ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ނޫސްވެރިންނަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ކާނިވާ ސަރަހައްދުގައި މިރޭ އެމްޑީޕީން ކުރިއަށް ގެންދާ "ގާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުންގެ" ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ، މިސަރުކާރު ވެރިކަމަށް އައުމާއެކު އެންމެ ފުރަތަމަ ހަމަލާ ދިނީ ނޫސްވެރިންނަށް ކަމަށާއި، ފުރަތަމަ ދުވަހު ވެސް ނޫސްވެރިންނަށް ބިރު ދައްކަން ފަށާފައިވާ ކަމަށެވެ.
އެގޮތުން ނޫސްތައް ބަންދުކޮށް ނޫސްވެރިން ލިޔާ ލިޔުންތަކާއި ގުޅިގެން ބަންދު ކުރާ ހިސާބަށް ކަންކަން ގެންގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެދުވަހު ވެސް ގިނަ ނޫސްވެރިން އެކަމާއި ކެރިގެން ކުރިމަތިލައި މަސައްކަތް ކުރި ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ ނަތީޖާއެއް ގޮތުން ސަރުކާރު ފަހަތަށް ޖެހުނު ކަމަށެވެ.
މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ ގައުމުގައި ރައްޔިތުން ބޭނުންވާ ކަންކަން ބަދަލު ކުރުމަށް ކެރިގެން ނުކުންނަން ޖެހޭ ކަމަށާއި، އަޑު އުފުލަންޖެހޭ ކަމަށެވެ. ރައްޔިތުން ނުކުތުމުން ސަރުކާރަށް އަޑު އަހަން މަޖުބޫރުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގާނޫނު އަސާސީގައި ހައްގުތައް ލިޔެފައިވާކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ ބަސް ބުނުމުގެ މިނިވަންކަން، މައުލޫމާތު ހޯދާ ލިބިގަތުމުގެ މިނިވަންކަން ކަށަވަރުކޮށްފައިވާ ކަމަށާއި، ޕެންޝަން ލިބުމުގެ ހައްގާއި، ހިލޭ ބޭސްފަރުވާ ސަރުކާރުން ދޭންޖެހޭނެކަން ކަށަވަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ ދުވަސްތަކުގައި މިހުރިހާ ހައްގުތަކެއް ނިގުޅައިގަތުމަށް މިސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހް މިހެން ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ ވެރިކަމުގައި ވެސް މީޑިއާގެ މިނިވަންކަން ނިގުޅައިގެންފައިވާކަން ފާހަގަ ކުރެވެއެވެ.