ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު މިއަދު އައްޔަންކޮށްފި އެވެ.
ފެނަކައިގެ އެމްޑީގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފައިވާކަން ޕީސީބީން ހާމަކޮށްފައި މިވަނީ، އެ މަގާމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވުމުންނެވެ.
ފެނަކަ ފާހަގަކުރެވެނީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ދަރަނި ބޮޑު އަދި މާލީ ދަތިކަން އެންމެ ބޮޑު ކުންފުނީގެ ގޮތުގައެވެ. މި ސަރުކާރުގައި ކުންފުނި ހިންގުމާ ޙަވާލުވެވަޑައިގެންނެވި މުއާޒު އިސްތިއުފާ ދެއްވާފައިވަނީ ފެނަކައިގެ މާލީ ހާލަތު ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތުގައި އަދާކުރަން ހުރަސްތަކެއް ހުރުމުން ކަމަށް ވިދާޅުވެއެވެ.
މުޢާޒު އިސްތިއުފާ ދެއްވާފައިވާއި މިވަނީ އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެ އެ ކުންފުނީގެ އެމްޑީ ފަޒުލް ރަޝީދުވެސް އިސްތިއުފާ ދެއްވާފައިވަނިކޮށެވެ. އަދި ފެނަކަ ކުންފުނީގައިވެސް ކޮރަޕްޝަންގެ އަމަލުތައް އިންތިހާއަށް ހިނގާކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ.