ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިޞްލާޙުތަކާ ގުޅިގެން އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލި އަލުން ވާދަކުރާނަމަ އެ މެމްބަރަކަށް ތާއީދުކުރުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން މިރޭ ނިންމައިފިއެވެ.
އެމްޑީޕީން މިގޮތަށް ނިންމާފައިވަނީ މިރޭ ކާނިވާ ސަރަޙައްދުގައި ބޭއްވި އެ ޕާޓީގެ ޤައުމީ މަޖްލީހުގެ ޖަލްސާއަށް ހުށަހެޅުނު ޕެޓިޝަނަކަށާއި ޤަރާރަކަށް ބަހުސްކޮށް ވާހަކަދެއްކުމަށްފަހުގައެވެ. ޕެޓިޝަން ހުށަހެޅުއްވީ ކުރީގެ ޑިފެންސް މިނިސްޓަރު، އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ރައީސް މާރިޔާ އަޙްމަދު ދީދީ އެވެ. ޤަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ކޮލަމާފުށި ދާއިރާގެ ރައީސް މަޙްފޫޒު ސަޢީދެވެ.
ޕެޓިޝަން ހުށަހަޅުއްވަމުން މާރިޔާ ވިދާޅުވީ ޤާނޫނު އަސާސީ އިޞްލާޙުކޮށްފައި ވަނީ ޤާނޫނު އަސާސީގެ 90 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. ގާނޫނު އަސާސީގެ 90 ވަނަ މާއްދާގައި ބުނަނީ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި، ނުވަތަ އެ މަޖިލިހުގެ ކޮމިޓީއެއްގައި މަޖިލިހުގެ މެމްބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތުގެ މަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާ މެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާ މެދު ދައުވާއެއްކޮށް ހަދައިގެނެއް ނުވާނެ ކަމަށެވެ.
އެހެންވެ މާރިޔާ ހުށަހެޅުއްވީ އެ ޤާނޫނާ ޚިލާފަށް މެމްބަރުން ވަކިކުރެވޭ ގޮތަށް ގެނައި ބަދަލު ބާތިލު ކުރުމަށާއި ރައްޔިތުންގެ ބާރުވެރިކަން ގެއްލޭ ގޮތަށް އެކަން ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް އެންގުމަށެވެ.
މި މައްސަލާގައި ހުށަހެޅުނު ގަރާރު ހުށަހަޅުއްވަމުން މަޙްފޫޒުވެސް ވިދާޅުވީ މެމްބަރުކަން ގެއްލޭ ފަދަ ހާލަތެއް 'އުފަން' ކޮށްފައި ވަނީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ. އެހެންވެ ޤާނޫނު އަސާސީއަށް ގެނައި ބަދަލު، އިޢާދަކުރުމަށް ރައްޔިތުންގެ މަޖިލިހަށް އެންގުމަށާއި މެމްބަރަކު ވަކިކޮށްގެން ނުވަތަ ވަކިވެގެން އެމްޑީޕީގެ މެމްބަރަކަށްވެ އެ މެންބަރު އަލުން ވާދަކުރާނަމަ އެ މެންބަރަކު އަލުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރުމަށް އެމްޑީޕީން މަސައްކަތްކޮށްދިނުމަށް އެޤަރާރުގައިވެއެވެ.
ރޭ ބޭއްވި ޤައުމީ މަޖްލީހުގެ ޖަލްސާއަށް ހުށަހެޅުނު މި ޤަރާރު ފާސްކޮށްފައި ވަނީ ޤައުމީ މަޖިލިހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 89 މެމްބަރުންގެ އިއްތިފާގުންނެވެ.
މި ގޮތަށް އެމްޑީޕީން ޤަރާރެއް ފާސްކޮށްފައިވާއިރު މަޖިލީހުގެ މެންބަރުން އިންތިޚާބުވުމަށްފަހު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅައި އެ ބިލު ވަނީ ތަޞްދީޤުވެސް ކޮށްފައެވެ.
މި އިޞްލާޙާ ގުޅިގެން ރައްޔިތުންނާއި ސިޔާސީންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިފައިވާއިރު، ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު ޢަލީ ޙުސައިން ވަނީ ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙުތައް ބާތިލުކުރަން މިިދިޔަ މަހުގެ 24 ވަނަ ދުވަހު ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއްވެސް ހުށަހަޅުއްވާފައެވެ. މި މައްސަލަ ސްޕްރީމް ކޯޓުން ބަލައިގެންފައިވީނަމަވެސް އަޑުއެހުންތައް އަދި ނުފަށައެވެ.