ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި، އެމްޑީޕީގެ ސަރުކާރަށް ފާޑުކިޔައި ހަދާފައިވާ ލަވައެއް ރައީޞް ޞާލިޙަށް އޮޅިގެން ވިދާޅުވެވިއްޖެއެވެ.
"ގާނޫނު އަސާސީގެ ދިފާއުގައި" ގެ ނަމުގައި އިދިކޮޅު މައި ޕާޓީކަމަށްވާ އެމްޑީޕީން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޞާލިޙު ވިދާޅުވި ލަވައަކީ ސިމްބޮލިކް ރެކޯޑްސް (އެސްއާރު) ގެ ރެޕް ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް (ޕެސްޓް) ކިޔާފައިވާ "ވެރިންގެ ވެރިކަން" ލަވައެވެ. މި ލަވައަކީ ރައީސް ޞާލިޙުގެ ސަރުކާރުގައި "ވާނުވާ" ބަންދެއްގައި އޮންނަންޖެހުމުން އިފްހާމް ހަދާފައިވާ ލަވައެކެވެ.
އިފްހާމް މި ލަވަ ހަދާފައިވަނީ "ވާނުވާ" ބަންދު އުވާލާނެކަމަށް ބުނެ ވެރިކަމަށް ވަޑައިގަތުމަށްފަހު އެކަމަށް ޢަމަލީ ސިފައެއް ގެނެސްފައިނުވާތީއެވެ. ރައީސް ޞާލިޙުގެ ސަރުކާރުން އޭރުވީ "ވާނުވާ" ބަންދުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމުގެ ވަޢުދު، ރައްޔިތުންގެ މަޖިލިހުގެ ސުޕަމެޖޯރިޓީ ލިބި އޮވެމެ، ވެރިކަން ނިމިދިޔައިރުވެސް ފުއްދަވާދެއްވާފައި ނުވެއެވެ.
ޖަލްސާގައި ރައީސް ޞާލިޙު މި ލަވަ ވިދާޅުވުމުގެ ކުރިން ވަނީ މިދިޔަ ދުވަސްތަކުގައި ލިބުނު ހުސްވަގުތުތަކުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ލަވަ އަޑުއެއްސެވި ކަމަށް ވިދާޅުވެފައެވެ. އަދި ލަވަތައް އަޑުއެހުމުގެ ތެރެއިން ޒުވާނަކު ކިޔާފައި އޮތް ލަވައެއް ވަރަށް ބޮޑަށް ފާހަގަވި ކަމަށާއި، އަދި އެ ރާގުގައި ލަވަ ކިޔޭތޯ ކޮންމެވެސް ވަރަކަށް ފަރިތަކުރެއްވި ނަމަވެސް އެމަނިކުފާނަކީ ރާގު ހުންނަ މީހެއް ނޫންކަމުން ވިދާޅުވެވޭނީ ލަވައިގެ ޅެންކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ. އަދި ލަވައިގެ ޅެން ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.
ރައީސް ޞާލިޙު ވަނީ މި ލަވައަކީ މިއަދުގެ ހާލަތާ ވަރަށް ގުޅޭ ލަވައެއްކަމަށް ވިދާޅުވެފައެވެ. އަދި ކަނުލާ އެލަވަ އަޑުއަހަންޖެހޭކަމަށްވެސް ވިދާޅުވިއެވެ. ބެލެވޭ ގޮތުގައި ރައީސް ޞާލިޙު މި މޭރުމުން ވާހަކަފުޅު ދެއްކެވީ އެ ލަވައަކީ އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް ހަދާފައިވާ ލަވައެއްކަން އެނގިވަޑައިގެންފައި ނުވާތީއެވެ.
"މީގައި މި ދައްކާ ވާހަކައަކީ ވެރިކަމަށް ވެރި މީހާ ގެނައީ ތިމަންނަމެންނޭ. އެހެންނަމަވެސް، ވެރިން އެ އުޅޭ އުފަލާއި މަޖަލާއި ރައްޔިތުން މިއަދު ތަހައްމަލު ކުރަމުންދާ ދަތި އުދަނގޫ މީގައި މި ކިޔައިދެނީ،" ސޯލިހު ވިދާޅުވި އެވެ.
ރައީސް ޞާލިޙު އިތުރަށް ވިދާޅުވީ މިއަދު ނިކުމެވަޑައިގެން އެހުންނެވީ ލަވައިގައި ސިފަކޮށްފައިވާ ކަންކަމުން ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭހެން ހުރިހާ އާންމުން ސަލާމަތް ކުރުމަށް ކަމަށެވެ.
ލަވައިގެ ޅެމުގައި ވަނީ:
"ވެރިންގެ ވެރިކަން ތިން ބާރޯ،
ޖަލު ކުޑަގޮޅި މީ މަގެ އިންފާރޯ،
ވެރިއެއް ވިއްޔާ ތިން ކާރޯ،
މަށަށް ޖޫރިމަނާ އަދި އިންޒާރޯ،
ވެރިންނަށް ރައްޔިތުން ދިން ބާރޯ،
ރައްޔިތުންނަށް ވީ ހަމަ ގުދު ބިންދާށޯ،
ވާނަމަ އަޑުހުރި ބާރެއްލާ،
ވާން ވައުދުވަނީ ވީ ހާލެއްގާ،
އަދު ދުނިޔޭގެ މި ޖަންނަތުގާ،
މަދު މީސް އުޅެނީ މި އަޒާބެއްގާ،" އެވެ.