ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވެގެން އުޅޭ ސަރަހައްދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު

ހައުސިންގ މިނިސްޓްރީ ޢިމާރާތުގައި ހުޅުޖެހީކަމަށް އެކްޓިވިސްޓުން ބުނަން ފަށައިފި

ހައުސިންގ މިނިސްޓްރީ ހިންގަމުން އަންނަ މ.ގްރީން ބިލްޑިންގ ޢިމާރާތުގައި ހިނގައިގެން އުޅޭ އަލިފާނުގެ ޙާދިސާއަކީ ގަސްދުގައި ކުރިކަމެއްކަމުގެ ތުހުމަތު ދެފަރާތުގެ އެކްޓިވިސްޓުންވެސް ކުރަން ފަށައިފިއެވެ.

އަލިފާނުގެ ޙާދިސާގެ ފޮޓޯއާއި ވީޑިޔޯއާއެކު ސޯޝަލް މީޑިއާގައި ސަރުކާރު ހިންގާ ޕީއެންސީގެ އެކްޓިވިސްޓުންނާ އިދިކޮޅު އެކްޓިވިސްޓުން ދަނީ އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ. އެގޮތުން މި އަލިފާނުގެ ޙާދިސާއަކީ ނިމުނު ސަރުކާރުން ބާޠިލްގޮތުގައި ދީފައިވާ ގޯތިތައް ދޫކުރުން މަޑުޖައްސާލާފައިވާތީއާއި ގޯއްޗާއި ފްލެޓް ލިބުން ލަސްވާތީ އިދިކޮޅުން ހިންގާފައިވާ ކަމެއްކަމަށް ސަރުކާރަށް ތާއީދުކުރާ އެކްޓިވިސްޓުން ދަނީ އެކި ސިފަސިފާގައި ބުނަމުންނެވެ.  އަދި އިދިކޮޅު އެކްޓިވިސްޓުން ދަނީ ފްލެޓް އަދި ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓްތައް ނައްތާލުމަށްޓަކައި  ހައުސިންގ މިނިސްޓްރީގައި ހުޅުޖެހީ ކަމަށް ބުނަމުންނެވެ. އަދި މި ޙާދިސާއަކި އެމްޑީޕީން ބޭއްވި ޖަލްސާއަށް ލިބުނު ތާއީދު ހަޖަމަނުވުމުން ރައްޔިތުންގެ ފޯކަސް އަނބުރާލުމަށްޓަކައި ކުރިކަމެއްކަމަށްވެސް ބައެއްމީހުން ދަނީ ބުނަމުންނެވެ.

ހައުސިންގެ މިނިސްޓްރީގެ އިތުރުން އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އެންވަޔަރްމަންޓް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލްގެ އޮފީހެއް ވެސް ހުންނަ  މި ޢިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށްޓަކައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސަސް ޙަރަކާތްތެރިވަމުންދާއިރު، ދެފަރާތުގެ އެކްޓިވިސްޓުންގެ މެދުގައި ކުރިޔަށް ދާ ބަހުގެ ޙަމަލާތައްވެސް ދަނީ ހޫނުވަމުންނެވެ. ސޯޝަލްމީޑިޔާގައި ރޯވަމުންދާ "އަލިފާނުގެ ހުޅުގަނޑު" ހީވަނީ ދެންމެ ދެންމެ ފަޅައިގެން ހިނގައިދާނެހެންނެވެ.

މި އަލިފާނުގެ ޙާދިސާގައި ދައުލަތުގެ ވަރަށް ގިނަ މަޢުލޫމާތާއި އާންމު ރައްޔިތުންގެ ވަރަށް ގިނަ މަޢުލޫމާތު ގެއްލިގެން ދާނެކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ތަކެތި ސަލާމަތްކުރުމުގެ މަސައްކަތް އެކި އިދާރާތަކުން ދަނީ ކުރަމުންނެވެ.

