މީހުންގެ އަގު އޮންނަނީ އެމީހުންގެ ބުރުސޫރައެއްގައެއް ނޫނެވެ. އެކަމަކު އެމީހެއްގެ އީމާންކަމާއި ޢިލްމާއި އަޚްލާޤުގެ މަތީގައެވެ. އެ މީހަކު ތެދު މަގުގައި ދެމި ހުންނަ ހުރުމުގެ މަތީގައެވެ. މާތްﷲ ތިޔަބައިމީހުންގެ ބުރުސޫރައަކަށް ބައްލަވައި ވޮޑި ނުގަންނަވަތެވެ. މިއީ ﷲ ދެއްވާ އެއްޗެކެވެ. ތިބާއާ ތިބާގެ ހަށިގަނޑުގެ ބައްޓަމާ ގުޅުމެއް ނެތެވެ.
ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި އެކަލޭގެފާނު ވިދާޅުވެގެން މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނު މަސްޢޫދުގެފާނު ގަހަކަށް އަރާވަޑައިގެންނެވިއެވެ. ތަންކޮޅެއް ބާރަށް އައި ވައިރޯޅިއަކާ އެކު އެކަލޭގެފާނުގެ ފޮށާކޮޅު އުފުލިގެން އެކަލޭގެފާނުގެ ދެ ފައިންޕުޅު ހާމަވިއެވެ. އެކަލޭގެފާނުގެ ފައިންޕުޅުގެ ހިކި އަނަރޫފަކަން އެ ތާނގައި ތިބި މީހުންނަށް ފެނުމުން ބައެއް މީހުންގެ ގާތަށް ހިނިއައެވެ. އެހިނދު ނަބިއްޔާ عليهالصلاة والسلام ޙަދީސްކުރެއްވިއެވެ. (ތިޔަބައިމީހުން ތިޔަ ހެނީ ކީއްވެގެން ހެއްޔެވެ؟ ޤިޔާމަތްދުވަހުން ޢަބްދުﷲގެ ފައިންޕުޅު މީޒާނުގައި އުޙުދު ފަރުބަދައަށް ވުރެ ބަރުވާނެއެވެ.)
މި ބަސްފުޅުން އެނގެނީ މި ދީނަކީ ހަސަބާއި ނަސަބުގެ ދީނެއް ނޫންކަމެވެ. ހަށިގަނޑުގެ ބާރާއި މުލައްދަނޑީގެ ބާރުގެ މަތީގައި އޮތް ދީނެއްނޫންކަމެވެ. މި ދީނަކީ ޢަމަލުގެ ދީނެއް ކަމެވެ. މި ދީނުގައި މާތް މީހަކަށް ވެވޭނީ އެ މީހާގެ ތަޤްވާވެރިކަމުގެ ސަބަބުންނެވެ. އޭނާގެ ސަބަބުން އެހެން މީހުންނަށް ލިބޭ ފައިދާއާއި ލާބައިގެ ސަބަބުންނެވެ. މި ޙަދީސަށް ވާގިލިބޭ ކައު ރަސޫލާގެ އެހެން ބަސްފުޅަކީ (إنَّ اللهَ لا يَنظُرُ إلى صُوَرِكم وأموالِكم، ولكِنْ يَنظُرُ إلى قُلوبِكم وأعمالِكم – ހަމަކަށަވަރުން ﷲ ތިޔަބައިމިހުންގެ ބުރުސޫރަތަކަކަށް އަދި މުދާވެރިކަމަކަށް ނުބައްލަވަތެވެ. އެހެނަސް އެކަލާނގެ ބައްލަވައިވޮޑިގަންނަވަނީ ތިޔަބައިމީހުންގެ ހިތްތަކަށާއި ޢަމަލުތަކަށެވެ!)
