ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގެ ބޭރުން ހުޅާމާލޭން ގޯތިތަކެއް ދޫކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދާ މެދު އެއްވެސް ވަރަަކަށް ތުހުމަތެއް ނުކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިފަދައިން ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން ފަޒުލްއަށް ތުހުމަތު ނުކުރެވޭ ކަމަށާއި ތަޙްޤީޤު ކުރިޔަށްދާ ވަަރަކުން ތުހުމަތު ކުރެވޭ ފަރާތްތަކާ ސުވާލުކޮށް އެ މަޢުލޫމާތު ހާމަކުރާނެ ކަމަށެވެ.
"ފަޒުލްއަކަށް އަޅުގަނޑުމެން އަދި މިހާ ހިސާބަކަށް އެއްވެސް ތުހުމަތެއް ނުކުރަން. އެހެން ނަމަވެސް ތަހުގީގުދާ ވަރަކުން އެއްވެސް ފަރާތަކަށް ތުހުމަތު ކުރެވޭ ކަމަށްވާންޏާމު އެ ފަރާތަކާ ސުވާލުކޮށް އެ ތުހުމަތު އިއްވާނަން," އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވި އެވެ.
ސޯޝަލް މީޑިޔާގައި ލީކުވެފައިވާ ލިޔުންތަކަށް ބަލާއިރު "ބިންވެރިޔާ" ސްކީމްގެ ދަށުން އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދުގެ ޝަރުޠު ހަމަނުވާއިރުވެސް ވަނީ ގޯއްޗެއް ދީފައެވެ.
ސޯޝަލް މީޑިޔާއަށް ލީކުވެގެން އުޅެނީ ގޯތި ލިބުނު ކަމަށް ބުނާ ފަޒުލްގެ ބޭބެއާއި އެހެން މީހަކު އެއް ލޮޓެއްގެ ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާތީ އެ ދެ މީހުންނަށް ގޯތި ލިބިފައިވާކަން ކަށަވަރުކުރުމަށް އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއަކާއި އެ ދެމީހުންނަށް ގޯތިދޫކޮށްފައިނުވާކަމަށް ބުނެ ހައުސިންގ މިނިސްޓްރީން އެޗްޑީސީއަށް ފޮނުވާފައިވާ ސިޓީއެކެވެ.
މިމައްސަލާގައި ރޭ އެޗްޑީސީން ބޭއްވި ނޫސް ކޮންފަރެއްސެއްގައި އެމްޑީ ފަޒުލް ވަނީ އޭނާގެ ބޭބެ ފޯޖު ލިޔުމެއް ހުށަހެޅި މައްސަލާގައި އޭނާގެ ދައުރެއް ނެތްކަމަށާއި، ފޯޖު ލިޔުމެއް ހުށަހެޅި މީހަކަށް ބޭބެ ވުމަކީ އިއްތިފާގެއް ކަމަށް ވިދާޅުވެފައެވެ.
އެ މައްސަލައިގައި ފަޒުލްއާއެކު އެޗްޑީސީގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެއް މެމްބަރަކު ފިޔަވައި ދެން ތިބި އެންމެން މިއަދު ވަނީ ސަސްޕެންޑްކޮށްފަ އެވެ.