ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ ދަރިފުޅު ހައްޔަރުކޮށްފި

ނ. ހޮޅުދޫގައި ޒަހަމްތަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ ދޮށީ ފިރިހެން ދަރިފުޅު ނ. ހޮޅުދޫ ނިއު ލައިފް، މޫސާ ރިމްޒީ މިއަދު ހައްޔަރުކޮށްފި އެވެ.

ރިމްޒީ ހައްޔަރުކޮށްފައިވަނީ ރިމްޒީގެ މަންމަގެ މަރުގެ މައްސަލައިގައި އެ ރަށުގައި ހިންގި މާރާމާރީއަކާ ގުޅިގެންކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން ރިމްޒީ ހައްޔަރު ކުރުމުގެ އަމުރު ނެރެދީފައިވަނީ ނ. ހޮޅުދޫ، އަންދަލީބުގެ، އަހުމަދު ޝުޖާއު ނަމަކަށް ކިޔާ މީހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލާގައެވެ. ކޯޓު އަމުރުގައި ވަނީ މޫސާ ރިމްޒީގެ ފަރާތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީއާއި ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށްޓަކައި ހައްޔަރުކުރުމަށެވެ.

މިއަދު ހައްޔަރުކުރި މޫސާ ރިމްޒީގެ މަންމަ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ސެޕްޓެމްބަރުމަހު އޭނާ ދިރިއުޅޭ ގޭގައި ހުރި ގުދަނުގެ ތެރެއިންނެވެ. ޒަކިއްޔާ ފެނުނުއިރު އޭނާގެ ކަރުގައި ފުން ޒަހަމްތަކެއް ހުއްޓެވެ. އަދި ހަށިގަނޑު ކައިރީގައި ވަޅިއެއް އޮއްވާ ފެނުނެވެ.

ޒަކިއްޔާގެ މަރުގެ މައްސަލާގައި ފުލުހުން ވަނީ އޭނާ ނިޔާވެފައިވަނީ އަމިއްލައަށްކަމަށް ކަނޑަ އަޅައި އެކަން އިއުލާން ކޮށްފައެވެ. އަދި އެކަން އިއުލާން ކުރުމާއެކު ޒަކިއްޔާ ނިޔާވެފައި އޮއްވާ ފެނުނު މީހުންވަނީ އެކަން ދޮގުކޮށް އެއީ އަމިއްލައަށް ދިން ޒަޚަމްތަކެއްކަމަށް ގަބޫލު ނުކުރާކަމަށް ބުނެފައެވެ. އަދި އެރަށުގެ ރައްޔިތުން ދާދި ފަހުންވަނީ ޒަކިއްޔާ މަރުވީ އަމިއްލައަށް ނޫންކަމަށާއި، ޝައްކު ކުރެވޭ ކަންތައްތަކެއް ފާހަގަވާ ކަމަށް ބުނެ ޒަކިއްޔާގެ މަރުގެ ފުރިހަމަ ތަހުގީގެއް ހިންގަން ގޮވާލައި މުޒާހަރާއެއްވެސް ބާއްވާފައެވެ.

ޒަކިއްޔާގެ މަރާ ގުޅިގެން ޢާއިލާއިންވެސް ބުނަމުންދަނީ ޒަކިއްޔާގެ ހަށިގަނޑުން ފެނުނު ނިޝާންތަކަކީ މީހެއް ފަރާތުން ލިބިފައިވާ އަނިޔާތަކެއް ނޫން ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވުނަސް އެވާހަކަތައް ޤަބޫލުނުކުރާނެކަމަށް ބުނެފައެވެ. އަދި ޒަކިއްޔާ އަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހަކަށްވިޔަސް، އޭނާ އަމިއްލައަށް މަރުވެދާނެކަމަށް ޢާއިލާއިން ޤަބޫލެއް ނުކުރެއެވެ.

އެހެންނަމަވެސް މި މައްސަލާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވަނީ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި މީހެއްގެ އަތެއްވާކަމުގެ ހެއްކެއް އަދި މިހާތަނަށް ލިބިފައިނުވާކަމަށް ބުނެފައެވެ.

advertisement
ހިޔާލު ދެއްވާ!