ﷲގެ ޙަޟްރަތުގައި މުއުމިން އިންސާނާއަށް ވުރެ އަގުބޮޑު، ޤަދަރުވެރި، މަތިވެރި އެއްޗެއް ނުވެއެވެ. ﷲ އޭނާ ރައްކައުތެރިކުރައްވަތެވެ. އަވަހާރަފުޅު އައުމެއް އަދި އަވަހާރަފުޅު ލެއްޕެވުމެއް ވެސް ނުވާ ރަސްކަލާނގެ އޭނާ ޙިމާޔަތްކުރައްވަތެވެ. އޭނާއަށް ނަޞްރުދެއްވައި ޢިއްޒަތްތެރިކުރައްވަތެވެ. އޭނާއަށް ފާފަފުއްސަވާދެއްވައި އޭނާގެ އުނި ސިފަތަކުން އޭނާ ވަންހަނާކޮށްދެއްވަތެވެ. އޭނާއަށް ރަޙްމަތްލައްވައި އޭނާގެ މީޒާނު ބަރުކޮށްދެއްވައި އޭނާ ސުވަރުގެ ވައްދަވަތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (هُوَ ٱلَّذِىٓ أَنزَلَ ٱلسَّكِينَةَ فِى قُلُوبِ ٱلْمُؤْمِنِينَ لِيَزْدَادُوٓا۟ إِيمَٰنًا مَّعَ إِيمَٰنِهِمْ ۗ وَلِلَّهِ جُنُودُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًا ﴿٤﴾ لِّيُدْخِلَ ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِجَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا وَيُكَفِّرَ عَنْهُمْ سَيِّـَٔاتِهِمْ ۚ وَكَانَ ذَٰلِكَ عِندَ ٱللَّهِ فَوْزًا عَظِيمًا – އެކަލާނގެއީ، مؤمن ންގެ ހިތްތަކަށް ހިތްހަމަޖެހުން ބާވައިލެއްވި ރަސްކަލާނގެއެވެ. އެއީ އެއުރެންގެ إيمان ކަމުގެ މައްޗަށް، އެއުރެންނަށް إيمان ކަން އިތުރުވުމަށްޓަކައެވެ. އުޑުތަކާއި، ބިމުގެ لشكرމިލްކުވެގެންވަނީ، ﷲ އަށެވެ. މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ. (އެއީ) مؤمن ފިރިހެނުންނާއި، مؤمنއަންހެނުން، އެކަލާނގެ ސުވަރުގެތަކަށް ވެއްދެވުމަށްޓަކައެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގައި، އެއުރެން ދެމިތިބޭގޮތުގައެވެ. އަދި އެއުރެންގެ ކުށްފާފަތައް އެއުރެންގެ ކިބައިން ފުއްސެވުމަށްޓަކައެވެ. އަދި ބޮޑުވެގެންވާ ނަސީބު ލިބުމެއްކަމުގައި ﷲ ގެ حضرة ގައި އެކަންތައްވިއެވެ.)
މި ދުނިޔެއާއި މި ދުނިޔޭގައިވާހައި އެއްޗެއް ފަނާވެދިޔުމަށް ވުރެ، މި އުޑުތަކާއި މި ބިން ނެތިވެދިޔުމަށް ވުރެ، މުއުނިނަކަށް ގެއްލުމެއް ލިބުންﷲގެ ޙަޟްރަތުގައި މާ ބޮޑުވެގެންވެއެވެ. ނަބިއްޔާ عليه الصلاة والسلام ޙަދީސްކުރެއްވިއެވެ. (وَالَّذِي نَفْسِي بِيَدِهِ، لَقَتْلُ مُؤْمِنٍ أَعْظَمُ عِنْدَ اللَّهِ مِنْ زَوَالِ الدُّنْيَا –އެ ފަރާތެއްގެ ޔަދުޤުދްރަތްފުޅުގެ ދަށުގައި ތިމަންކަލޭގެފާނުގެ ފުރާނަފުޅު ވާ ފަރާތް ގަންދެއްވާ ޙަދީސްކުރައްވަމެވެ. ﷲގެ ޙަޟްރަތުގައި ދުނިޔެ ނެތިވެފަނާވެ ދިޔުމަށްވުރެ މުއުމިނަކު ޤަތުލުކުރުމުގެ ނުބައިގެން ބޮޑުވެގެންވެއެވެ.)
މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރު ވިދާޅުވިއެވެ. "ރަސޫލުﷲ صلَّى اللهُ عليهِ وسلَّمَ އެއްދުވަހަކު ގެފުޅުގެ ވަށައިގެން ޠަވާފުކުރެއްވި ތަން އަހުރެން ދުށީމެވެ. އެކަލޭގެފާނު ގެފުޅާ މުޚާޠަބުކުރައްވާ ވިދާޅުވިއެވެ. (ما أطْيَبَكِ وأطْيَبَ رِيحَك، ما أعظَمَكِ وأعظَمَ حُرْمَتَك، والذي نفسُ محمدٍ بيدِهِ لحُرمةُ المؤمنِ أعظمُ حُرمةً عِندَ اللهِ مِنكِ مالُهُ ودمُهُ – ތިބާގެ ރަނގަޅުކަމުގެ ބޮޑުކަމާއެވެ! ތިބާގެ ވަސް މީރުކަމާއެވެ! ތިބާގެ މަތިވެރިކަމާއެވެ! ތިބާގެ ޙުރްމަތްތެރިކަމުގެ ބޮޑުކަމާއެވެ! މުޙައްމަދުގެފާނުގެ ނަފްސުފުޅު އެ ފަރާތެއްގެ ޔަދުޤުދްރަތްފުޅުގެ ދަށުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. ﷲގެ ޙަޟްރަތުގައި ތިބާގެ ޙުރްމަތްތެރިކަމަށް ވުރެ މުއުމިނާގެ ޙުރްމަތްތެރިކަމާއި އޭނާގެ މުދަލާއި ލޭގެ ޙުރްމަތްތެރިކަން ބޮޑުވެގެންވެއެވެ.)
މި ބަސްފުޅުން އެނގެނީ ﷲގެ ޙަޟްރަތުގައި އީމާންކަމުގެ މަތިވެރިކަމެވެ. މީސްތަކުންގެ އަގުވަޒަން ކުރުމަށްޓަކައި މިންގަނޑުތަކެއް ވާ ކަމެވެ. ދުނިޔޭގެ މީހުންގެ ގާތުގައިވާ މިންގަނޑުތަކާއި ﷲގެ ޙަޟްރަތުގައިވާ މިންގަނޑުތައް ތަފާތު ކަމެވެ. ދުނިޔޭގެ އަހްލުވެރިންގެ މިންގަނޑުތަކުގެ ތެރޭގައި ބާރުވެރިކަމާއި މުއްސަނދިކަން ހިމެނެއެވެ. ދުނިޔޭގައި މުއްސަނދީންނަށް އިޙްތިރާމާއި ޤަދަރު ލިބެއެވެ. މެޑެލިތަކާއި ސަނާތައް އޮހެއެވެ. އެމީހުންގެ ކުށެއް ނޯންނާނެއެވެ. އެމީހުން ކުރާ ކުށްތަކަށް މާފު ލިބޭނެއެވެ. އެމީހުންގެ ބަހަކީ އެންމެ ފަހުބަހެވެ. އެމީހުންނަށް އިންސާފު ވެސް ލިބޭނެއެވެ. އެމީހުން ކިތަންމެ ވަރަށް މީހުންނަށް އަނިޔާ ކުރިއަސް އެއީ އަނިޔާވެރިކަމެއް ނޫނެވެ. އެމީހުންނަށް އެމީހުން ބޭނުން ކަމެއް ބޭނުން ވަގުތަކު ކުރެވެން ވާނެއެވެ. އެމީހުން ބޭނުން ނުވާކަމެއް ނުކުރެވޭނެއެވެ. އެމީހުންނަށް ޙައްޤުތައް ހޯދާދިނުމަށްޓަކައި މަސައްކަތް ކޮށްދޭނެ މީހުން ވެސް ތިބޭނެއެވެ. މި ޤަދަރުވެރި މުއްސަނދި އިންސާނާގެ ގާތަށް މަރު އައުމުން ކުރެވޭނެ ކަމެއް، ކޮށްދެވޭނެ ކަމެއް އޮންނާނެ ހެއްޔެވެ؟ މާތްﷲ ވަޙީކުރެއްވިއެވެ. (يَوْمَ لَا يَنْفَعُ مَالٌ وَلَا بَنُونَ إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ – އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއް ވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ. ސަލާމަތްވެގެންވާ ހިތަކާއިގެން اللَّه ގެ حضرة އަށް އައި މީހަކަށް މެނުވީއެވެ.) ޤައުމުގެ އެންމެން މި މުއްސަނދިމީހާގެ މުދަލުން އެއްޗެހި ލިބޭތީ އޭނާ މަތިވެރި ކުރިއަސް، އެމީހާއަށް ސަނާކިޔައި ތާރީފު ކުރިއަސް މަލަކުލް މައުތުގެފާނު އޭނާގެ ގާތަށް ވަޑައިގަތުމުން ކޮށްދެވޭނެ ކަމެއް ނޯންނާނެއެވެ. ޖެހޭނީ އެ ހުރިހާ މުދާތަކެއް ދޫކޮށްލައިފާ ދާށެވެ. މުދަލަކުން، ބާރަކުން، ޖާހަކުން، ވިސްނުން ތޫނުކަމަކުން، ދޫ ހިނގުމަކުން، ފައިދާއެއް ނުކުރާނެތެވެ. ފައިދާ ކުރާނީ ހެޔޮ ޢަމަލުތަކުންނާއި، އިޚްލާޞްތެރި އީމާންތެރި ހިތަކުންނެވެ. އަލް ފުޟައިލު ބުނު ޢަޔާޟު ވިދާޅުވާ ގޮތުގައި "ﷲގެ ޙަޟްރަތުގައި ދެ ޝަރްޠަކާ ލައިގެން މެނުވީ އެއްވެސް ޢަމަލެއް ޤަބޫލުވެގެން ނުވާނެތެވެ. އެއީ ﷲއަށް ޚާލިޞްވެގެންވުމާއި ޝަރްޢު ޤަބޫލުކުރާ ޢަމަލެއް ކަމުގައި ވުމެވެ."
