ދައުލަތް ޖަވާބުދާރީ ކުރުމުގެ އޮނިގަނޑު ވަނީ ފޭލްވެފައިވާކަމަށް މަޝްހޫރު ޤާނޫނީ ވަކީލު ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ޢާޒިމާ މިހެން ވިދާޅުވީ އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލަތަކަށް އިޝާރާތްކުރައްވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޢާޒިމާ ވިދާޅުވީ ލިޔުންތައް ފޯޖްކުރުމާއި، އުޞޫލުން ބޭރުން ބިންދިނުމާއި، ނުލިބޭ ބިން ރާނައި އިންވަކިކުރުމާއި، ނުގަވާއިދުން ލިސްޓުތަކުން ޖާގަހޯދުންފަދަ ކޮންމެ ކަމަކުން ފެނިގެންދަނީ ދައުލަތުގެ ޖަވާބުދާރީ ކުރުމުގެ އޮނިގަނޑު ފޭލްވެފައިވާ މިންވަރު ކަމަށެވެ.
މި މޭރުމުން ކުރެއްވި ޕޯސްޓްގައި ޢާޒިމާ ވަނީ މިފަދަ ކަންކަމުން އަންގައިދެނީ ދައުލަތުގެ މުއައްސަސާތަކަށް ފާރަވެރިވެ ކަންކަން ބެލުމުގެ ޤާނޫނީ ބާރު މަތިކޮށްފައިވާ ފަރާތްތައް ފޭލްވުން ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. ޢާޒިމާ ވިދާޅުވީ ދައުލަތަށް ފާރަވެރިވާ އޮނިގަނޑު ހަލާކުކޮށްލާފައިވާ ކަމަށާއި ދައުލަތް ވަރަށްބޮޑަށް ބަލިކަށިވެފައިވާ ކަމަށެވެ. އަދި އެވާހަކައަށް ބާރުދޭ ހެއްކަކީ ކާކުކަން ނޭނގޭ ސޯޝަލް މީޑީއާ އެކައުންޓަކުން މިފަދަ މައްސަލަތަކާ ގުޅޭ ލިޔުންތައް ނެރެމުން އައުންކަންވެސް ޢާޒިމާ ވަނީ ފާހަގަކުރައްވާފައެވެ.
ޢާޒިމާ ވަނީ ޤާނޫނު އަސާސީގެ ދަށުން އުފައްދާފައިވާ މުއައްސަސާތަކުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށާއި، ޤާނޫނު އަސާސީ ތަންފީޒުކުރުން ވަރަށްބޮޑަށް ފަހަތަށް ސޮއްސާލާފައިވާކަމަށްވެސް ވިދާޅުވެފައެވެ. އަދި މިއީ މުޅި ދައުލަތާއި ޤައުމުގެ ހުރިހާ ރައްޔިތުންެ މަސްލަޙަތާ ވަރަށްބޮޑަށް ހުރިހާ މާނައެއްގައިވެސް ގުޅި ލާމެހިފައިވާ މައްސަލަތަކެއްކަމަށްވެސް ޢާޒިމާ ވަނީ ވިދާޅުވެފައެވެ.
އަދި ކޮރަޕްޝަނާއި ނާޖާއިޒުފައިދާނެގޭ ގޮތަށް ބައްޓަންވެފައިވާ، ޖަވާބުދާރީ ނުކުރެވޭ ނުވަތަ ޖަވާބުދާރީ ވާންނުޖެހޭ އޮނިގަނޑަކާއި އަދި ޘަޤާފަތެއް ބަދަލުކުރުމަށްޓަކައި، ޖިނާޢީ ތަޙްޤީޤެއްކޮށް އަދަބު ދިނުމުގެ އިތުރުން، ދުސްތޫރީ، ޤާނޫނީ އަދި ހިންގުމުގެ އޮނިގަނޑާއި އަދި ސިޔާސަތުތައް އެކުލަވައިލުމާއި ތަންފީޛުކުރުމާ ބެހޭ ބޮޑެތި އަދި ވަރުގަދަ ނިންމުންތަކެއް ނިންމަންޖެހޭކަމަށްވެސް ޢާޒިމާގެ ޕޯސްޓްގައި ވެއެވެ.
"ކޮރަޕްޝަނާއި ނާޖާއިޒުފައިދާނެގޭ ގޮތަށް ބައްޓަންވެފައިވާ، ޖަވާބުދާރީ ނުކުރެވޭ ނުވަތަ ޖަވާބުދާރީ ވާންނުޖެހޭ އޮނިގަނޑަކާއި އަދި ޘަޤާފަތެއް ބަދަލުކުރުމަށްޓަކައި، ޖިނާޢީ ތަޙްޤީޤެއްކޮށް އަދަބު ދިނުމުގެ އިތުރުން، ދުސްތޫރީ، ޤާނޫނީ އަދި ހިންގުމުގެ އޮނިގަނޑާއި އަދި ސިޔާސަތުތައް އެކުލަވައިލުމާއި ތަންފީޛުކުރުމާ ބެހޭ ބޮޑެތި އަދި ވަރުގަދަ ނިންމުންތަކެއް ނިންމަންޖެހޭ." : ޢާޒިމާ
ޢާޒިމާ މިފަދައިން ޕޯސްޓެއް ކުރައްވާފައިވާއިރު އެޗްޑީސީގެ ތެރެއިން ހިންގާފައިވާކަމަށް ޝައްކުކުރެވޭ އެތައް މިލިއަން ރުފިޔާއެއްގެ އަގުބޮޑު ކޮރަޕްޝަންގެ ޢަމަލުތަކެއް ކާކުކަން ނޭނގޭ ހެން ހިންގާ ސޯޝަލް މީޑިޔާ އެކައުންޓަކުން ވަނީ ލީކްކޮށްލާފައެވެ. އަދި ފުލުހުންނާއި އޭސީސީން ދަނީ އެ މައްސަލަތައް މިހާރު ތަޙްޤީޤުކުރަމުންނެވެ.
އަދި މި ސަރުކާރުން ކޮރަޕްޝަން ޓޮލަރޭޓް ނުކުރާނެކަމަށްބުނެ ސަރުކާރުން ވަނީ އެޗްޑީސީގެ ބޯޑު ސަސްޕެންޑްކޮށްފައެވެ. އަދި އެތައްބައެއްގެ ޕާސްޕޯރޓްވެސް ވަނީ ހިފަހައްޓާފައެވެ. މީގެ އިތުރުން ތަޙްޤީޤަށް އެއްބާރުލުން ދިނުމަށްކަމަށްބުނެ އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު ވަނީ މިރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވާފައެވެ.