ވެރިން ޚިޔާނާތްތެރިވުމުން މަގާމުން ދުރަށް ދާން ޖެހޭ ކަމަށާ ނުވަތަ ދުރަށް ލާން ޖެހޭކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ގައުމުގެ ކުންފުނިތަކުން ވެރިން ވައްކަން ކުރަމުން ދާކަން ހާމަވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި އެފަދަ ބޮޑެތި ވައްކަންތައް ކުރަމުން ގެންދާ ވެރިން އެގެންދަނީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެ ގައުމަށް ޣައްދާރުވަމުން ކަމަށާއި ޑިމޮކްރެސީގެ ރީތި ހަމަތަކަށް އަމަލުކުރާ އަދި ތަބާވާ ވެރިންތަކެއް ނަމަ މަގާމުން ދުރަށް ގޮސް ތުހުމަތުތައް ތަހުގީގުކުރަން ފުރުސަތު ދޭން ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެފަދަ ވެރިން މަގާމުތަކުން ދުރުކޮށް އެކަންކަން ތަހުގީގުކުރަން ޖެހޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ދައުލަތުން ކުންފުނިތައް އުފައްދަނީ ދެ ސަބަބަކަށްޓަކައި ކަމަށެވެ. އެގޮތުން ފުރަތަމަ ސަބަބަކީ އެ ޚިދުމަތެއްގެ ބޮޑުކަމާއި ބުރަކަމުން އާންމު ވިޔަފާރިތަކަށް އެ ޚިދުމަތެއް ފޯރުކޮށްދޭން އުދަގޫވާ ފަދަ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.
ސޯޝަލް މީޑިޔާގައި އެމްއޭސީއެލްއަށް ކުރެވޭ ބައެއް ތުހުމަތުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްއޭސީއެލުން ފޯރުކޮށްދޭ ޚިދުމަތަކީ އާންމު ވިޔަފާރިއަކަށް ފޯރުކޮށްދެވޭ ވަރަށްވުރެ ބޮޑު ޚިދުމަތަކަށްވާތީ އަދި ވައިގެ ދަތުރުފަތުރުގެ ސަލާމަަތް ފަދަ އެތައް ކަމަކަށް ނޭދެވޭ އަސަރެއް ނުފޯރާނެކަން ކަށަވަރުކުރުމަށް އެމްއޭސީއެލްއަކީ ސަރުކާރުން ހިންގަަންޖެހޭ ކުންފުންޏެއް ކަމަށެވެ.
އެމްއޭސީއެލްއާއި އެސްޓީއޯއަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ލިބޭ ދެ ކުންފުނިކަން ފާހަގަކުރައްވައި ރައީސް ޔާމީނު ވިދާޅުވީ އެ ދެ ކުންފުނީގެ އެންމެ މައިގަނޑު މަގުސަދަކަށްވާންވާނީ އެކަށީގެންވާ މިންވަރުގެ ޑިވިޑެންޑެއް ދައުލަތަށް ދެއްކުން ކަމަށެވެ.
އޭގެ ތެރޭގައި އެމްއޭސީއެލްއަށް 70 އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ލެޕްޓޮޕުތަކެއް ހޯދަން އުޅުމާއި ބާ ޓާމިނަލުގެ ބޭރުގައި އޭސީތަކެއް ހަރުކުރުމާއި އެއާޕޯޓުގެ ކުނި ނެގުން ބޮޑު އަގުގައި އަމިއްލަ ފަރާތަކާ ހަވާލުކުރުން ފަދަ ތުހުމަތުތައް ހިމެނެއެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމްއޭސީއެލްއިން ކުރަމުންދާ ޚަރަދުތަކަކީ ކުރަންޖެހޭ ޚަރަދުތަކެއް ނޫނެވެ. އަދި އެ ފައިސާއަކީ އެ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ކަމަށްވެސް ރައީސް ޔާމީނު ވިދާޅުވި އެވެ.
އެކަންކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ގުޑް ގަވަނެންސްގެ އުސޫލަކީ މިހާރު އެމްޑީގެ މަގާމުގައި ހުންނެވި ބޭފުޅާ މަގާމުން ދުރަށް ވަޑައިގަތުން ނުވަތަ ސަރުކާރުން އެ ބޭފުޅާ މަގާމުން ވަކިކުރުން ކަމަށެވެ.
“ގުޑް ގަވަނެންސްގެ އުސޫލަކީ މިހާރު އެމްއޭސީއެލްގެ އެމްޑީއަކަށް މިހުންނެވި ބޭފުޅާ އެބަޖެހޭ މަގާމުން ދުރަށްދާން ނޫނީ މަގާމުން ދުރަށްލާންޖެހޭ” ރައީސް ޔާމީން
ރައީސް ޔާމީން ވިދާޅުވީ، މިއަދު ފެނިގެން ދަނީ ސަރުކާރުގެ ތެރެއިން ދެ ފެކްޝަނެއް އުފެދި އެއް ފެކްޝަނަށްވުރެ އަނެއް ފެކްޝަންގެ ބާރު ގަދަކުރަން ސަރުކާރުގެ ތެރެއިން މަސައކްަތްކުރާ މަންޒަރު ކަމަށާ އެހެންކަމުން ބާރު އޮތް ފެކްޝަނުން ބާރު ކުޑަ ފެކްޝަނަށް ނިސްބަތްވާ މީހުންނަށް އެކި ކަހަލަ ތުހުމަތުތައް އަމާޒުކޮށް މަގާމުތަކުން ވަކިކުރަމުންދާ މަންޒަރުވެސް ފެންނަ ކަމަށެވެ. ނަމަވެސް އެއީ ވަކި ފެކްޝަނަކަސް ނިސްބަތްވެގެން އަޅަން ޖެހޭ ފިޔަވަޅެއް ނޫން ކަމަށާ އެއީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާ ކޮންމެ މީހަކާ މެދު އަޅަން ޖެހޭނެ ފިޔަވަޅެއް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ސަރުކާރު ކުންފުނިތަކުން ކޮރަޕްޝަން ހިންގާ ކަމަށް އާންމުން ވެސް ތުހުމަތު ކުރެއެވެ.