މާރާމާރީގައި އެންމެ އިސްކޮށް ހުރި އަމްރީތު ސިންގް ޑީޕޯޓުކޮށްލަނީ

އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގި ބިދޭސީންގެ ތެރޭގައި އިސްކޮށް ހުރި އަމްރީތު ސިންގް (25އ) ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، އާޓިފިޝަލް ބީޗު ސަރަހައްދުގައި ހިންގި މާރާމާރީގައި އެންމެ އިސްކޮށް އުޅުނު ބިދޭސީ މީހާ ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެމީހާ ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިމަހުގެ 6 ވަނަ ދުވަހު އިރުއޮއްސުނު ގަޑީގައި އާޓިފިޝަލް ބީޗްގައި ގިނަ އަދަދެއްގެ މީހުން ޖަމާވެފައިވަނިކޮށް، ހަމަނުޖެހުން ހިންގީ އެތަނަށް ގޮސް އުޅުނު އިންޑިއާ ބައެއްގެ މެދުގައެވެ. އެ ޙާދިސާއަށްފަހު އިމިގްރޭޝަނުން ބުނެފައިވަނީ މާރާމާރީ ހިންގާ އާންމު މަސްލަޙަތު ނަގާލުމުގައި ބައިވެރިވި ބިދޭސީންގެ މައްސަލަ ޓާސްކް ފޯސްއިން ބަލަމުންދާކަމަށެވެ.

އަދި އެކަމުގައި ޝާމިލްވާ ބިދޭސީންނާމެދު ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަން އިމިގްރޭޝަން ކޮންޓްރޯލަރ ވަނީ ކުރިންވެސް ދެއްވާފައެވެ.

advertisement
ހިޔާލު ދެއްވާ!