ގިނަ ބަޔަކު ލިޔުމަށާއި ކެއިންބުއިމަށާއި ބޮޑެތި މަސައްކަތްތައް ކުރާން ކަނާތް ބޭނުންކުރަނީ ކީއްވެގެން ބާވައެވެ؟
މިއީ އަދި ޖަވާބެއް ލިބިފައިނުވާ ސުވާލެކެވެ. މި ކަން ފެށުނީ އާދަމުގެފާނާ ހަމައިން ބާވައެވެ؟ އާސާރި ދިރާސާތައް ހާމަކުރާ ގޮތުގައި ކެޔޮޅުކަންކުރުމަށާއި ހިލަ ކެނޑުން ފަދަ މަސައްކަތްތައް އިންސާނާ ކޮށްފައިވަނީ ކަނާތުންނެވެ. ސައެންސީން ވިދާޅުވާ ގޮތުގައި އިންސާނާގެ ސިކުނޑީގެ ވާތްފަރާތް ހެދިބޮޑުވެފައިވަނީ އިންސާނާ އާދަކޮށް ކުރާ ކަންތައް ކުރުމަށެވެ. އޭނާގެ ސިކުނޑީގެ ކަނާތް ފަރާތް ދޫކޮށްލައިފައިވަނީ އޭނާއާ ކުރިމަތިވާ ކުއްލި ގޮންޖެހުންތަކާ ކުރިމަތިލުމަށް ޓަކައެވެ.
އިންސާނާ ބަސްމޮށުންތެރިކަމާއި ވާހަކަދައްކަން ދަސްކުރީ ކިހިނެއްހެއްޔެވެ؟ އުނުއޮރިޔާން ނިވާކުރާން ދަސްކުރީ ކިހިނެއްހެއްޔެވެ؟ ރޯށާއި ހޭން ދަސްކުރީ ކޮންތާކުން ހެއްޔެވެ؟
ތަރައްީޤީއާއި ތަޠައްވުރާ ބެހޭ ނަޒަރިއްޔާއަށް ބަރޯސާވާނަމަ ބައެއް މީހުން ކަނާތް ބޭނުންކުރާ ގޮތަށް އަނެއްބައި މީހުން ބޭނުންކުރާން ވާނީ ވާތެވެ. އެ ގޮތަށް ވެސް ފުރޫޒުކުރެވިދާނެތީއެވެ.
އަޅުގަނޑުމެން މުސްލިމުންނަށް ﷲ ތަބާރަކަ ވަ ތަޢާލާގެ ފޮތުން މި ސުވާލުތަކަށް ޖަވާބު ވަނީ ލިބިފައެވެ. ޤިޔާމަތްދުވަހުން އިންސާނާގެ ކަނާތަށް ފަތް ލިބޭ މީހުންނާއި ވާތަށް ނުވަތަ ފުރަގަހުން ފަތް ލިބޭ ބަޔަކު ވެއެވެ. ﷲއަށް އީމާންވި މީހުންނަށް ފަތް ލިބޭނީ ކަނާތުންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.(فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَءُوا كِتَابِيَهْ (19) إِنِّي ظَنَنْتُ أَنِّي مُلَاقٍ حِسَابِيَهْ (20) فَهُوَ فِي عِيشَةٍ رَاضِيَةٍ (21) فِي جَنَّةٍ عَالِيَةٍ[1] – ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. މިއޮތީއެވެ. ތިޔަބައިމީހުން ތިމަންގެ ފަތް ކިޔައިބަލާށެވެ! ފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ.މަތިވެރިވެގެންވާ ސުވަރުގެޔެއްގައެވެ.)