މާލެ ސިޓީގެ ޑެޕިޔުޓީ މޭޔަރު ނަރީޝްވެސް ވަނީ މި ޙާދިސާގައި ވަރަށް ގިނަ ރެކޯޑްސް ގެއްލިގެން ހިނގައިދާނެކަމުގެ އިޝާރާތެއް ކުރައްވާފައެވެ. ނަރީޝް ވިދާޅުވީ 1960 އިން ފެށިގެން މިއަދާ ހަމައަށް މާލޭގެ ރަށްވެހިކަމާއި ގޯތިގެދޮރާ ގުޅޭގޮތުން ކުރެވުނު ހުރިހާ މުޢާމަލާތެއްގެ ލިޔެކިޔުންތައް ހުންނާނީ ރޯވި ޢިމާރާތުގެ ތެރޭގައި ކަމަށެވެ. އަދި އެ ޢިމާރާތުން ލިޔެކިޔުންތައް ސަލާމަތްކުރެވޭތޯ މަސައްކަތް ކުރައްވަމުންދާ ކަމަށާއި ލިބުނު ގެއްލުން އަދި އަންދާޒާކޮށްލަންވެސް ނޭނގޭކަމަށް ނަރީޝް ވިދާޅުވިއެވެ.

ބައެއް މަޖްލިސް މެމްބަރުންވެސް ދަނީ މި ޙާދިސާގައި މަޢުލޫމާތުތަކެއް ގެއްލިގެންދާނެ ފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން މައްޗަންގޮޅީ މެދު ދާއިރާގެ މެމްބަރު ޒަމީރުވެސް ވަނީ ލިޔެކިޔުންތައް ސަލާމަތްކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް ސަލާމަތީ ބާރުތަކަށް އިލްތިމާސްކޮށްފައެވެ.

"އަޅުގަނޑު ސަލާމަތީ ބާރުތަކަށް އަދި މާލޭ ސިޓީ ކައުންސިލްގެ މެންބަރުންނަށާއި، ސަލާމަތީ ބާރުތަކަށް އިލްތިމާސްކުރަން، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އުފަންދުވަހުގެ ސެޓްފިކެޓް ފޫޅުމާފޯމުތައް ހިމެނޭގޮތަށް، ބިންތްކުގެ ރަޖިސްޓްރީއާ، އާބާދީ ރަޖިސްޓްރީކުރުމުގެ ރެކޯޑްތައް ސްލާމަތް ކުރެވޭނެ ވަގުތު އަދި އެބައޮތް މިތަކެތި އިސްކަމެއް ދީގެން ރައްކާތެރިކޮށްދެއްވުމަށް. ދިވެހި ރައްޔިތުންގެ ހުރިހާ ތާރީޚީ މަޢުލޫމާތުތައް އެތަފްޞީލުތަކުގައި ހިމެނިފައިވާތީ، މިލިޔެކިޔުން ގެއްލިއްޖެ ނަމަ ރާއްޖޭގެ ރައްވެހިންގެ ތާރީޙް ގެއްލުނީ މި ތަފްޞީލުތައް އަޅުގަނޑުމެން ޙިމާޔަތްކުރަންއެބަޖެހޭ. މިއަ މިގައުމުގެ ގައުމީ ސަލާމަތައް ވ.މުހިއްމުކަށްވާތީވެ." މައްޗަންގޮޅީ މެދު ދާއިރާގެ މެމްބަރު ޒަމީރު

ސޯޝަލް މީޑިއާގައި ކެކި އަރަމުންދާ ކުރިމަތިލުންތަކުގައި އިދިކޮޅު އެކްޓިވިސްޓުން ދަނީ ފްލެޓާއި ގޯތިތަކުގެ މަޢުލޫމާތު ހުންނާނީ އޮފީހުން ބޭރުގައި ގާއިމުކުރެވިފައިވާ ސާރވާސްތަކުގައި ކަމަށްވާތީ މި އަލިފާނުގެ ޙާދިސާއަކީ އެ މަޢުލޫމާތުތައް ނައްތާލުމަށްޓަކައި ހިންގާފައިވާ ޢަމަލަކަށްވިޔަސް އެ ޢަމަލުގެ މަޤްޞަދު ޙާޞިލްނުވާނެކަމަށް ބުނަމުންނެވެ. އަދި މި ހިނގި އަލިފާނުގެ ޙާދިސާގައި ލިސްޓްތައް އަނދައިފިކަމަށް ބުނެފިނަމަ އެއީ ތެދަކަށް ނުވާނެކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.

މ.ގްރީން ބިލްޑިންގ ޢިމާރާތުގައި ހިނގައިގެން އުޅޭ އަލިފާނުގެ ޙާދިސާ ކޮންޓްރޯލް ކުރުމަށްޓަކައި އެމްއެންޑީއެފްގެ އިތުރުން ފުލުހުންވެސް ދަނީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންނެވެ.

advertisement
ހިޔާލު ދެއްވާ!