދަދަށް މާރުނުކޮށް ހޭދަވާ ކޮންމެ ދުވަހަކަށް އާމްދަނީގެ 0.5 ޕަސެންޓަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
އަދި ގާނޫނާ ޚިލާފުވެއްޖެނަމަ ކުޑަބޮޑުމިނަށް ބަލައި 10،000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭ ގޮތަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.