ޝަރުޠު ހަމަނުވާ ބަޔަކަށް ބިމާ ގޯތި ބަހާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
ޢާޒިމް މިފަދައިން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގެ މަންސައެއްކަމަށްވާ "ފޭސްބުކް" ގައިކުރެެއްވި ޕޯސްޓެއްގައެވެ.
ޢާޒިމް މިފަދައިން ވިދާޅުވެފައި މިވަނީ "ބިންވެރިޔާ" ގޯތި ސްކީމްގައި ހިމެނޭ ބިންތަކެއް ކޮރަޕްޝަން ހިމެނޭހެން އެޗްޑީސީން ބަހާލާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިޔުންތަކެއް ލީކުވުމާ ގުޅިގެން އެކަމުގެ ތަޙްޤީޤްތަކެއް ކުރިޔަށް ދާ ދަނޑިވަޅެއްގައެވެ. އަދި ސޯޝަލް މީޑިއާގައި އާންމުވެފައިވާ ލިޔެކިޔުންތަކުން ފެންނަގޮތުގައި އެޗްޑީސީން ދީފައިވާ ގޯތިތަކަކީ، ހައުސިންގ މިނިސްޓްރީގެ ޑާޓާބޭސްގައި އެ ގޯތިތަކުގެ މަޢުލޫމާތު ހިމެނޭ ގޯތިތަކެއްވެސް ނޫނެވެ. އޭގެ ތެރޭގައި ފަޒުލްގެ ބޭބެ ފަޒީލްގެ ގޯތިކަމަށް ބުނާ ގޯތި ވެސް ހިމެނެއެވެ.
ޢާޒިމް ވިދާޅުވީ މާލޭގައި ހުރި ހުރިހާ މައްސަލަތަކެއްގެ އަޞްލަކީ އެތައް ޒަމާނެއް ވަންދެން ބޯހިޔާވަހިކަމުގެ ޙައްޤުން މަޙްރޫމުކުރުވާފައި އޮތުންކަމަށާއި އެމައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި ބޯހިޔާވަހިކަމަށް ބޭނުންޖެހިފައި ތިބި ފަރާތްތަކަށް ގޯތި ދީ ރަޖިސްޓްރީ ޙަވާލުކޮށްފައިވަނިކޮށް ޤަވާޢިދުތަކާ ޚިލާފަށް އުޞޫލެއް ހަމައެއްނެތި ބިމާ ގޯތި ތަކެއް ބަހާލާފައިކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
އަދި އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށާއި، މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތީގެ ރަޖިސްޓްރީ ޙަވާލުކުރެވިފައިވާ ފަރާތްތަކަށް ގޯތި ޙަވާލުކޮށް އިންސާފާއި ހަމަތަކުގެ މަތިން ފްލެޓް ލިބިފައިވާ ފަރާތްތަކަށްވެސް ލަސްނުކުރައްވާ ފްލެޓްތައް ޙަވާލުކުރުމަށް ގޮވާލާ ކަމަށެވެ.
ޢާޒިމް މިފަދައިން ޕޯސްޓެއް ކުރައްވާފައިވާއިރު ސަރުކާރުން އިޢުލާނުކޮށްފައިވާ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމަށް އެދި ފޯމު ބަލައިގަތުމުގައާއި ގޯއްޗާއި، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި، ކަނޑައެޅިފައިވާ އުޞޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާ ކަމަށް ވިދާޅުވެ، އެ ދެ ސްކީމާ ގުޅޭ، ޖިނާޢީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފްވެސް ވަނީ އަމުރުކުރައްވާފައެވެ.
އަދި އެ އަމުރާ ގުޅިގެން އަވަސް ތަޙްޤީޤެއް ފަށާފައިވާކަމަށް އޭސީސީން ވެސް ވަނީ ބުނެފައެވެ.
މި ތަޙްޤީޤުތައް ކުރިޔަށް ދާތީ އެޗްޑީސީގެ ޗެއަރމަން ފިޔަވައި ބޯޑުގެ ހުރިހާ މެމްބަރުން ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.