ދިވެހިން ކީރިތި ރަސޫލާގެ މިސްކިތްކޮޅުގައި ރައުޟާއަށް ވަނުމަށް ކިޔު ހަދާފައި.. ފޮޓޯ: ރިވާޔާ ނިއުސް

ޢުމްރާއަށް މީހުން ގެންދިޔުމުގެ އުޞޫލާ ޚިލާފުވާ ފަރާތްތަކުގެ ހުއްދަ ބާޠިލްކުރާނަން: މިނިސްޓަރ ޝަހީމް

ޢުމްރާއަށް މީހުން ގެންދިޔުމުގައި ޢަމަލުކުރުމަށް ގެޒެޓްކޮށްފައިވާ އުޞޫލުތަކާއި ކުންފުނިތަކުން މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމާއި ޚިލާފުވާ ފަރާތްތަކަށް ޤަވާޢިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށާއި އަޅާ ފިޔަވަޅަކީ ހުއްދަ ބާޠިލްކުރުންކަމުގައި ވެދާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވީ ޢުމްރާވެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެކަމެއް ކުރުމުގައި މިނިސްޓްރީން ފަސްނުޖެހޭނެ ކަމަށެވެ. އެގޮތުން ގެޒެޓްކޮށްފައިވާ އުޞޫލުތަކުގެ 19 ވަނަ މާއްދާގެ ވާހަކަ މިނިސްޓަރ ޝަހީމް ވަނީ ޚާއްޞަގޮތެއްގައި ފާހަގަކުރައްވާފައެވެ.

އުޞޫލުގެ 19 ވަނަ މާއްދާގައި ބުނަނީ ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން ޢުމްރާގެ އަޅުކަމަށް ފުރުމުގެ 5 ދުވަސް ކުރިން ދަތުރާ ގުޅޭ މަޢުލޫމާތު މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެކަމަށެވެ. އޭގެތެރޭގައި ޢުމްރާ ދަތުރުގެ ތާރީޚްތަކާއި، ގެންދާ މީހުންގެ ޢަދަދާއި މުޅި ދަތުރު ރޭވިފައިވާ ގޮތް މިނިސްޓްރީއަށް އެންގުމާއި، ޢުމްރާއަށް ގެންދާ މީހުންގެ މަޢުލޫމާތާއި، އެ ފަރާތްތަކުގެ ޓިކެޓާއި، ވިސާއާއި، އެކޮމޮޑޭޝަން ހަމަޖެހިފައިވާކަމުގެ ލިޔުން މިނިސްޓްރީއަށް ހުށަހެޅުމާއި، ކުންފުނީގެ ފަރާތުން ޢުމްރާވެރިންނާ ޙަވާލުވެ ތިބޭ އިސް ދެ ފަރާތެއްގެ މަޢުލޫމާތު މިނިސްޓްރީއާ ޙިއްސާކުރުން ހިމެނެއެވެ.

މީގެ އިތުރުން، ދަތުރު ނިންމާފައި ރާއްޖެ އަންނަތާ 15 ދުވަހުގެ ތެރޭގައި "ޢުމްރާ ދަތުރު ރިޕޯރޓް" މިނިސްޓްރީއަށް ހުށަހެޅުމާއި، އުޞޫލުގައި ބަޔާންކޮށްފައިވާ މިންވަރަށް ދަތުރުގެ ޚަރަދުތަކުގެ ތަފްޞީލް އެމްއެމްއޭއަށް ހުށަހެޅުމާއި، އެ ތަފްޞީލްތަކުގެ ކޮޕީއެއް މިނިސްޓްރީއަށް ހުށަހެޅުން ހިމެނެއެވެ.

އުޞޫލާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެކަމަށް މިނިސްޓަރ ވިދާޅުވެފައިވާއިރު، އެ އުޞޫލުގައި ވަނީ ކުންފުނިތަކާމެދު އަޅާނެ ފިޔަވަޅުތައްވެސް ހިމަނާފައެވެ. އޭގެތެރޭގައި ޖޫރިމަނާކުރުމާއި، ވަގުތީގޮތުން ހުއްދަ ހިފެހެއްޓުމާއި، ހުއްދަ ބާޠިލްކުރުމާއި، ވަކި މުއްދަތަކަށް އެ ކުންފުންޏަށް އަދި ބޯޑް އޮފް ޑިރެކްޓާރސް ގައި ހިމެނޭ އެއްވެސް މީހެއްގެ ކުންފުންޏަކަށް ހުއްދަ ނުދިނުމާއި، ޖިނާއީ ދަޢުވާކުރުމާއި، އެ ކުންފުނިތަކުގެ މަޢުލޫމާތު އާންމުކުރުން ހިމެނެއެވެ.

ރިވާޔާ ނޫހަށް ނުރަސްމީކޮށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، 19 ވަނަ މާއްދާއަކީ އަބަދުވެސް އުޞޫލުގައި އޮންނަ މާއްދާއެކެވެ. އެހެންނަމަވެސް އެ މާއްދާއަށް ޢަމަލުކުރުމަށް ގިނަ ކުންފުނިތަކުން ސަމާލުކަމެއް ނުދެއެވެ. އަދި އެ މާއްދާއާ ޚިލާފުވާ ފަރާތްތަކާމެދު މީގެ ކުރިން ފިޔަވަޅު އަޅާފައެއްވެސް ނުވެއެވެ. އެހެންވެ، މި ޑިސެމްބަރު މަހުގެ ޢުމްރާގައިވެސް ގިނަ ގުރޫޕުތަކުން ދަތުރު ފަށާފައިވަނީ ދަތުރުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ މަޢުލޫމާތު ހުށަނާޅައެވެ.

"ރިވާޔާ" ނޫހަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ، ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން ޢުމްރާގެ އަޅުކަމަށް ފުރުމުގެ ކުރިން ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައިނުވާތީ މިއަހަރުގެ ޑިސެމްބަރުގައި ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔައީ ކިތައް ކުންފުނިންކަމާއި އެކުންފުނިތަކުން ގެންދިޔައީ ކިތައް މީހުންކަމެއް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަކަށްވެސް ނޭނގޭނޭއެވެ.

advertisement
ހިޔާލު ދެއްވާ!