މި އާޔަތްތަކުން ކަނާތުގެ މުހިންމުކަން އެނގެއެވެ. ޤިޔާމަތްދުވަހުން ރައްކައުތެރިކަމާއި ސަލާމަތްކަން އޮތީ ކަނާތްތެރީންނަށެވެ. މާތް ﷲ ގިނަ ބަޔަކު ކަނާތް ބޭނުންކުރާގޮތަށް ލެއްވީ މިހެންވެގެންނެވެ. ކައުރަސޫލާ صلى الله عليه وسلم ރަނގަޅު ކަންކަމުގައި ކަނާތްޕުޅަށް އިސްކަންދެއްވިއެވެ. އެކަލޭގެފާނު ކަނާތް ކިބަ އިސްކުރުމަށް ލޯބިކުރެއްވިއެވެ. ކަނާތުން ކެއުމަށް އަމުރުކުރެއްވިއެވެ. އެކަލޭގެފާނު ކުޑަކުއްޖަކަށް ކެއިންބުއިމުގެ އަދަބުތައް ދަސްކޮށްދެއްވަމުން ޙަދީސްކުރެއްވިއެވެ. (يا غُلامُ، سَمِّ اللَّهَ، وكُلْ بيَمِينِكَ، وكُلْ ممّا يَلِيكَ [2] – ކޮއިފުޅާއެވެ! ބިސްމި ކިޔާށެވެ. އަދި ކަނާތުން ކާށެވެ! އަދި ތިބާއާ ގާތުން ކާށެވެ!) އެކަލޭގެފާނު ސަލާންކުރައްވަނީ ކަނާތްޕުޅުންނެވެ. ބަޔަކަށް އެއްޗެއް ދެއްވާއިރު ފަށްޓަވައިފައި ވަނީ ކަނާތްޕުޅު ފަރާތުންނެވެ. ވުޟޫކުރައްވަން ފަށްޓަވަނީ ކަނާތްޕުޅުންނެވެ. ދެ ގުނަވަނެއް ދޮންނަވާއިރު އިސްކަންދެއްވައިފައިވަނީ ކަނާތަށެވެ. ހަޑަހަށް ވަދެވަޑައިގަންނަވާއިރު އިސްކުރައްވަނީ ވާތުފައިންޕުޅެވެ. އެކަމަކު ހަޑަހުން ނުކުމެވަޑައިގަންނަވާއިރު އިސްކޮށް އަޅުއްވަނީ ކަނާތު ފައިންޕުޅެވެ. މިސްކިތަށް ވަދެވަޑައިގަންނަވާ އިރު އިސްކުރައްވައިފައި ވަނީ ކަނާތު ފައިންޕުޅެވެ. މިސްކިތުން ފައިބާވަޑައިގަންނަވާއިރު ވާތު ފައިންޕުޅެވެ. އެންމެހައި ހެޔޮ ކަންތައްތަކުގައި އިސްކުރައްވައިފައި ވަނީ ކަނާތްޕުޅެވެ.
އުޑާއި ބިމުގައި މާތް ﷲ ހިއްޕަވާއިރު އިސްކަންދެއްވައިފައިވަނީ ކަނާތްޕުޅަށެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ. (وَٱلْأَرْضُ جَمِيعًا قَبْضَتُهُۥ يَوْمَ ٱلْقِيَٰمَةِ وَٱلسَّمَٰوَٰتُ مَطْوِيَّٰتُۢ بِيَمِينِهِۦ ۚ سُبْحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشْرِكُونَ[3]– އަދި قيامة ދުވަހުން، މުޅި ބިން ވާހުށީ، އެކަލާނގެ ޤުދުރަތްތެރިކަމުގެ މުށްޕުޅުގެ ތެރޭގައެވެ. އަދި އުޑުތައް ވާހުށީ، ފަށްޖަހައިލައްވާފައިވާ ޙާލު، އެކަލާނގެ ޤުދުރަތްތެރިކަމުގެ ކަނާތްޕުޅުގައެވެ. އެއުރެން ޝަރީކުކުރާ ތަކެތިން، އެކަލާނގެ ހުސްޠާހިރުވެ، މަތިވެރިވެވޮޑިގެންވެއެވެ.)
