މުއާޒް މުހައްމަދު ރަޝީދު

ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އިސްތިއުފާ ދީފި

ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު އެމަގާމުން މިއަދު އިސްތިއުފާދީފިއެވެ.

މަގާމުން މުއާޒް އިސްތިއުފާ ދީފައި މިވަނީ އިއްޔެ ރާއްޖޭގެ ޓީވީ ސްޓޭޝަނަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި އިންޓަވިއުއެއްގައި ކޮރަޕްޝަން ހިންގާ ހުރިހާ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވިތާ 24 ގަޑިއިރު ވެސް ނުވަނީސްކަން ފާހަގަ ކޮށްލެވެއެވެ.

މަގާމުން އިސްތިއުފާ ދޭން ނިންމައި ރައީސް މުހައްމަދު މުއިއްޒަށް މުއާޒް ފޮނުއްވެވި ސިޓީގައި ވިދާޅުވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުރެގެން އޭނާއަށް ކުންފުނީގެ ހާލަތު އިތުރަށް ރަނގަޅު ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެވޭތީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދޭން ނިންމީ ކަމަށެވެ.

މުއާޒްގެ ސިޓީގައި ވިދާޅުވީ އޭނާ ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރި ހިސާބުން މަސައްކަތް ކޮށްފައި ވާނީ ކުންފުންޏަށް ދިމާވަމުން ދިޔަ ގޮންޖެހުންތަކުން އަރައިގަނެ އެދެވޭ ނަތީޖާއެއް ހާސިލް ކުރަން ކަމަށެވެ.

މުއާޒް ވިދާޅުވީ ފެނަކަ އިން ހިދުމަތް ދޭން ޖެހޭ ރަށްރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްތައް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި މެއިންޓަނަންސްކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކުރިން އޮތް ބެކްލޮގް އެއްކޮށް ރަނގަޅު ކުރެވިފައި ނުވުމާއި ކުންފުންޏާއި ހަވާލުވިއިރު ކުންފުނީގެ ދަރަނީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ އޮތުމާއި ކުންފުންޏަށް ބޭނުންވާ އަދަދަށްވުރެ އެތަށް ގުނައެއް އިތުރަށް ވަޒީފާ ހަމަޖައްސަން ޖެހުމާއި އަދި ކުންފުނި ރައިޓް ސައިޒް ކުރުމަށް އެކަށީގެންވާ އެއްބާރުލުމެއް ކަމާއި ގުޅުން ހުރި އިދާރާތަކުން ނުލިބި ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ ކުރަން ހަމަޖެހިފައިވާ ހަރަދު އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.

ނަމަވެސް މުއާޒް ވިދާޅުވީ ކުންފުނީގެ ހަރަދުތައް ކުޑަކޮށް އަހަރު ދުވަހުން 160 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

މުއާޒް ވިދާޅުވީ ކުންފުނީގެ ބެލެނިވެރި ފަރާތް ކަމުގައިވާ މާލީ ވުޒާރާއަށް މިކަންކަމުގައި ހުރި ދަތިތަކާއި އިސްވެ ދެންނެވުނު ހާލަތުން އަރައިގަތުމަށްޓަކައި މަޝްވަރާކޮށް ގޮތެއް ހޯދުމަށް ތަފާތު އެކިފަހަރު މަތިން ދެންނެވި ކަމަށެވެ. ފެނަކަ އިން ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކުން އެންމެ ހިނދުކޮޅަކަށް ވެސް ރައްޔިތުން މަހްރޫމްވެއްޖެނަމަ އެކަމުގެ ސަބަބުން ކުންފުންޏާއި ރައީސް މުއިއްޒު ވެސް އޭގެ ބަދުނާމު ފޯރާނެ ކަމެއްގެ އިތުރުން އެތަކެއް ތަކުލީފެއް ރައްޔިތުން އުފުލަން ޖެހޭނެ ކަމަށެވެ.

މުއާޒް ވިދާޅުވީ ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ ކުރަން ޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާތީ އޭނާ މަގާމުން އިސްތިއުފާ ދޭން ނިންމެވީ ކަމަށެވެ.

"އަޅުގަނޑު ހުރެގެން އިތުރަށް މިކަންކަން ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން މިއަދުން ފެށިގެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުން އިސްތިއުފާ ދީފިން." މުއާޒް ވިދާޅުވިއެވެ.

މުއާޒް މިހެން ވިދާޅުވެފައިވާއިރު އޭނާވަނީ ގދ. ތިނަދޫއަށް "އާޖެންޓް" ކޮށް ފެންޕްލާޓެއް ބޭނުވާ ކަމަށް ވިދާޅުވެ އޭނާއާ ގާތް މީހަކަށް ކަޓު ލިބޭ ގޮތަށް ބޮޑު ޖަރީމާއެއް ހިންގާފައެވެ. އެގޮތުން 7 މިލިއަންއަށް ލިބޭ ފެން ޕްލާންޓެއް 13 މިލިއަނަށް ގަނެފައެވެ. ނަމަވެސް އެ ފެންޕްލާންޓް އަދިވެސް ހުރީ ތިނަދޫ ފެނަކަ ގުދަނުގައި ކަން ފާހަގަ ކޮށްލެވެއެވެ.

މީގެ އިތުރުން ވެސް ވަޒީފާތައް ގާތް މީހުންނަށް ދިނުމާއި ތެޔޮ ގަތުމުގައި ބޮޑެތި ކޮރަޕްޝަން ހިންގާކަމުގެ ތުހުމަތު މުއާޒުގެ މައްޗަށް ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!