ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ޗެއަރމަން ފިޔަވާ ހުރިހާ ޑިރެކްޓަރުން ސަސްޕެންޑުކޮށްފިއެވެ. އެޗްޑީސީގެ ޑިރެކްޓަރުން ސަސްޕެންޑުކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީންނެވެ.
ޕީސީބީން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެޗްޑީސީގެ ޗެއަރޕާސަން ފިޔަވައި ހުރިހާ ބޯޑު މެންބަރުން ސަސްޕެންޑުކޮށްފައިވަނީ އެ ކުންފުންޏާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގާ ތަހުގީގަށް ޖާގަދީ، ފުރިހަމަ އެހީތެރިކަން ދިނުމުގެ ގޮތުން ކަމަށެވެ. އަދި ޑިރެކްޓަރުން ސަސްޕެންޑްކޮށްފައިވަނީ ފުލުހުންގެ ތަހުގީގު ނިމި ޕީސީބީން ވަކިގޮތެއް އަންގަންދެންނެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވެސް އެ ބޯޑުން ވަކި ގޮތެއް އަންގަންދެން އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށް ޕީސީބީން ބުންޏެވެ.
އެޗްޑީސީގެ ބޯޑު ސަސްޕެންޑްކޮށްފައިވާއިރު މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށާފަ އެވެ. ފުލުހުން ބަލަނީ ޑޮކިއުމެންޓުތަކެއް ފޯޖުކުރި މައްސަލަ އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ރަޖިސްޓްރީ ހަވާލުކުރަނީ އެޗްޑީސީގެ ފަރާތުން ނޫން ކަމަށެވެ. އަދި ފަޒުލް ވަނީ އޭނާއަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ.
ޝަރުތު ހަމަނުވިޔަސް ގޯތި ދޫކުރި މީހުންގެ ތެރޭގައި އެޗްޑީސީގެ ފަޒުލްގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއި އެހެން މީހަކު ހިމެނޭ މައްސަަލައެއް އެންމެ ފުރަތަމަ ފެންމަތިވީ އިއްޔެ ސޯޝަލް މީޑިއާއިންނެވެ.
ސޯޝަލް މީޑިއާއިން އާންމުވި ލިޔުންތަކުން އެނގޭ ގޮތުން ގޯތި ލިބުނު ކަމަށް ބުނާ ފަޒުލްގެ ބޭބެ އާއި އެހެން މީހަކު ވަނީ ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި އެޗްޑީސީގެ ޕޯޓަލްއަށް ހުށަހަޅާފަ އެވެ. އެހެންވެ އެ ދެ މީހުންނަށް ގޯތި ލިބިފައިވާކަން ކަށަވަރު ކުރުމަށް އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ސިޓީއެއް އޮތީ ފޮނުވާފަ އެވެ.
ކުރީގެ ސަރުކާރުން "ބިންވެރިޔާގެ" ސްކީމްގެ ދަށުން ހުޅުމާލެ ދެކާއި ތިނެއް އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ވެސް ދޫކޮށްފައިވެ އެވެ.
އެޗްޑީސީގެ ބޯޑުގައި 11 ޑިރެކްޓަރުން ހިމެނެއެވެ.
ސަސްޕެންޑުކުރި ބޯޑު މެންބަރުން
– މެނޭޖިން ޑިރެކްޓަރ، އިބްރާހިމް ފަޒުލް ރަޝީދު
– ޑިރެކްޓަރ، އަޒްހަރު އަބްދުﷲ ސަޢީދު
– ޑިރެކްޓަރ، އިބްރާހިމް ޔޫސުފް ފުޅު
– ޑިރެކްޓަރ، މުޙައްމަދު ވިޝާމް
– ޑިރެކްޓަރ، އުލާ މުޙައްމަދު ރަޝީދު
– ޑިރެކްޓަރ، އާރިފް އަބްދުއްސަމަދު
– ޑިރެކްޓަރ، މުޙައްމަދު ނާޖިލް
– ޑިރެކްޓަރ، މުޙައްމަދު ވަހީދު
– ޑިރެކްޓަރ، ފާތިމަތު މިޒްނާ އަލީ
– ޑިރެކްޓަރ، ޔޫސުފް ވަހީދު