އިންސާނާއަކީ ތަރައްޤީވެގެން އައިސްފައިވާ މަޚްލޫޤެއްކަމަށް ހުޅަނގުގެ ފިލޯސަފަރުންނާއި ޙައިވިއްޔާތުގެ ބައެއް ޢިލްމުވެރިން ބުންޏަސް ސަމާވީ ހުރިހާ ދީންތަކެއް ވަނީ މި ކަން ދޮގުކޮށްފައެވެ. ކީރިތި ޤުރްއާނާއި އެހެނިހެން ސަމާވީ ދީންތައް ޤަބޫލުކުރާ ގޮތުގައި މާތްﷲ އިންސާނާ ހެއްދެވީ ނެތުމުގެ ތެރެއިންނެވެ. މި އިންސާނާގެ ނަމަކީ އާދަމެވެ. އޭނާއަކީ ޑާރވިން ބުނާ ފަދައިން މަކުނުން ތަރައްޤީވި މަޚްލޫޤެއްނޫނެވެ.
ތައުރާތު ބުނާގޮތުގައި އިންސާނުންގެ ބައްޕައަކީ އާދަމުގެފާނެވެ. މާތްﷲ އެކަލޭގެފާނު ހެއްދެވީ މަށިންނެވެ. އެކަލޭގެފާނުގެ ބައިވެރިޔާ ޙައްވާގެފާނު ހެއްދެވީ އާދަމުގެފާނުގެ މޭކަށިފުޅުތަކުގެ ނާކަށިކޮޅަކުންނެވެ.
އިންޖީލުގައި ހަމަ މި މޭރުމުން އާދަމުގެފާނު ހެއްދެވި ވާހަކަ އައިސްފައިވެއެވެ. ކެތަލިކް ފައްޅީގައި މިކަމާ ބެހޭ ވަރަށް ތަފްޞީލީ ނަޒަރިއްޔާއެއް ގެންގުޅޭކަން ފާހަގަކުރެވެއެވެ. ކީރިތި ޤުރްއާނުގެ އެތައްއެތައް އާޔަތްތަކެއްގައި އާދަމުގެފާނު ހެއްދެވިގޮތުގެ ވާހަކަ، އަދި އެ އަށްފަހު އިންސާނީ ނަސްލު ދެމިގެންދާ ގޮތުގެ ވާހަކަތައް އައިސްފައި އެބަހުއްޓެވެ. މާތް ﷲ އިންސާނާ ވެލިން ހައްދަވައި އެހެން މަޚްލޫޤާތުތަކުގެ މައްޗަށް މާތްކުރެއްވިއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.(وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ وَحَمَلْنَٰهُمْ فِى ٱلْبَرِّ وَٱلْبَحْرِ وَرَزَقْنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلْنَٰهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا[4] – ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމުގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން ރިޒުޤު ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ.)
ޑާރވިންގެ ނަޒަރިއްޔާތުގެ ދަލުގައި ޖެހިފައިވާ ބައެއް މުސްލިމުން ވެސް ބުނާގޮތުގައި އާދަމުގެފާނަކީ އިންސާނުންގެ ބަފާކަލުންނެއް ނޫނެވެ. އެހެނަސް މިއީ ކީރިތި ޤުރްއާނުގެ ސާފު ޞަރީޙު ނައްޞާ ޚިލާފު ވާހަކައެކެވެ. ކީރިތި ޤުރްއާނުގެ ކިތަންމެ އާޔަތްތަކެއްގައި އައިސްފައިވާ ޢިބާރާތަކީ ( بَنِي آدم – އާދަމުގެ ދަރިން) ނެވެ. އާދަމުގެފާނަށް ބަފާކަލަކު ވާ ނަމަ އާދަމުގެ ދަރީންނޭ ނުބުނެވޭނެތެވެ. ﷲ ތަޢާލާގެ ބަސްފުޅުތަކުން އެނގެނީ މި ބިމުގައި އުޅުނު ފުރަތަމަ އިންސާނަކީ އާދަމުގެފާނު ކަމެވެ. ރާމާމަކުނެއްނޫން ކަމެވެ.