އަޅުގަނޑުމެންގެ މި ދުންޔަވީ ޙަޔާތަކީ ވަރަށް ކުރު، ވަރަށް އަވަހަށް ނެތިގެން ހިނގައިދާނެ އެއްޗެކެވެ. ﷲ ސިފަކުރައްވާ ފަދައިން ދާއިމީ ޙަޔާތަކީ އާޚިރަތުގެ ޙަޔާތެވެ. ތާއަބަދަށް ދެމި ތިބެންޖެހޭނެ ގޮވެއްޗަކީ އުޚްރަވީ ގޮވެއްޗެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. (خَالِدِينَ فِيهَا أَبَداً – އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވިގޮތުގައެވެ) މި ބަސްފުޅުގައިވާ އަބަދަކީ އިންސާނާގެ ހިތަށް ތަޞައްވުރު ކުރެވޭނެ ޢަދަދެއް ނޫނެވެ. އެއީ މިލިޔަން، ބިލިޔަން، ޓްރިލިޔަން، އޮކްޓިލިޔަން އަހަރު ހެއްޔެވެ؟ އެއީ އަބަދެއް ނޫނެވެ. ތާއަބަދު އެއަށް ވުރެ އަދި މާ ދިގެވެ. އޭގެ މިންވަރެއް ނެތެވެ. އެއީ އަނަންތެވެ. މާތް ﷲ އަޅުގަނޑުމެންނަށް ގޮވައިލައްވަނީ ތާއަބަދުގެ ބާއްޖަވެރި ކަމަށެވެ. އުޑުތަކާއި ބިމުގެ ފުޅައުކަން ލިބިފައިވާ ސުވަރުގެއަށެވެ. މި ގޮވައިލެއްވުމަށް އިޖާބަނުދިން މީހާއަށް އޮތީ ތާއަބަދުގެ ނަރަކައެވެ. އެއީ ބޮޑުވެގެންވާ އަބާއްޖަވެރިކަމެވެ. އެއީ ބޮޑުވެގެންވާ ގެއްލެނިވުމެވެ. الله عز وجل ވަޙީ ކުރެއްވިއެވެ. (إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنْفُسَهُمْ وَأَهْلِيهِمْ يَوْمَ الْقِيَامَةِ أَلَا ذَلِكَ هُوَ الْخُسْرَانُ الْمُبِين – ހަމަކަށަވަރުން، ގެއްލުންވެގެންވާ ބަޔަކީ قيامة ދުވަހުން އެއުރެންގެ އަމިއްލަ نفس ތަކާއި، އެއުރެންގެ أهل ވެރިން ގެއްލެނިކުޅަ މީހުންނެވެ. ދަންނާށެވެ! ފާޅުވެ ބަޔާންވެގެންވާ ގެއްލުންވުމަކީ ހަމައެއީއެވެ.)
