ކުއްލި ޚަބަރު

ހައުސިންގ މިނިސްޓްރީ ޢިމާރާތުގައި އަލިފާން ރޯވެ އަނދަނީ

ހައުސިންގ މިނިސްޓްރީ ހިންގަމުން އަންނަ މ.ގްރީން ބިލްޑިންގ ޢިމާރާތުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

(އެ ސަރަޙައްދަށް މިވަގުތު ކޮންމެހެން ދާންޖެހޭ ފަރާތެއް ފިޔަވައި އެހެން މީހުން މިވަގުތު އެތަނަށް ދިޔުމަކީ ޞިއްޙީގޮތުން ނުރައްކަލަށް ހުށަހެޅިދާނެ ކަމެކެވެ. އަދި ކައިރީގައި ހުރި ގެތަކުގެ ބޭފުޅުންވެސް ދޮރުތައް ލައްޕަވައި ގޭތެރެއަށް ދުމުގެ އަސަރު ނުކުރާނެހެން ޢަމަލުތައް ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ.)

ހަތަރު ބުރީގެ މި އިމާރާތުގައި ވަރަށް ބޮޑަށް ރޯވެ އަނދަމުންދާ އިރު، އިމާރާތުގެ ބޭރުުން ވެސް ވަރަށް ގަދައަށް އަލިފާން ފެތުރި މުޅި ސަރަހައްދަށް ދަނީ ކަޅު ބޯ ދުން ފެތުރެމުންނެވެ.

މި ޢިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށްޓަކައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސަސް އިން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ނުވެއެވެ. އެމްއެންޑީއެފުން ބުނީ އެހެން އިމާރާތްތަކަށް އަލިފާން ފެތުރުމުގެ ކުރިން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެއާޕޯޓްގެ ފަޔަ ފައިޓަރުން ވެސް މިހާރު ގެންދަނީ އަލިފާން ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފްގެ އިތުރުން ފުލުހުންވެސް ދަނީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންނެވެ. ފުލުހުން މަޢުލޫމާތުދޭ ގޮތުގައި އަލިފާނުގެ ޙާދިސާއާ ގުޅިހެމް އެ ސަރަޙައްދުގެ ގެތަކުން މީހުން ހުސްކުރުމުގެ މަސައްކަތް އެ އިދާރާއިން ދަނީ ކުރަމުންނެވެ. އަދި އާންމު ޓްރެފިކަށް އެ ސަރަޙައްދު ވަނީ ބަންދުކުރެވިފައެވެ.

ރޯވެފައިވާ އިމާރާތަކީ ހައުސިންގެ އިތުރުން އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އެންވަޔަރްމަންޓް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލްގެ އޮފީހެއް ވެސް ހުންނަ ތަނެކެވެ.

އިތުރު ތަފްޞީލް އަންނަނީ…

advertisement
ހިޔާލު ދެއްވާ!