ކުރީ ސަރުކާރުން މާލޭ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭކަމަށް ކަނޑައަޅާފައިވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ ބޭބެ މުހައްމަދު ފަޒީލު ރަޝީދަށް ގޯތި ދިން މައްސަލައެއް ފެންމަތިވެފައިވާތީ، ފަޒުލް އެމަގާމުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު، ގާނޫނީ ވަކީލް ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ލިޔެކިޔުންތަކުން ފެންނަގޮތުގައި އެޗްޑީސީން ދީފައިވާ ގޯތިތަކަކީ، ހައުސިންގ މިނިސްޓްރީގެ ޑާޓާބޭސްގައި އެ ގޯތިތަކުގެ މަޢުލޫމާތު ހިމެނޭ ގޯތިތަކެއް ނޫނެވެ. އަދި ހައުސިން މިނިސްޓްރީން ވަނީ އެ ގޯތިތަކަކީ އެ މިނިސްޓްރީން ދީފައިވާ ގޯތިތަކެއް ނޫންކަމަށް މީޑިއާއަށް މައުލޫމާތުވެސް ދީފައެވެ. އެހެން ނަމަވެސް ހަމައެކަނި އެޗްޑީސީގެ ހުއްދައާއެކު މީގެ ތެރެއިން ބައެއް ގޯތީގެ ވަށާފާރު ރާނާފައިވާކަން ވަނީ އެނގިފައެވެ. އޭގެ ތެރޭގައި ފަޒުލްގެ ބޭބެ ފަޒީލްގެ ގޯތިކަމަށް ބުނާ ގޯތި ވެސް ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން ގާނޫނީ ވަކީލް އާޒިމާ ޝަކޫރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ އެންމެ އަގުބޮޑު އެއްކުންފުނި ހިންގަވަން ހުންނެވި ބޭފުޅެއްގެ އެއްބަނޑު އެއްބަފާ މީހަކަށް، އެތަނެއް މެދުވެރިވެ އެތައް މިލިއަން ރުފިޔާއެއްގެ އަގުހުރި ބިމެއް ލިބިދީފައިވާނަމަ، އެބޭފުޅަކުގެ ބައިވެރިވުން އޮތަސް އަދި ނެތަސް، އަދި އެއީ އިއްތިފާޤަކަށް ވީނަމަވެސް ނުވަތަ އެކްސިޑެންޓަކަށް ވީ ނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި އެބޭފުޅަކު އިސްތިޢުފާ ދެއްވަން ޖެހޭނެކަމަށެވެ.
"ދައުލަތުގެ އެންމެ އަގުބޮޑު އެއްކުންފުނި ހިންގަވަން ހުންނެވި ބޭފުޅެއްގެ އެއްބަނޑު އެއްބަފާ މީހަކަށް، އެތަނެއް މެދުވެރިވެ އެތައް މިލިއަން ރުފިޔާއެއްގެ ބިމެއް ލިބިދީފައިވާނަމަ، އެބޭފުޅަކުގެ ބައިވެރިވުން އޮތަސް އަދި ނެތަސް، އަދި އެއީ އިއްތިފާޤަކަށް ވީނަމަވެސް ނުވަތަ އެކްސިޑެންޓަކަށް ވީ ނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި އެބޭފުޅަކު އިސްތިޢުފާ ދެއްވަން ޖެހޭނެއެވެ. މިއީ އަޅުގަނޑުގެ ރަޢުޔެވެ." އާޒިމާ
ބިންވެރިޔާ ސްކީމު ލިސްޓުގައި ގޯއްޗަކަށް އެދި ހުށަހެޅި މީހުންގެ ތެރޭގައި ފަޒުލްގެ ބޭބެ ހިމެނެއެވެ. އެކަމަކު ބިންވެރިޔާ އުސޫލުގެ ދަށުން އޭނާގެ ޝަރުތުހަމަނުވާ ކަމަށް އޮތީ ކަނޑައަޅާފަ އެވެ. އޭނާއަށް ގޯތި ނުލިބުނީ ސަރުކާރުން ކުރިން ހިންގި ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަމެއް ލިބިފައިވާ މީހަކަށް ވާތީއެވެ.
މިމައްސަލަ އާ ގުޅިގެން އެޗްޑީސީން ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ބޭރުން ގޯތިދިނުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. ނަމަވެސް އެ ގޯތި ތަކުގެ އިންފާރު ރޭނުމުގެ ހުއްދަ ދޭ ބަޔަކީ އެޗްޑީސީއެވެ.
އެޗްޑީސީ މެދުވެރިކޮށް މިފަދަ އެތައް ކޮރަޕްޝަނެއް ހިންގާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު މިހާތަނަށް އޭސީސީން އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.