ޑިމޮކްރެޓްސް އިން އެމްޑީޕީ ދޫކޮށްލީ ވެރިކަމުގައި ތިބެ އެމްޑީޕީގެ ޠަބީޢަތާ ޚިލާފުވުމުން: ވައްޑެ

ޑިމޮކްރެޓްސް އިން އެމްޑީޕީ ދޫކޮށްލީ އެމްޑީޕީގެ ނަމުގައި ރައީސް ޞާލިޙު ވެރިކަމަށް ވަޑައިގެން އެމްޑީޕީގެ ޠަބީޢަތާ ޚިލާފުވުމުންކަމުގައި ޑިމޮކްރެޓްސްގެ މެމްބަރު އަދި އެމްޑީޕީ ސަރުކާރުގައި ރައްޔިތުންގެ މަޖްލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރުކަން ކުރެއްވި މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ރިވާޔާ ނިއުސް އިން ހަފްތާއަކު އެއްފަހަރު ގެނެސްދޭ "28 މިނެޓް" ޕްރޮގްރާމްގެ "3 ވަނަ އެޕިސޯޑް" ގައި ވާހަކަފުޅު ދައްކަވަމުން ވައްޑެ ވިދާޅުވީ އެމްޑީޕީއަކީ ވަކި މެނިފެސްޓޯއެއް އޮވެގެން، ވަކި އަމާޒަކާއި އޮނިގަނޑެެއް އޮވެގެން ވެރިކަމަށް އަންނަ ޕާޓީއެއްކަމަށާއި، އެ ޕާޓީގެ ރިޔާސީ މެނިފެސްޓޯކަމަށްވާ "ޖަޒީރާ ރާއްޖެ" އާއި އެ މެނިފެސްޓޯގެ ލެޖިސްލޭޓިވް އެޖެންޑާކަމަށްވާ "އެޖެންޑާ 19″ އާއި ރައީސް ޞާލިޙުގެ ސަރުކާރުން މާބޮޑަށް ފެޔަށް ޖެހިވަޑައިގަތުމަކީ އެމްޑީޕީ ދޫކޮށްލަން ޖެހުނު ސަބަބު ކަމަށެވެ.

28 މިނެޓްގެ 3 ވަނަ އެޕިސޯޑްގައި ވައްޑެ ވަނީ އެކިއެކި ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން، ވައްޑެ ވަނީ އެމްޑީޕީން އެޖެންޑާ 19 ހިންގުމާއި ދެކޮޅު ހެދިކަމަށާއި، ނަޒާހަތްތެރި މަޖްލީހަކާއި ޖަވާބުދާރީވަނިވި ދަޢުލަތެއް އުފެއްދުމަކީ އެމްޑީޕީގެ ވަޢުދަކަށްވީނަމަވެސް، ދައުލަތް ޖަވާބުދާރީކުރުމުގެ މަސައްކަތް ކުރަން ފެށުމުން ސަކުރާރާ ދެކޮޅު ބައެއްގެ ގޮތުގައި ލޭބަލްކުރިކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް އެއްވެސް އިރެއްގައި ރައީސް ޞާލިޙާ ދެކޮޅު ނޫންކަމަށާއި ކަމުނުދިޔައީ ރައީސް ޞާލިޙުގެ ސިޔާސަތުތައް ކަމަށް ވައްޑެ ވިދާޅުވިއެވެ.

"ޅ.ހިންނަވަރު ނޫރާނީއާގެ އިބްރާހީމް މުޙާއްމަދު ޞާލިޙާ އަޅުގަނޑުމެން ދެކޮޅެއް ނޫން. ރައީސް ޞާލިޙުގެ ވެރިކަމުގެ ބައެއް ކަންކަމާ އަޅުގަނޑުމެން ދެކޮޅުވީ" ވައްޑެ ވިދާޅުވިއެވެ.

އެގޮތުން ބައެއް ކަންކަން ފާހަގަކުރައްވަމުން ކޮވިޑުގެ ވެންޓިލޭޓަރުތަކުގެ މައްސަލައާއި، ސަރުކާރު ކުންފުނިތަކުގެ ބޭކާރު ޚަރަދުތަކާއި، ރާއްޖޭގެ ސިނާޢަތްތައް ހަލާކުކޮށްލުމާއި، ދަރަނި ދެއްކުމަށް ދަރަނި ނަގަމުންގޮސް ދަރަނީގެ މިންވަރު ވަރަށް ބޮޑަށް މައްޗަށް ދިޔުމާއި، މަރުތަކުގެ މައްސަލަ ނުބެލުމާއި، ވަޢުދުތައް ނުފުުއްދުން ހިމެނޭކަމަށް ވައްޑެ ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!