އަލިފާނުގެ ހާދިސާއާއި ގުޅިގެން އާންމުން ސަމާލުވުމަށް އެޗްޕީއޭއިން އެދިއްޖެ!

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާ ހުންނަ އިމާރާތުގައި އަލިފާން ރޯވުމާ ގުޅިގެން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނީ ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުނިކުތުމަށާއި، ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުކުތުމުގެ ކުރިން އަނގައާއި ނޭފަތް ނިވާކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ނޭވާލާ ނިޒާމާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުނުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވާނެތީ އެފަދަ ފަރާތްތަކުން އިތުރު ސަމާލުކަމެއް ދިނުމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

މީގެ އިތުރުން ގޭގެ ދޮރުތަކާއި ކުޑަދޮރުތައް، ދުން ނުވަންނާނެހެން ބަންދުކުރުމަށާއި،  ނޭވާ ކުރުވުމާއި ނޭވާލާން އުނދަގޫވުމާއި ގަދަޔަށް ކެއްސާ ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިއެއްގެ ލަފާ ހޯއްދެވުމަށްވެސް އެޗްޕީއޭ އިން  ވަނީ އިލްތިމާސްކޮށްފައެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާ ހުންނަ ހަތަރު ބުރީގެ މި އިމާރާތުގައި ވަރަށް ބޮޑަށް ރޯވެ އަނދަމުންދާ އިރު، އިމާރާތުގެ ބޭރުުން ވެސް ވަރަށް ގަދައަށް އަލިފާން ފެތުރި މުޅި ސަރަހައްދަށް ދަނީ ކަޅު ބޯ ދުން ފެތުރެމުންނެވެ.

މި ޢިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށްޓަކައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސަސް އިން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ނުވެއެވެ. އެމްއެންޑީއެފުން ބުނީ އިތުރު ތަފްސީލެއް އަދި ނެތް ކަމަށާއި ލިބޭ ވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.

އެމްއެންޑީއެފްގެ އިތުރުން ފުލުހުންވެސް ދަނީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންނެވެ. ފުލުހުން މަޢުލޫމާތުދޭ ގޮތުގައި އަލިފާނުގެ ޙާދިސާއާ ގުޅިހެމް އެ ސަރަޙައްދުގެ ގެތަކުން މީހުން ހުސްކުރުމުގެ މަސައްކަތް އެ އިދާރާއިން ދަނީ ކުރަމުންނެވެ. އަދި އާންމު ޓްރެފިކަށް އެ ސަރަޙައްދު ވަނީ ބަންދުކުރެވިފައެވެ.

advertisement
ހިޔާލު ދެއްވާ!