ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)އިން ގިނަ އަދަދެއްގެ ލެޕްޓޮޕާއި ލިޔެކިޔުންތަކެއް ވަގަށް ގެންގޮސްފިއެވެ.
މި މައްސަލަ ބަލަމުންގެންދާ ކަން ފުލުހުން ވަނީ މި ނޫހަށް ޔަގީން ކޮށްދީފައެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކަމެއް ހިނގާފައިވަނީ ދެދުވަހެއްގެ މަތިން އިއްޔެއާއި މިއަދު އެވެ.
ގެއްލިފައިވަނީ އެޗްޑީސީގެ ފައިނެންސް ޑިޕާޓްމަންޓްގެ ލެޕްޓޮޕްތަކަކާއި ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ ލިޔެކިޔުންތަކެއްގެ އިތުރުން އެޑިޕާޓްމަންޓުުގެ ލެޕްޓޮޕްތަކެކެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ފަސް ލެޕްޓޮޕް ކަމަށާއި އެތަކެތި ވަގަށްނެގި މީހާ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ވިދާޅުވީ ވަގަށް ނެގި މީހާ ފެނިފައިވީނަމަވެސް އެތަކެތި އަދި ފެނިފައި ނުވާ ކަމަށެވެ.
ފުލުހުން މިހެން ވިދާޅުވެފައި ވީނަމަވެސް ޖުމުލަ 10 ލެޕްޓޮޕާއި ލިޔެކިޔުންތަކެއް ގެއްލިފައިވާ ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. އެތަކެތި ނަގާފައިވަނީ އެޗްޑީސީގެ ފައިނެންސް ޑިޕާޓްމަންޓް އާއި ޕްރޮޖެކްޓް ޑިޕާޓްމަންޓުންނެވެ.
މިފަދަ އެހެން މައްސަލަތަކުގައި މީޑިއާތަކަށް ފުލުހުން އިސްވެ މައުލޫމާތު ދިންނަމަވެސް މި މައްސަލައިގައި ފުލުހުން މައުލޫމާތު މީޑިއާތަކާ ހިއްސާކުރީ "ރިވާޔާ" ނިއުސްއަށް މި މައުލޫމާތު ލިބިގެން ސުވާލު ކުރުމުންނެވެ.