އެންމެ ފަހުގެ ސައެންސީ ދިރާސާތަކުން ﷲގެ ބަސްފުޅުގެ ތެދުކަން އެނގި ކަށަވަރުވެއެވެ. އާދަމުގެފާނު ހެއްދެވީ އެކަލާނގެއެވެ. މާތް ﷲ އެކަލޭގެފާނު މާތްކުރައްވައި އެކަލޭގެފާނަށް ހުރިހާ އެއްޗެއް އުނގަންނާދެއްވިއެވެ. އަދި އެކަލޭގެފާނަށް އަދަބު ތަޢުޡީމު އަދާކުރުމަށް މާތްﷲ މަލާއިކަތުންނަށް އަމުރުކުރެއްވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (إِذْ قَالَ رَبُّكَ لِلْمَلَٰٓئِكَةِ إِنِّى خَٰلِقُۢ بَشَرًا مِّن طِينٍ ﴿٧١﴾ فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَٰجِدِينَ ﴿٧٢﴾ فَسَجَدَ ٱلْمَلَٰٓئِكَةُ كُلُّهُمْ أَجْمَعُونَ ﴿٧٣﴾ إِلَّآ إِبْلِيسَ ٱسْتَكْبَرَ وَكَانَ مِنَ ٱلْكَٰفِرِينَ ﴿٧٤﴾ قَالَ يَٰٓإِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَىَّ [5] –ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، މަށިން إنسان އަކު ހައްދަވާހުށީމެވެ. (އާދަމްގެފާނު) ހައްދަވައި ފުރިހަމަކުރައްވައި، ތިމަންރަސްކަލާނގެ روحފުޅުން އެ إنسان އާއަށް ފުމެލައްވައިފިހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި سجدة އަށް ތިރިވާހުށިކަމެވެ! ފަހެ، ملائكة ން، އެ އެންމެން އެކުގައި سجدة ކުރައްވައިފޫއެވެ إبليس މެނުވީއެވެ. އެކަލޭގެ ބޮޑާވެ، كافر ވި މީހުންގެ ތެރެއިންވިއެވެ. އެކަލާނގެ وحىކުރެއްވިއެވެ. އޭ إبليس އެވެ! ތިމަންރަސްކަލާނގެ يدقدرة ފުޅުން (އެއްވެސް واسط އަކާނުލައި) ހެއްދެވި މީހަކަށް سجدة ކުރުން ކަލޭގެޔަށް މަނާކުރީ ކޮންކަމެއްހެއްޔެވެ؟)
ޙަވާލާ:
[1] – – الحاقة: 19-22
[2] – أخرجه البخاري (٥٣٧٦)، ومسلم (٢٠٢٢)
[3] – [الزمر: 67]
[4] – الإسراء: 70
[5] – ص: 71-75
1 Comment
ވަރަށް ބޭނުންތެރި މައުލޫމާތު ތަކެއް ލިބިއްޖެ.
ޝުކުރިއްޔާ.
ބައެއް ކުދިން ވާތުން ކަންތައް ކުރުމަށް އިސްކަންދޭ ޠަބީޢަތެއް ހުންނަކަމަށް ފެނެއެވެ.ކުރީގެ މީހުން މިފަދަ ކުދިން ކަނާތަށް ހާނުވައި ފަހުން އެކުދިން ކަނާތަށް އިސްކަންދެއެވެ. މިޒަމާނުގެ މީހުން ބުނަނީ އެކުއްޖަކު އަމިއްލައަށް އިސްކަންދޭ އަތަކުން ކަންތައްކުރަން ދޫކޮށްލާށެވެ. އެހެނީ އކުއްޖާ އަމިއްލައަށް އިސްކަންދޭ އަތަކަށް ފާގަތިވެފައި ހުނަރުވެރި ވާނެޔޯލައެވެ. ؟؟؟