އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުންދަނީ.. ފޮޓޯ: ހަވީރު

ފްލެޓް ލިސްޓްތައް ސަލާމަތުން އެބަހުރި: ހައުސިން މިނިސްޓްރީ

ހައުސިންގ މިނިސްޓްރީ ހިންގަމުން އަންނަ މ.ގްރީން ބިލްޑިންގ ޢިމާރާތުގައި ހިނގައިގެން އުޅޭ އަލިފާނުގެ ޙާދިސާގައި އެ މިނިސްޓްރީގެ އެއްވެސް ލިޔެކިޔުމަކަށް އަސަރުކޮޮށްފައި ނުވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިނިސްޓްރީން ކުރިއަށް ގެންދާ "ގެދޮރުވެރިޔާ" ސްކީމާ ގުޅޭ ހުރިހާ މައުލޫމާތުތާއި ލިޔެކިޔުންތަކަކީ މިނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓަމުން އަންނަ މައުލޫމާތުތަކަކަށްވާތީ އަލިފާނުގެ ހާދިސާގެ ސަބަބުން އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ އެ މިނިސްޓްރީން އެ ޙާދިސާގައި އެ މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށްވެސް އަނިޔާވެފައިނުވާ ކަމަށެވެ. އެހެންނަމަވެސް، އިމާރާތް އެއްކޮށް އަނދައި ހުލިވެފައިވާތީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ވަނީ ބަޔާނުގައި ބުނެފައެވެ.

ހައުސިންގ މިނިސްޓްރީން ބަޔާނެއް ނެރެފައިވާއިރު މި އަލިފާނުގެ ޙާދިސާގައި ދައުލަތުގެ ވަރަށް ގިނަ މަޢުލޫމާތާއި އާންމު ރައްޔިތުންގެ ވަރަށް ގިނަ މަޢުލޫމާތު ގެއްލިގެން ދާނެކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން އުފަންވާ ކުދިން ރަޖިސްޓްރީކުރުމާއި އާބާދީއާ ބެހޭ މައުލޫމާތު ބަލަހައްޓާ، މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަންގެ އޮފީސްވެސް ހިންގަމުންދަނީ އަލިފާން ރޯވި އިމާރާތުގައިކަމަށްވާތީ  މި ޙާދިސާގައި ވަރަށް ގިނަ ރެކޯޑްސް ގެއްލިގެން ހިނގައިދާނެކަމުގެ އިޝާރާތެއް މާލެ ސިޓީގެ ޑެޕިޔުޓީ މޭޔަރު ނަރީޝްވެސް ވަނީ ކުރައްވާފައެވެ.

ނަރީޝް ވިދާޅުވީ 1960 އިން ފެށިގެން މިއަދާ ހަމައަށް މާލޭގެ ރަށްވެހިކަމާއި ގޯތިގެދޮރާ ގުޅޭގޮތުން ކުރެވުނު ހުރިހާ މުޢާމަލާތެއްގެ ލިޔެކިޔުންތައް ހުންނާނީ ރޯވި ޢިމާރާތުގެ ތެރޭގައި ކަމަށެވެ. އަދި އެ ޢިމާރާތުން ލިޔެކިޔުންތައް ސަލާމަތްކުރެވޭތޯ މަސައްކަތް ކުރައްވަމުންދާ ކަމަށާއި ލިބުނު ގެއްލުން އަދި އަންދާޒާކޮށްލަންވެސް ނޭނގޭކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.

އެ ޢިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު މިހާރު ވަނީ އަލިފާން ކޮންޓްރޯލްވެފައެވެ.

advertisement
ހިޔާލު ދެއްވާ!