އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުންނާއި ސިފައިން 241 ކޮމިޓީއަށް ހާޒިރުުކުރަނީ

ސަރުކާރުގެ 3 މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުންނާއި ސިފައިންގެ ވެރިން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރު ކުރަން ނިންމައިފިއެވެ.

އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮމިޓީގެ މުގައްރިރު، އަދި ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ އެދިވަޑައިގަތުމަކަށް އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖަހާއިރު އެވެ. 

އަލިފާނުގެ ހާދިސާގައި ޓިނު ބިލްޑިންގައި ހުންނަ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ވަނީ އަނދައިގެން ގޮސްފައެވެ. އަދި އެ އިމާރާތާ ޖެހިގެން ހުންނަ ގްރީން ބިލްޑިންގައި ހިންގަމުން އަންނަ އެންވަޔަރަމަންޓް މިނިސްޓްރީގެ ބޮޑު ބައެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

241 ކޮމިޓީއަށް ސަލާމަތީ ބާރުތައް ހާޒިރުކުރުމަށް ނިންމާފައިވާއިރު. އެމްޑީޕީންވެސް ވަނީ އަލިފާންގަނޑު އެހާ ބޮޑުވާން ދިމާވީ އެމްއެންޑީއެފްގެ އިހުމާލުން ކަމަށް ބުނެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެ ކަން ތަހުގީގު ކުރުމަށް ވެސް ގޮވާލާފައެވެ.

އަދި އެ މައްސަލައިގައި މަޖިލިހުގެ ކުއްލި ޖަލްސާއެއް ބާއްވަން އެދޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އެހެންނަމަވެސް ދައުރުން ބޭރުން ޖަލްސާއެއް ބާއްވާ ނަމަ، މަޖިލިހުގެ 31 މެމްބަރުންގެ ސޮއި ބޭނުންވާނެއެވެ. އެހެންކަމުން، އެމްޑީޕީގެ 12 މެމްބަރުންގެ އިތުރުން 19 ސޮއި މި ޖަލްސާ ބޭއްވުމަށްޓަކައި ބޭނުންވާނެއެވެ.

އެމްޑީޕީން މިފަދަ ތުހުމަތެއް ކޮށްފައިވާއިރު އަލިފާނުގެ ހާދިސާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ ވިދާޅުވީ، އެމްއެންޑީއެފްގެ ފަޔަރަށް އެ މައުލޫމާތު ލިބުނުތާ މިނެޓެއްގެ ތެރޭގައި ރެސްޕޮންޑް ކޮށްފައިވާކަމަށް ވިދާޅުވެފައެވެ.

އެމްއެންޑީއެފް އިން ބުނީ، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބެލީ މީހެއްގެ ފުރާނައަށް ގެއްލުމެއް ނެތި، އަލިފާން ފެތުރުނަ ނުދީ ކައިރި ހުރި އެއްވެސް އިމާރާތަކަށް އަލިފާނުގެ އަސަރު ނުކުރާނެހެން މަސައްކަތް ކުރުމަށް ކަމަށެވެ.

"އެގޮތުން ކުރެވުނު މަސައްކަތުގެ އަލީގައި އަލިފާނުގެ ހާދިސާ އެ ކޮށީ ތެރޭގައި ސްޕްރެޑްވިކަމުގައިވިޔަސް، މަގު ހުރަސްކޮށް އެއްވެސް އިމާރާތަކަށް ގޮސް އަލިފާނުގެ ހާދިސާ އިތުރަށް ފުޅާ ވެގެންދާކަށް ފުރުސަތެއް ނުދީ އަޅުގަނޑުމެންނަށް އަލިފާން ކޮންޓްރޯލް ކުރެވުނު،". އިބްރާހިމް ހިލްމީ ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް، އަލީ ޝުޖާއު ވިދާޅުވީ، ދައުލަތުގެ ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރާނެ ކަމަށާއި، އެ ތަހުގީގަށް ބޭރުން ޓީމެއް ގެނައުމަށް ނިންމާފައިވާ ކަަމަށެވެ.

"އަޅުގަނޑު ދިވެހި ރައްޔިތުންނަށް ދޭނެ ޔަގީން ކަމަކީ މި އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރާނެ ކަމުގެ ޔަގީންކަން. ދެވަނަ ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން މި ތަހުގީގުގަ އަޅުގަނޑުމެން ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދާނަން" ކޮމިޝަނަރު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!