އިންސާނާ މި ދުނިޔެމަތީގައި މުޅިން ބަގުރޫޓު ވިޔަސް އެއީ ގެއްލުންވެގެންވާ މީހެއް ނޫނެވެ. ބޮޑުވެގެންވާ ގެއްލުންވެގެންވާ މީހަކީ އާޚިރަތް ގެއްލިފައިވާ މީހާއެވެ. މި ފަދަ މީހުންނަކީ ކޮބައިކަން ބަޔާންކުރައްވައި، މާތްﷲ ވަޙީ ކުރެއްވިއެވެ. (فَلَمَّا نَسُوا مَا ذُكِّرُوا بِهِ فَتَحْنَا عَلَيْهِمْ أَبْوَابَ كُلِّ شَيْءٍ حَتَّى إِذَا فَرِحُوا بِمَا أُوتُوا أَخَذْنَاهُمْ بَغْتَةً فَإِذَا هُمْ مُبْلِسُونَ – ދެން އެއުރެންނަށް ހަނދާންކޮށްދެއްވި ކަންތައް، އެއުރެން ހަނދާން ނައްތައިފި ހިނދު (امتحان އެއްގެ ގޮތުން) ހުރިހާކަމެއްގެ ދޮރުތައް ތިމަންރަސްކަލާނގެ އެއުރެންނަށް ހުޅުއްވައިދެއްވީމެވެ. (އެބަހީ: ހުރިހާ ގޮތަކުން ތަނަވަސްކަމާއި ތިޔާގިކަން ދެއްވީމެވެ.) ދެން އެއުރެންނަށް ދެއްވި ކަންތަކާ މެދު އެއުރެން އުފަލުގައި ތިއްބާ ކުއްލިއަކަށް ތިމަންރަސްކަލާނގެ އެއުރެން ހިއްޕެވީމެވެ. އެހިނދު އުއްމީދު ކެނޑިފައިތިބި ބަޔަކު ކަމުގައި އެއުރެންވިއެވެ.)
ސުވަރުގޭގެ ތާއަބަދުގެ ޙަޔާތަށް ބަލައިލަމާތޯއެވެ. އެއީ ކޮން ކަހަލަ ތަނެއްތޯއެވެ؟ (لَهُمْ مَا يَشَاؤونَ فِيهَا – އެ ސުވަރުގޭގައި އެއުރެންނަށް އެއުރެން އެދޭހާ ކަމެއްވެއެވެ.) މާނައަކީ ތިބާ ހިތަށް އަރާ ކޮންމެ ކަމެއް ހިތަށް އެރި ގޮތަކަށް ތިބާއަށް ޙާޞިލު ވާނެއެވެ. އިންތިޒާރު ކުރާކަށް ނުޖެހޭނެއެވެ. އޯޑަރުދީފައި މަޑުކުރާކަށް ނުޖެހޭނެއެވެ. ޑެލިވަރީ ލަސްވެގެން އުޅޭކަށް ނުޖެހޭނެއެވެ. އެތާނގައި އޭނާގެ ޙާލަތަކީ (فَهُوَ فِى عِيشَةٍ رَّاضِيَةٍ فِى جَنَّةٍ عَالِيَةٍ قُطُوفُهَا دَانِيَةٌ كُلُوا وَٱشْرَبُوا هَنِيٓـًٔۢا بِمَآ أَسْلَفْتُمْ فِى ٱلْأَيَّامِ ٱلْخَالِيَةِ – ފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. މަތިވެރިވެގެންވާ ސުވަރުގެއެއްގައެވެ. އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ. (އަންގަވާނެތެވެ.) އަރާމު ލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުން ކުރި ހެޔޮ عمل ތަކުގެ ޖަޒާއެއްގެ ގޮތުންނެވެ.) ސުވަރުގޭގެ ނިޒާމަކީ މިއީއެވެ. އެއީ ސަބަބަކާ ނުލައި ދެއްވައި ދެއްވުމެވެ. ނަމަވެސް މި ދުނިޔޭގައި ލިބޭނީ މަސައްކަތް ކޮށްގެންނެވެ.
