ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރުކަމަށް ފާޠިމަތު އާޝާން ހަމަޖައްސައިފިއެވެ.
އެސްޓީއޯ ގެ ދަށުން ހިންގާ އެފްއެސްއެމްގެ އާ އެމްޑީއަކަށް އާޝާން ހަމަޖައްސާފައިވަނީ މިއަދުއެވެ. އާޝާން ވަނީ މީގެ ކުރިންވެސް އެސްޓީއޯ އާއި އެތަނުގެ ދަށުން ހިންގާ ބައެއް ކުންފުނިތަކުގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ. އޭގެތެރޭގައި އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރުކަމާއި މިފްކޯގެ ސީއީއޯކަންވެސް ހިމެނެއެވެ.
އެފްއެސްއެމްގެ އެމްޑީގެ މަޤާމު ހުސްވެފައިވަނީ އެ ކުންފުނީގެ އެމްޑީއަކަށް ހުންނެވި ޢަލީ ސުހައިލް އެ މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. ސުހައިލް އެމްޑީއަކަށް ހުންނެވިއިރު ސުހައިލަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުނެވެ. އަދި ސުހައިލް އެމްޑީކަމުން އިސްތިއުފާ ދެއްވިފަހުން އެފްއެސްއެމްގެ މުވައްޒަފުންތަކެއް ތެލުން ވައްކަންކޮށް މަނީ ލޯންޑަރ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.