ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިޞްލާޙު ބާޠިލްކުރުމަށް ގޮވާލައި، މުޅި ރާއްޖޭގައި އިޙްތިޖާޖު ކުރުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން މިރޭ ނިންމައިފިއެވެ.
އެމްޑީޕީން މިގޮތަށް ނިންމާފައިވަނީ މިރޭ ކާނިވާ ސަރަޙައްދުގައި ބޭއްވި އެ ޕާޓީގެ ޤައުމީ މަޖްލީހުގެ ޖަލްސާއަށް ހުށަހެޅުނު ޕެޓިޝަނަކަށާއި ޤަރާރަކަށް ބަހުސްކޮށް ވާހަކަދެއްކުމަށްފަހުގައެވެ. ޕެޓިޝަން ހުށަހެޅުއްވީ ކުރީގެ ޑިފެންސް މިނިސްޓަރު، އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ރައީސް މާރިޔާ އަޙްމަދު ދީދީ އެވެ. ޤަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ކޮލަމާފުށި ދާއިރާގެ ރައީސް މަޙްފޫޒު ސަޢީދެވެ.
ޕެޓިޝަން ހުށަހަޅުއްވަމުން މާރިޔާ ވިދާޅުވީ ޤާނޫނު އަސާސީ އިޞްލާޙުކޮށްފައި ވަނީ ޤާނޫނު އަސާސީގެ 90 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. ގާނޫނު އަސާސީގެ 90 ވަނަ މާއްދާގައި ބުނަނީ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި، ނުވަތަ އެ މަޖިލިހުގެ ކޮމިޓީއެއްގައި މަޖިލިހުގެ މެމްބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތުގެ މަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާ މެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާ މެދު ދައުވާއެއްކޮށް ހަދައިގެނެއް ނުވާނެ ކަމަށެވެ.
އެހެންވެ މާރިޔާ ހުށަހެޅުއްވީ އެ ޤާނޫނާ ޚިލާފަށް މެމްބަރުން ވަކިކުރެވޭ ގޮތަށް ގެނައި ބަދަލު ބާތިލު ކުރުމަށާއި ރައްޔިތުންގެ ބާރުވެރިކަން ގެއްލޭ ގޮތަށް އެކަން ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް އެންގުމަށެވެ.
މި މައްސަލާގައި ހުށަހެޅުނު ގަރާރު ހުށަހަޅުއްވަމުން މަޙްފޫޒުވެސް ވިދާޅުވީ މެމްބަރުކަން ގެއްލޭ ފަދަ ހާލަތެއް 'އުފަން' ކޮށްފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ. އެހެންވެ ޤާނޫނު އަސާސީއަށް ގެނައި ބަދަލު، އިޢާދަކުރަން ރައްޔިތުންގެ މަޖިލިހަށް އެންގުމަށް ޤަރާރުގައި ވަނީ ހުށަހަޅާފައެވެ. އަދި ގެނައި އިޞްލާޙު ބާތިލުކުރަންދެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކަމާ ދެކޮޅަށް އިހުތިޖާޖުކޮށް، ޖަމިއްޔާތަކާއި ފަންނީ މީހުންނާއެކު މަސައްކަތް ކުރުމަށްވެސް ޤަރާރުގައިވެއެވެ.
ރޭ ބޭއްވި ޤައުމީ މަޖްލީހުގެ ޖަލްސާއަށް ހުށަހެޅުނު ޕެޓިޝަނަކަށާއި ގަރާރު ފާސްކޮށްފައި ވަނީ ޤައުމީ މަޖިލިހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 89 މެމްބަރުންގެ އިއްތިފާގުންނެވެ.