ސުވަރުގެއަކީ ބޮޑު ފައިދާއެއް ކަމަށް ބުނެވެނީ ކީއްވެގެން ހެއްޔެވެ؟ މި ސުވަރުގެ ހޯދުމަށްޓަކައި އިންސާނާ މަސައްކަތް ކުރަނީ ކިތައް އަހަރުތޯއެވެ؟ ދުވާލަކު ފަރްޟު ފަސް ނަމާދު އަދާކޮށްގެންނެވެ. ކޮންމެ އަހަރަކު ރަމަޟާން މަހުގައި ރޯދަ ހިފައިގެންނެވެ. ކުޅަދާނަކަމާއި ތަނަވަސްކަން ލިބުނު ނަމަ ޙައްޖުގެ ފަރީޟާ އަދާކޮށްގެންނެވެ. މާތްﷲ ތަނަވަސްކަން ދެއްވި މީހެއް ނަމަ މުދަލު ޒަކާތާއި ފިޠުރު ޒަކާތް ދައްކައިގެންނެވެ. ދޮގުނަހަދާ ތެދުބުނެގެންނެވެ. މީހުންނާ އެކު ރިވެތި މުޢާމަލާތު ކޮށްގެންނެވެ. އަމާނަތްތެރިވެ، އިޚްލާޞްތެރިވެގެންނެވެ. ބޮޑެތި ފާފަތަކާ ދުރުހެލިވެގެންނެވެ. ތިބާގެ ޢުމުރު ހަމަވުމުން ނިމުނީއެވެ. ތިބާއަށް މި ލިބެނީ ސުވަރުގެއެވެ. އުޑުތަކާއި ބިމުގެ ފުޅައުކަން ލިބިގެންވާ ސުވަރުގެއެވެ. ދުނިޔޭގައި އުޅުނު ކަހަލަ ޢިމާރާތެއް ނުވަތަ ގެއެއް ނުވަތަ ފްލެޓެއް ނޫނެވެ. ތިބާއަށް މި ސުވަރުގޭގައި އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. ތިބާއަށް އެ ތަން މަރާމާތުކޮށް ބަލަހައްޓާކަށް ނުޖެހޭނެއެވެ. ތިބާ އެދޭ ކޮންމެ ކަމެއް ވަގުތުން ކޮށްދޭނެ ނޯކަރުން ތިބޭނެއެވެ. އެ ނޯކަރުން ތިބާއަށް މަކަރެއް ނަހަދާނެއެވެ. މި މަތިވެރި ނިޢުމަތް ލިބުމުން އެމީހުން ދަންނަވާނެތެވެ. (ٱلْحَمْدُ لِلَّـهِ ٱلَّذِى صَدَقَنَا وَعْدَهُ وَأَوْرَثَنَا ٱلْأَرْضَ نَتَبَوَّأُ مِنَ ٱلْجَنَّةِ حَيْثُ نَشَآءُ ۖ فَنِعْمَ أَجْرُ ٱلْعَـٰمِلِينَ – حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އަޅަމެންނަށް އެކަލާނގެ ކުރެއްވި وعد ތެދުކުރެއްވި ރަސްކަލާނގެއެވެ. އަދި އަޅަމެން އެދޭ ތަނެއްގައި ސުވަރުގޭގައި ތިބުމަށް އެކަލާނގެ އަޅަމެންނަށް ސުވަރުގޭގެ ބިން ވާރުތަކުރެއްވިއެވެ. ފަހެ، ހެޔޮ عمل ކުރާމީހުންނަށް ހުރި ދަރުމައިގެ މޮޅުކަމާއެވެ!)
ސުވަރުގެއަކީ އަޅުގަނޑުމެންގެ އުޚްރަވީ ގޮވެއްޗެވެ. އެ ގޮވެތި ބިނާ ކުރެވޭނީ މި ބިން މަތީގައި އަޅުގަނޑުމެން ކުރާ ހެޔޮ ޢަމަލުތަކުންނެވެ. އަޅުގަނޑުމެން ބުނާ ނުވަތަ ލިޔާ ކޮންމެ ކަލިމައަކުންނެވެ. ކޮންމެ ޙަރަކާތަކުންނެވެ. ކޮންމެ ހަނުހުރުމަކާއި ބަސް ބުނުމަކުންނެވެ. ދިއްކޮށްލާ އެއްޗަކުންނާއި ނުދީ ހިފަހައްޓާ އެއްޗަކުންނެވެ. މީހުންނާ އެކު ކުރާ މުޢާމަލާތުތަކުންނާއި، ކަނޑާލައި ގުޅުންތަކުންނެވެ. ގަނެވިއްކުންތަކާއި، އަޅައިލާ އަޅައިލުންތަކުންނެވެ. އިންސާނާގެ ކޮންމެ ޢަމަލެއް އާޚިރަތުގެ އެކައުންޓަށް ޖަމާވާނެއެވެ. ހެޔޮ ކަންތައްތަކުން މި އެކައުންޓް އަރަނިވަމުންދާ އިރު ނުބައި ޢަމަލުތަކުން މި އެކައުންޓް ދަރަނިވަމުން ވެސް ދާނެއެވެ.
