ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ.
ފަޒުލް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހޭދަކުރެއްވި މުއްދަތުގައި އޭނާއާ މެދުގައި އެކި ގޮތް ގޮތުން ކުރި އަދި މިހާރު އެކިއެކި ޕްލެޓްފޯމްތަކުގައި ކުރަމުންދާ ތުހުމަތުތަކަށް އިންކާރު ކުރައްވައިފައެވެ.
ފަޒުލް ވިދާޅުވި ގޮތުގައި އޭނާ އެޗްޑީސީއަށް އައްޔަން ކުރި ފަހުން މިހާތަނަށް ކުރެއްވި އެންމެހާ މުއާމަލާތްތަކަކީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި ކުންފުނީގައި ހެދި ޕޮލިސީތަކުގެ އިމުގެ ތެރެއިން ކުންފުނީގެ މަސްލަހަތު އިސްކޮށްގެން ކުރެއްވި މުއާމަލާތްތަކެކެވެ.
ފަޒުލް ވަނީ "ބިންވެރިޔާ" ސްކީމާ ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.
"އަޅުގަނޑު އެދެނީ އެ ތުހުމަތުތަކުގެ ހަގީގަތް ވީ އެންމެ އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ހާމަވުމެވެ. އަދި މިކަމުގެ ސަބަބުން ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ހުއްޓިފައި އޮންނާކަށް އަޅުގަނޑު ނޭދެމެވެ،" ފަޒުލްގެ ސިޓީގައިވެއެވެ.
ފަޒުލް ވިދާޅުވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ "ބިންވެރިޔާ" ސްކީމާ ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގަށް ފުރުސަތު ދިނުމަށާއި ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. ރައީސް އޮފީހަށް ފޮނުވި ސިޓީގައި ފަޒުލް ވަނީ ސަރުކާރަށް ކާމިޔާބަށްވެސް އެދިވަޑައިގެންފައެވެ.
އިތުރު ތަފްސީލް އަންނަނީ…