(އެންސްޕާ)ގެ ކުުރީގެ ޑެޕިއުޓީ ސީއީއޯ ފާތިމަތު ޝިއުނާ އަހުމަދު

އެންސްޕާ މައްސަލާގައި ހީނާ ވަލީދަށް ރައްދުވާ ކޮރަޕްޝަންގައި އަޅުގަނޑުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ: ޝިއުނާ

އެންސްޕާ މައްސަލާގައި ހީނާ ވަލީދަށް ރައްދުވާ ކޮރަޕްޝަންގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ކުުރީގެ ޑެޕިއުޓީ ސީއީއޯ ފާތިމަތު ޝިއުނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

އިއްޔެ މަގާމުން ވަކިކުރި ޝިއުނާ އޭނާގެ ސޯޝަލް މީޑިއާގައި ވިދާޅުވީ، ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ކުރެވޭ ތުހުމުތަކުތަކާ ގުޅޭ ކޮރަޕްޝަނުގެ މައްސަލަތައް ފޮރުވަން ކަމަށެވެ.

"މި ފުރުސަތުގައި ސަރުކާރުން ކޮރަޕްޝަނުގެ އަމަލުތައް ފޮރުވުމަށް ކުރާ މަސައްކަތްތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" އޭނާ ވިދާޅުވި އެވެ.

އެންސްޕާއަށް ރައްދުވާ ކޮރަޕްޝަނުގެ މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ގުޅުން އޮތް އެމްއެމްޓީވީ ހިންގަން އެ އެޖެންސީއަށް އޮފީހެއް ހޯދުމަށް ކަމަށް ބުނެ ފައިސާތަކެއް ދިނުމެވެ.

ޝިއުނާ ވިދާޅުވީ ކޮރަޕްޝަނުގެ ބައިވެރިއެއްގެ ގޮތުގައި ދޭހަވާގޮތަށް މި ދަނޑިވަޅުގައި އޭނަ ވަކިކުރި ނަމަވެސް، އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދަށް ރައްދުވާ މި ތުހުމުތުތަކާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެންސްޕާގެ ޑެޕިއުޓީ ސީއީއޯ ކަމަށް އައްޔަންކުރެވުނު ތާރީހުން ފެށިގެން މިއަދާ ހަމައަށް އެންސްޕާއިން އެމްއެމްޓީވީއާ ގުޅިގެން ބާއްވާފައިވާ އެއްވެސް ބައްދަލުވުމެއްގައި އޭނާ ބައިވެރިވެފަ ނުވާނެ ކަމަށެވެ.

"އެންސްޕާގެ ޑެޕިއުޓީ ސީއީއޯ ކަމަށް އައްޔަންކުރެވުނު ތާރީހުން ފެށިގެން މިއަދާ ހަމައަށް އެންސްޕާއިން އެމްއެމްޓީވީއާ ގުޅިގެން ބާއްވާފައިވާ އެއްވެސް ބައްދަލުވުމެއްގައި ވެސް އަޅުގަނޑު ބައިވެރިވެފައެއް ނުވާނެ،" ޝިއުނާގެ ލިޔުމުގައި ވިދާޅުވެފައިވެ އެވެ.

އެމްއެމްޓީވީ އާއި އެންސްޕާއާ ދެމެދު ވެވުނު ފަސް އަހަރުގެ އެއްބަސްވުމަކީ މަހަކަށް 580،000ރ. ގެ ރޭޓުން ކުލި ދައްކާ ގޮތަށް، ޖުމްލަ 34.8 މިލިއަން ރުފިޔާގައި އަގުކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ކަންކަން ސޯޝަލްމީޑިއާއަށް ތިލަވެ އާންމުންނާއި އިދިކޮޅު ސިޔާސީ ފިކުރުގެ މީހުންގެ ފާޑުކިޔުން އަމާޒުވުމުން އެންސްޕާއިން ވަނީ އެއްބަސްވުން އުވާލާފަ އެވެ.

އޭސީސީއިން އެ މައްސަލަ ތަހުގީގުކުރަން ފަށާ އެންސްޕާއިން ލިޔުންތަކެއް ވެސް ގެންދިޔަ ނަމަވެސް އޭގެ ފަހުން މައްސަލާގެ ތަފުސީލެއް އެކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

advertisement
ހިޔާލު ދެއްވާ!