އިންސާނާ އޭނާގެ މި ގޮވެތި ހޯދަނީ އޭނާގެ ޢަމަލުންނެވެ. ހެޔޮ ޢަމަލުތައް ގިނަކޮށްގެންނެވެ. އާޚިރަތް ދުވަހަށް އީމާންވާ މީހާއަށް އެހެން މީހެއްގެ ޙައްޤަކަށް އަރައިގަންނަން ކެރޭނެ ހެއްޔެވެ؟ އާޚިރަތް ދުވަހަށް އީމާންވާ މީހާއަށް ތިބާގެ ޙައްޤު ހޯދަން ކޯޓަށް ދާށޭ ބުނަން ކެރޭނެ ހެއްޔެވެ؟ ﷲގެ ދިންނެވުމަށް އެދޭ މީހާ ކުލި ނުދައްކާ އެހެން މީހެއްގެ ފުލެޓެއްގައި ހުންނަން ކެރޭނެހެއްޔެވެ؟ ފެން ބިލުތަކާއި ކަރަންޓު ބިލްތައް ނުދައްކާ ތަނުން ނުކުމެގެންދާ އިރު ޤިޔާމަތްދުވަހުން އޭނާގެ ހެޔޮ ޢަމަލުތަކުން މި ބިލްތައް ދައްކަންޖެހޭނެކަން ނެނގެނީ ބާވައެވެ. މިއީ އާޚިރަތް ދުވަހަށް ކާފިރުވާ މީހުންގެ ސުލޫކެވެ. އެކަމަކު ތިބާއަކީ މުސްލިމެއް ހޭ އަހައިފި ނަމަ އޭނާ أعوذ بالله! أعوذ بالله! އޭ ބުނާނެތެވެ. އަހަންނަކީ އާޚިރަތް ދުވަހަށް އީމާންވާ މީހެކޭ ވެސް ބުނާނެތެވެ.
މުއުމިނަކަށް ގޯނާކުރި މީހާ، އަނިޔާވެރިވި މީހާ، އޭނާގެ ޙައްޤުތައް ހަޖަމުކުރާ މީހާއަށް ﷲގެ އެއްވެސް ޙިމާޔަތެއް ނުލިބޭނެތެވެ . މުޢުމިނަކަށް ދުޝްމަނުވީ މީހާއާ ﷲ ދުޝްމަނުވެވޮޑިގަންނަވާނެތެވެ. މުއުމިނަކާ ހަނގުރާމަކުރާ މީހާޢާ ﷲ ހަނގުރާމަކުރައްވާނެތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ – ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ ولىّ ންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.)
މިއާ ޚިލާފަށް މުއުމިނަކަށް އަޅައިލި މީހާއަށް، އޭނާއަށް ކާއެއްޗެއް ދިން މީހާއަށް ﷲގެ ޙަޟްރަތުގައި މަތިވެރި ސަވާބާއި ދަރުމަ ލިބިގެން ވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ( مَن ستَرَ أَخاه المُسلِمَ في الدُّنيا؛ ستَرَه اللهُ في الدُّنيا والآخِرَةِ، ومَن نفَّسَ عن أَخيه كُربَةً مِن كُرَبِ الدُّنيا؛ نفَّسَ اللهُ عنه كُربَةً يَومَ القِيامَةِ، واللهُ في عَونِ العَبدِ ما كان العَبدُ في عَونِ أَخيه – ދުނިޔެމަތީގައި އޭނާގެ މުސްލިމު އަޚާގެ އުނިސިފަތައް ބޭޒާރުނުކޮށް ވަންހަނާ ކުރިމީހާ، ﷲ އޭނާ ދުނިޔެއާއި އާޚިރަތުގައި ބޭޒާރުނުކުރައްވާނެތެވެ. މި ދުނިޔެމަތީގައި އޭނާގެ އަޚާ މުޞީބާތަކުން ސަލާމަތްކޮށްދިން މީހާ ﷲ އޭނާ ޤިޔާމަތްދުވަހުގެ މުޞީބަތަކުން ސަލާމަތްކޮށްދެއްވާނެތެވެ. އަޅާ އޭނާގެ އަޚަށް އެހީތެރިވުމުގައި ދެމިހުރިނަމަ ﷲ އޭނާއަށް ވާގިވެރިވެވޮޑިގެންވާނެތެވެ.)